އަޅުގަނޑުމެން ނިދާއިރު އެންމެ ހަރަކާތްތެރިވާނެ ކަމަށް ބެލެވޭ ސިކުނޑީގައި 'ގްލިމްފެޓިކް ނިޒާމް' ނަމަކަށް ކިޔާ ހާއްސަ ނިޒާމެއް ސިކުނޑީގައި ހުންނަ ބޭކާރު ތަކެތި ނައްތާލުމަށް ހަރަކާތްތެރިވެއެވެ.
ނަމަވެސް ނިދުމުގެތެރޭގައި ދިމާވާ އެކި ކަހަލަ މައްސަލަތަކާއި ހުރެ މި ތަކެތި ނައްތާލުމުގައި މި ނިޒާމަށް ހުރަސްއެޅި ސިކުނޑީގައި ހުންނަ ވިހަ މާއްދާތައް ނައްތާލުމުގެ މަސައްކަތްތައް ލަސްވެއެވެ.
މިކަމުގެ ސަބަބުން ސިކުނޑީގައި ވިހަ މާއްދާތައް ފުނިޖެހި ޑިމެންޝިއާގެ ނުރައްކާ އިތުރުވުމުގެ ފުރުސަތު ފަހިވާ ކަމަށް ފަހުގެ ދިރާސާވެރިންގެ ހޯދުންތަކުން ވަނީ ދައްކާފައެވެ.
މިކަމާ ގުޅިގެން މިހާތަނަށް ކުރެވުނު ދިރާސާތާކުގައި ބޭނުންކުރެވިފައި ވަނީ މުޅިން ވެސް މީދާ ކަމަށްވާތީ، އިންސާނުންގެ ކިބައިގައި މި ގްލިމްފެޓިކް ނިޒާމް މަސައްކަތްކުރާ ގޮތާމެދު އަދިވެސް އަންނަނީ ބަހުސްކުރެވެމުންނެވެ.
އެހެންނަމަވެސް މިދިރާސާތަކުން މިހާތަނަށް ހޯދި ހޯދުންތަކުން ޑިމެންޝިއާގެ ނުރައްކާ ކުޑަކުރެވިދާނެ ކަމުގެ އުއްމީދު އާލާވެއްޖެކަމަށް ދިރާސާވެރިން ވަނީ ބުނެފައެވެ.

ޑިމެންޝިއާ އަކީ މިފަހަކަށް އައިސް ވަރަށް ގިނަ ބައެއްގެ މެދުގައި އާއްމުވަމުން އަންނަ ބައްޔެއް ކަމަށް ސިއްހީ އެކި އެކި ދިރާސާތަކުން ދައްކާ--ފޮޓޯ/އޭޖްސްސްކޮޓްލޭންޑް
އިންސާނާއަށް ރޭގަނޑުގެ ހަމަ ނިދި ރަނގަޅަށް ލިބިއްޖެނަމަ އެކަމުގެ ސަބަބުން ސިކުނޑީގައި ހުންނަ ވިހަ މާއްދާތައް ނައްތާލުން އިތުރުވެ އޭގެ ސަބަބުން ޑިމެންޝިއާގެ ނުރައްކާ ކުޑަވެދާނެ ކަމުގެ އުއްމީދު އެބައޮތްކަމަށް ދިރާސާވެރިން ވަނީ ބުނެފައެވެ.
މުޅިން އަލަށް ހޯދުނު މިދިރާސާގެ ހޯދުންތަކުން އެނގުނު ގޮތުގައި ހަށިގަނޑުގެ ހުރިހާ ސެލްތަކަކީ ވެސް ކުނި ނުވަތަ ވިހަ މާއްދާތައް އުފެދޭ ސެލްތަކެއް ކަމަށް ވުމުން މީގެކުރިން ސިނކުނޑީގައި ހުންނަ ވިހަ މާއްދާތައް ނައްތާލާނީ ކިހިނެއްކަން ހޯދިފައެއް ނެތެވެ.
އެހެންނަމަވެސް ސިކުނޑީގައި ހުންނަ 'ގްލިމްފެޓިކް ނިޒާމް' ސައިންޓިސްޓުންނަށް ދެނެގަނެވި އެ ނިޒާމުގެ އެހީގައި ވިހަ މާއްދާތައް ސާފުކޮށްދިނުމަށް އެހީތެރިވާކަން މިވަނީ ދެނެގަނެވިފައެވެ.
ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ރަނގަޅަށް ނިދުމަކީ ފައިދާހުރި ކަމެއްކަން ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާއިރު ހަށިގަނޑަށް ބޭނުންވާ ފުރިހަމަ ނިދި މަދުން ލިބޭނަމަ ކުރު މުއްދަތެއްގެ ތެރޭގައި އެކަމުގެ ނޭދެވޭ އަސަރު ސިކުނޑިއަށް ފޯރާކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ހަމައެއާއެކު ރަނގަޅަށް ނިދުމަކީ ހަނދާން ގަދަކޮށްދިނުމަށް އެހީތެރިވާ ކަމެއް ކަމަށް ސިއްހީ މާހިރުން ދަނީ އަބަދުވެސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެމުންނެވެ.
ކޮންމެއަކަސް މިހާރު މަސައްކަތް ކުރެވެމުންދާ މި ދިރާސާތަކުން ދައްކުވައިދޭ ގޮތުގައި ދުޅަހެޔޮ ސިކުނޑިއަކަށް އެދޭނެމަ އެކަމަށް އެކަށީގެންވާ ވަރަށް ނިދި ހަށިގަނޑަށް ބޭނުންވެއެވެ.
ހަމައެއާއެކު އެއީ ޑިމެންޝިއާއާ ގުޅުންހުރި ވިހަ މާއްދާތަކެއް ސިކުނޑިން ނައްތާލުމަށް އެހީތެރިވެދޭ ކަމެއް ކަން ވެސް މި ދިރާސާތަކުގެ ދިރާސާވެރިން ވަނީ ހޯދާފައެވެ.
ނަމަވެސް ނިދުމުގެ ކަންކަމަށް ފަރުވާ ކުޑަކޮށްފިނަމަ ސިކުނޑީގައި ހުންނަ ވިހަތައް ނައްތާލުމުގެ ގާބިލުކަމަށް އަސަރުކުރޭތޯ އަދި އެކަމުން ޑިމެންޝިއާގެ ނުރައްކާ ކުޑަކުރެވޭނެތޯ އެއީ އަދިވެސް ޖަވާބު ބޭނުންވާ ކަންކަން ކަމަށް މި ދިރާސާގެ މާހިރުން ވަނީ ބުނެފައެވެ.
އެހެންކަމުން ނިދުމުގައި މައްސަލަތަކެއް ކުރިމަތިވާނަމަ އެކަމާ ގުޅުންހުރި ސިއްހީ މާހިރެއްގެ ލަފާ ހޯދުމަށް މި ދިރާސާގެ މާހިރުން ވަނީ އިރުޝާދު ދީފައެވެ.