މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ދުނިޔޭގެ މަޝްހޫރު މިއުޒިކް ބޭންޑު ކޯލްޑް ޕްލޭއިން އެމެރިކާގައި ދިން ކޮންސެޓްގެ ތެރެއިން ފަޟީހަތްވި ދެ ލޯބިވެރިންގެ ތެރެއިން ކްރިސްޓިން ކެބޮޓް އޭނާގެ ފިރިމީހާގެ ގާތުން ވަރިވުމަށް އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ދަ ޑެއިލީ މެއިލްގައި ބުނެފައިވާ ގޮތުން އެމެރިކާގެ ނިއު ހެމްޝާގެ ޕޯޓްސްމައުތު ކޯޓަށް ވަރީގެ މައްސަލަ ކްރިސްޓަން ހުށަހަޅާފައި ވަނީ މި ނިމުނު އޮގަސްޓް މަހުތެރޭއެވެ.
މި ވަރީގެ މައްސަލަ ކްރިސްޓަންއާ އެއްކޮޅަށް ކޯޓުން ނިންމައިފިނަމަ މި ވަރީގެ މައްސަލަ ވާނީ ކްރިސްޓަން ކެބޮޓްގެ ފިރިމީހާ އެންޑްރޫ ކެބޮޓްގެ ތިން ވަނަ ކައިވެނި ވެސް ރޫޅި އޭނާގެ ހަޔާތުގެ ތިން ވަނަ ވަރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކްރިސްޓިން ކެބޮޓް އޭނާގެ ސިއްރު ލޯބިވެރިޔާ އެންޑީ ބައިރަންއާ އެކު ކޯލްޑްޕްލޭ ޝޯގައި--ފޮޓޯ/އިންޑިއާޓުޑޭ
އެމެރިކާގެ ފޮކްސްބޮރޯގެ ޖިލެޓް ސްޓޭޑިއަމްގައި ކުރިއަށްދިޔަ ކޯލްޑްޕްލޭ ކޮންސެޓުގައި ގިނަ ބައެއްގެ ސަމާލުކަން ކްރިސްޓަން އާއި އޭނާގެ ސިއްރު ލޯބިވެރިޔާ އެންޑީ ބައިރަންއަށް ލިބުނީ ކޯލްޑްޕްލޭއިން އެ ބޭންޑުގެ ކޮންސެޓަށް ގޮސް ތިބޭ ލޯބިވެރިން ދެއްކުމަށް ހާއްސަކޮށްފައި ހުންނަ 'ކިސް ކެމް'ގެ ސްކްރީނަށް ދެ މީހުންގެ ގައިގޯޅި މަންޒަރުތަކެއް އެރުމާ ގުޅިގެންނެވެ.
އެ ކެމެރާއަށް ދެ މީހުންނާ ދިމާލަށް އެޅުވި ވަގުތު އޭންޑީ ވަނީ ކެމެރާއަށް ނާރާ ފިލަން މަސައްކަތްކޮށްފައެވެ. މި ކޮންސެޓުގައި ފަޟީހަތްވެ ގިނަ ބައެއްގެ ސަމާލުކަން ހޯދި އެންޑީ ބައިރަން އަކީ އެމެރިކާގެ މަޝްހޫރު ޓެކް ކުންފުނި އެސްޓްރޯނޯމާ ކުންފުނީގެ ސީއީއޯގެ މަގާމުގައި އޭރު ހުރި މީހެކެވެ.
އޭނާގެ ލޯބިވެރިޔާ ކްރިސްޓަން ކެބޮޓް އަކީ އެ ކުންފުނީގެ ޗީފް އެޗްއާރު އޮފިސަރުގެ މަގާމު އަދާކުރަމުން ދިޔަ މީހެކެވެ. މި ދެ މީހުން ސިއްރު ލޯބީގެ ގުޅުމެއް ކުރިއަށް ގެންދިޔައިރު ދެ މީހުންނަކީ ވެސް ކައިވެންޏެއްކޮށް ކުދިން ވެސް ތިބި ދެ މީހުންނެވެ.
ދެ މީހުންގެ ވީޑިއޯ މީސްމީޑިއާގައި ވައިރަލްވުމާ ގުޅިގެން ޖެހިގެން އައި ދުވަހު އެންޑީ ބައިރޮން ވަނީ އޭނާގެ މަގާމުން އިސްތިއުފާދީފައެވެ. ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ކްރިސްޓަން ވެސް ވަނީ އޭނާގެ މަގާމުން އިސްތިއުފާދީފައެވެ. ނަމަވެސް އެކަން އެ ކުންފުނިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ކްރިސްޓަން އޭނާގެ ފިރިމީހާގެ ގާތުން ވަރިވުމަށް މައްސަލަ ކޯޓަށް ހުށަހަޅާފައި މިވަނީ އެ ހާދިސާ ހިނގިތާ މަހެއްހާ ދުވަސްވާން ކައިރިވެފައި ވަނިކޮށެވެ.