މަގާމަށް ވަޑައިގެންނެވިތާ އަހަރެއް ނުވަނީސް ޖަޕާނުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ޖަޕާނުގެ ބޮޑުވަޒީރު ޝިގޭރޫ އިޝިބާ: އެމަނިކުފާނު ވަނީ މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރުވެސް ނުވަނީސް މަގާމުން އިސްތިއުފާ ދެއްވާކަން އިއުލާނުކުރައްވާފައި -- ފޮޓޯ/އޭއެފްޕީ

ބޮޑު ދެ އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުން، ވެރިކަމަށް އަހަރެއް ވެސް ނުވަނީސް ޖަޕާނުގެ ބޮޑުވަޒީރު ޝިގޭރޫ އިޝިބާ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ޖަޕާނުގައި ވެރިކަންކުރާތާ 70 އަހަރު ވެފައިވާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)ގެ ކެންޑިޑޭޓެއްގެ ގޮތުގައި އިޝިބާ ވެރިކަމަށް ވަޑައިގަތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހެވެ.

އޭގެ ފަހުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއަށާއި މަތީގެއަށް މެންބަރުން އިންތިޚާބު ކުރުމަށް ދެ އިންތިޚާބު ވަނީ ބާއްވައިފައެވެ. އެގޮތުން ތިރީގެއަށް މެންބަރުން ހޮވަން ބޭއްވި އިންތިޚާބުގައި، އެލްޑީޕީއަށް ވަނީ ފާއިތުވި 15 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އަޣުލަބިއްޔަތު ގެއްލިފައެވެ. އަދި ޖުލައި މަހު، ޕާލިމެންޓްގެ މަތީގެއަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ވެސް އެ ޕާޓީއަށް ވަނީ އަޣުލަބިއްޔަތު ގެއްލިފައެވެ.

އެ މައްސަލައިގައި، އެލްޑީޕީން ދިޔައީ، ޕާޓީއަށް އާ ލީޑަރަކު ހޮވަން ވޯޓެއް ނެގުމާ ގުޅޭ ގޮތުން މަޝްވަރާކުރަމުންނެވެ. އެފަދަ ވޯޓެއް ނަގައި، އިޝިބާ ނާކާމިޔާބުވެއްޖެ ނަމަ، މަގާމު ވެސް ގެއްލޭނެއެވެ.

އެލްޑީޕީގެ ބައެއް މެންބަރުން އިސްތިއުފާއަށް ގޮވާލަމުން ދިޔައިރު އިޝިބާ ގެންދެވީ، އެމެރިކާއިން އިމްޕޯޓް ޑިއުޓީ އިތުރުކުރުމާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަކީ ބޮޑުވަޒީރުގެ ޒިންމާއެއް ކަމަށް ވިދާޅުވެ، އިސްތިއުފާ ދެއްވުން ފަސްކުރައްވަމުންނެވެ. އެ މަޝްވަރާތައް ނިމުމުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

"މިހާރު އެމެރިކާގެ ޓެރިފް ފިޔަވަޅުތަކާ ގުޅޭ މަޝްވަރާތައް ނިންމުމަކަށް އައިސްފައިވާއިރު، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ހަމަ އެންމެ އެކަށީގެންވާ ވަގުތު،" އިޝިބާ ވިދާޅުވިއެވެ.

އެމެރިކާއާއެކު ކުރި މަޝްވަރާތަކަށް ފަހު އެ ގައުމުން ވަނީ ޖަޕާނުގެ ކާރުތަކާއި އެހެނިހެން އެކްސްޕޯޓްތަކުން ނަގާ ޓެރިފަށް ލުއިތަކެއް ދިނުމަށް މިދިޔަ ހަފުތާގައި އެއްބަސްވެފައެވެ.

ޗައިނާއާ އޮންނަ ގުޅުން ހީނަރުވެ، ސަރަހައްދީ ނުރައްކާތެރިކަން އިތުރުވެ، ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ބޮޑު އިގުތިސާދު އޮންނަ އަދި އެމެރިކާގެ މުހިންމު އެކުވެރިއެއް ކަމަށްވާ ޖަޕާނު މިހާރު ވަނީ ސިޔާސީ ގޮތުން ހަލަބޮލިވެފައެވެ.

އިޝިބާ ވެރިކަމަށް ވަޑައިގަތީ ތަކެތީގެ އަގު ތިރިކޮށް އިގްތިސާދު ހަމަޔަކަށް އަޅުއްވާނެ ކަމުގެ ވައުދާއެކުގައެވެ. ނަމަވެސް އިގްތިސާދީ ގޮންޖެހުންތަކާއެކު ގައުމުގެ ދިރިއުޅުމުގެ ޚަރަދުތައް އިތުރުވުމާއި، އެމެރިކާއާއެކު އޮތް ގުޅުން ހީނަރުވުމުގެ ސަބަބުން އާންމުންގެ އިތުބާރު ހޯދަން އުނދަގޫވެވަޑައިގަތެވެ.

އާންމުންގެ ތާއީދު ބޮޑަށް ދަށްވި ސަބަބުތަކުގެ ތެރޭގައި ކެބިނެޓަށް އެންމެ ދެ އަންހެނުން އައްޔަން ކުރަން ނިންމުމާއި ޕާޓީގެ މެމްބަރުންނަށް އަގުބޮޑު ހަދިޔާތައް ބެހުން ފަދަ ސަބަބުތައްވެސް ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް