މާލޭގެ ކަނޑުތޮށި ވަރުގަދަކޮށް، ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދުން ހިމެނޭހެން، ފިނޭންސް މިނިސްޓްރީއާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ ދެމެދު މާލޭގައި ކާރިސާތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމަށް ހިންގޭ މަޝްރޫއުގެ އިމާރާތްކުރުމުގެ މަރުޙަލާގެ އެހީގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ
ފިނޭންސް މިނިސްޓްރީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ޙަސަން މިރާސްއެވެ. އަދި ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ޖައިކާ މޯލްޑިވްސް އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޓަކި މޮޓޮއޯއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން 1.56 ބިލިއަން ޔެން (ގާތްގަނޑަކަށް 10.5 މިލިއަން އެމެރިކާ ޑޮލަރު)ގެ ހިލޭ އެހީ ރާއްޖެއަށް ލިބޭނެ ކަމަށާއި، މި އެހީގެ ދަށުން މާލޭގެ ކަނޑުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދައި، އުދައާއި ބޯކޮށް ވެހޭ ވާރޭން ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނެ ކަމަށެވެ.
މި އެހީގެ އެއްބަސްވުމަކީ މިދިޔަ ޖުލައި މަހުގެ 26ވަނަ ދުވަހު ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ކުރެވުނު އެއްބަސްވުމެއް ކަމަށާއި، މި މަޝްރޫޢުގެ މަގްސަދަކީ މާލޭގައި ކާރިސާތަކަށް ތައްޔާރުވުން ހަރުދަނާކޮށް، ދިރިއުޅުމާއި އިގްތިސޯދީ ހަރަކާތްތަކާއި މުޖުތަމައުގެ ރައްކާތެރިކަން ހަރުދަނާކުރުން ކަމަށް، އެ މިނިސްޓްރީން ބުންޏެވެ.
ޑިސެމްބަރު 26، 2004ގައި ރާއްޖެއަށް އެރި ސުނާމީ އާ ގުޅިގެން، ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ދިން ގައުމުތަކުގެ ތެރޭގައި ޖަޕާން ހިމެނެއެވެ. މާލެ ވަށައިގެން ބިނާކޮށްފައިވާ ކަނޑުތޮށްޓަކީ ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ބިނާކޮށްފައިވާ ތަނެކެވެ.