ރިކޯޑު ހެދި ހަވައާއި ޑްރޯން ޝޯގެ ޚަރަދު ސިއްރު

ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ޑްރޯން ޝޯއަށް ކުރި ޚަރަދު ހާމައެއް ނުކުރި -- ފޮޓޯ/ ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ ބައެއް ހުޅުވަން ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ޑްރޯން ޝޯއަށް ކުރި ޚަރަދާއި އެ ޑްރޯންތައް ޖޭމްވުމުގެ ސަބަބުން ދޭންޖެހުނު ބަދަލުގެ މައުލޫމާތުގެ އިތުރުން، ރިކޯޑު ފޮތުން ޖާގަ ހޯދި ހަވާ އަރުވަން ކުރި ޚަރަދު ވެސް ސިއްރުކުރަން އެއާޕޯޓު ހިންގާ އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު ނިންމައިފިއެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވީ ވަރަށް ކުލަގަދަ ރަސްމިއްޔާތަކުންނެވެ. އެ ރަސްމިއްޔާތުގައި ވަނީ ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދި ކުލަގަދަ ހަވައެއް ވެސް އަރުވާފައެވެ.

އެ ރަސްމިއްޔާތަށް ކުރި ޚަރަދު ހޯދަން 'ސަން'އިން އެދުނީ ޖުލައި 27 ގައެވެ.

https://sun.mv/209136

އެކަމަކު، އޭގެ ފަހުން އޮގަސްޓް މަހުގެ ފަސްވަނަ ދުވަހު އެމްއޭސީއެލުން ވަނީ ޖަވާބުދޭން އިތުރު މުއްދަތު ބޭނުންވުމުން އޮންނަ ފުރުސަތުގެ ތެރެއިން އިތުރު 14 ދުވަސް އިތުރުކޮށްފައެވެ. ހުށަހެޅުމަށް ދޮޅު މަހެއްހާ ދުވަސް ފަހުން މިއަދު އެ ކުންފުނިން ވަނީ އެއްވެސް ތަފުސީލެއް ނެތް ޖަވާބެއް ދީފައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައިގަނޑު ތިން މައުލޫމާތެއް ހޯދަން ވަނީ އެދިފައެވެ. އެއީ، އެ ރަސްމިއްޔާތައް ކުރި އެންމެހައި ޚަރަދުތަކާއި އެ ޚަރަދުތަކުގެ ތަފުސީލާއި، ޑްރޯން ޝޯއާއި ހަވާއެރުވުމަށް ކުރި ޚަރަދުގެ އިތުރުން ޑްރޯންތައް ޖޭމްވުމުގެ ސަބަބުން ބަދަލެއް ދޭން ޖެހުނު ނަމަ އެ ކަމަށް ޚަރަދުވި ފައިސާއެވެ.

އެމްއޭސީއެލުން މިއަދު ބުނީ، އެ ރަސްމިއްޔާތަށް ހޯދި ބައެއް ޚިދުމަތްތަކަކީ ތިންވަނަ ފަރާތަކާ އެކު ސިއްރު ހިފަހައްޓަންޖެހޭ މައުލޫމާތެއް ކަމަށެވެ. އެހެންވެ، އެ ޚިދުމަތްތައް ނުލައި، ހާމަކުރެވެން ހުރި ކަންކަމަށް އެކަނި 18.9 މިލިއަން ރުފިޔާ ޚަރަދުވި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކަމަކު އެއީ ކޮން ކަމަކަށް, ކިހިނެއް ހަރަދުކުރި 18 މިލިއަން ރުފިޔާއެއް ކަމެއް ނުބުނެއެވެ. އެ ތަފްސީލަށް އެދުނު ނަމަވެސް އެއްވެސް ތަފްސީލެއް ނުދެއެވެ.

އެއާޕޯޓު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވަނީ އެއް ފަހަރާ، އެއް ވަގުތެއްގައި މާލެ ވަށައިގެން 19 ސަރަހައްދަކުން ހަ މިނެޓަށް ހަވާ އެރުވިއެވެ. އެހެންވެ، އެކަން ވަނީ ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދައިފައެވެ. އަދި، އެ ރަސްމިއްޔާތުގައި ވަނީ ޑްރޯން ޝޯއެއް ވެސް ބާއްވާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެ ރަސްމިއްޔާތަށް ކުރި ޚަރަދުގެ ތެރެއިން ހާމަކުރެވެން ހުރި ކަންކަމަށް 18 މިލިއަން ރުފިޔާ ހޭދަވި -- ފޮޓޯ/ ރައީސް އޮފީސް

ފަހުން އެ ޑްރޯންތައް ޖޭމްވެ، ގިނަ އަދަދެއްގެ ޑްރޯންތައް އެކި ދިމަދިމާއަށް ވެއްޓުނެވެ. އެކަމުގެ ސަބަބުން ގިނަ ވަގުތުތަކެއް ވަންދެން ރާއްޖޭގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި ވެސް ބާއްވަން ޖެހުނެވެ.

އެކަމަކު، އެ ރިކޯޑު ހަދަން ކުރި ޚަރަދުގެ އެއްވެސް ތަފުސީލެއް ވެސް އަދި ޑްރޯން ޝޯއާއި ޖޭމްވުމުގެ ސަބަބުން ބަދަލެއް ދޭން ޖެހުނު ނަމަ، ދޭން ޖެހުނު މިންވަރެއް ވެސް އެމްއޭސީއެލުން ހާމަކޮށްފައެއް ނުވެއެވެ. އެހެންވެ، ކުލަގަދަ ރަސްމިއްޔާތަށް ޖުމުލަ ހޭދަވި މިންވަރެއް ވެސް ނޭނގެއެވެ.

ވީއައިއޭގެ އާ ޓާމިނަލް އަދިވެސް އެއްކޮށް ބޭނުންކުރާކަށް ނުފަށައެވެ. އެމްއޭސީއެލުން ކުރިން ވަނީ ފަހަރަކު އެއާލައިނެއް ބަދަލުކުރަމުން ގޮސް، ހުރިހާ އެއާލައިނެއް ވެސް އާ ޓާމިނަލަށް ބަދަލުކުރާނެ ކަމަށް ބުނެފައެވެ. އެ ގޮތުން، މިހާރު ވަނީ ބައެއް އެއާލައިންތައް އާ ޓާމިނަލަށް ބަދަލުކޮށްފައެވެ.

ވީއައިއޭ ތަރައްގީކުރަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2016 ވަނަ އަހަރެވެ. އާ ޓާމިނަލް ހުޅުވީ 60ވަނަ މިނިވަން ދުވަހާ ގުޅުވައި މިދިޔަ މަހު 26 ގައެވެ. އާ ޓާމިނަލަކީ 7.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ޓާމިނަލެކެވެ. އެ ޓާމިނަލަށް ހަ ބިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

comment ކޮމެންޓް