ތައިލެންޑަށް ޒިޔާރަތްކުރާ ބިދޭސީ ފަތުރުވެރިންނަށް، އެ މީހުންގެ އަތުގައި ހުރި ކްރިޕްޓޯކަރަންސީ އެ ގައުމުގެ ފައިސާ, ބާތުއަށް ބަދަލުކޮށް، އެތަނުގެ ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ގޮތް ހަދައިދޭ 18 މަސް ދުވަހުގެ ޕައިލެޓް ޕްރޮގްރާމެއް ފެށުމަށް ތައިލެންޑުގެ ސަރުކާރުން ނިންމައިފިއެވެ.
މިކަން އިއުލާންކޮށްފައިވަނީ އިއްޔެ އެ ގައުމުގެ ކަމާބެހޭ އޮފިޝަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ޕްރޮގްރާމް ފެށުމުގެ މައިގަނޑު މަގްސަދަކީ، ދެކުނު އިރުމަތީ އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދުގެ މައި ތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް ދިރުމެއް ގެނައުމެވެ. އެގޮތުން ފަހަކަށް އައިސް ތައިލެންޑަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވެފައިވާތީ، މިފަދަ އާ ހިދުމަތެއް ތައާރަފްކޮށްގެން ފަތުރުވެރިން ކުރާ ޚަރަދު އިތުރުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވެއެވެ.
ތައިލެންޑުގެ ފިނޭންސް މިނިސްޓަރު ޕިޗައި ޗުންހަވަޖިރާ ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން ފަތުރުވެރިންނަށް ކްރިޕްޓޯ ބަދަލުކުރެވޭނީ ތައިލެންޑުގައި ގާއިމްކޮށްފައިވާ ކްރިޕްޓޯ އެކްސްޗޭންޖް ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. އެއަށްފަހު، މި ފައިސާ އޮންލައިން ވޮލެޓް އެޕްލިކޭޝަންތަކަށް ޖަމާކުރެވި، އެތަނުގެ ވިޔަފާރިތަކަށް ފަސޭހައިން ފައިސާ ދެއްކޭނެއެވެ.
"މި ޕްރޮޖެކްޓުގެ ސަބަބުން ފަތުރުވެރިކަމަށް އިތުރު އެހީއެއް ލިބިގެންދާނެ،" ޕިޗައި ވިދާޅުވިއެވެ.
އެ ގައުމުގެ ފިނޭންސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ލަވަރޮން ސަންގްސްނިތް ވިދާޅުވި ގޮތުގައި، މަނީ ލޯންޑަރިން ފަދަ ކަންކަން ހުއްޓުވުމަށާއި، މި ނިޒާމު ޓެސްޓްކުރުމުގެ ގޮތުން، ފައިސާ ބަދަލުކުރެވޭނެ އެންމެ މަތީ އަދަދަކީ 550،000 ބާތު (ގާތްގަނޑަކަށް 16،949 އެމެރިކާ ޑޮލަރު) ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ޕައިލެޓް މުއްދަތު ހަމަވުމުން މި އަދަދަށް ބަދަލުގެނައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ތައިލެންޑުގެ ދައުލަތުގެ ޕްލޭނިންގ އޭޖެންސީން ވަނީ 2025 ވަނަ އަހަރު އެ ގައުމަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރި ފަތުރުވެރިންގެ އަދަދު 10 އިންސައްތަ ދަށްކޮށް، 33 މިލިއަނަށް ތިރިކޮށްފައެވެ.
މި އަދަދަކީ ކޯވިޑް-19 ގެ ހާލަތުގެ ކުރިން، 2019 ވަނަ އަހަރު ރެކޯޑް އަދަދަކަށް ފަތުރުވެރިން (39.9 މިލިއަން) ޒިޔާރަތްކޮށް، 1.91 ޓްރިލިއަން ބާތުގެ އާމްދަނީއެއް ލިބުނު މިންވަރާ އަޅާބަލާއިރު ވަރަށް ބޮޑުތަން ދަށް އަދަދެކެވެ.
ތައިލެންޑުގެ އިގްތިސާދަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ އިގްތިސާދެކެވެ. އަދި މިއީ ކޯވިޑް-19 ގެ ކުރިން އެގައުމަށް އެންމެ ބޮޑު އާމްދަނީއެއް ލިބި، ވަޒީފާގެ އެންމެ ގިނަ ފުރުސަތުތައް އުފައްދައިދިން އެއް ސިނާއަތެވެ. ނަމަވެސް، ކޯވިޑް-19 ގެ ސަބަބުން މި ދާއިރާއަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ.
އުންމީދުކުރި ވަރަށްވުރެ އަވަހަށް އަލުން އަރައިގަތުމަށް ދަތިވެ، ފަތުރުވެރިންގެ އަދަދު އަދިވެސް 2019 ވަނަ އަހަރުގެ އަދަދުތަކާ އަޅާބަލާއިރު ހުރީ ވަރަށް ދަށުގައެވެ. މިކަމުގެ ހައްލެއްގެ ގޮތުން، ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ފަތުރުވެރިން ޝައުޤުވެރި ކުރުމަށްޓަކައި އާ އީޖާދީ ގޮތްތައް ހޯދަމުންނެވެ.
ކްރިޕްޓޯ ފައިސާ ބަދަލުކުރުމުގެ ފުރުސަތު ދިނުމަކީ، ޓެކްނޮލޮޖީއަށް އަހުލުވެރި އަދި ޑިޖިޓަލް ފައިސާ ބޭނުންކުރުމަށް ޝައުގުވެރިކަން ހުންނަ ޒަމާނީ ފަތުރުވެރިންގެ ސަމާލުކަން ހޯދުމަށް އެޅިފައިވާ ސްޓްރެޓެޖިކް ފިޔަވަޅެކެވެ. އަދި މިއީ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި، އާ މާލީ ޓެކްނޮލޮޖީތަކުގެ ފައިދާ ހޯދުމަށް ސަރުކާރުތަކުން މަސައްކަތްކުރަމުން އަންނަކަން ދައްކުވައިދޭ ކަމެކެވެ.