އިމުގެ މައްސަލައިގައި ތައިލެންޑާއި ކެމްބޯޑިއާ ކުރަމުންދާ ހަނގުރާމައިގައި ތައިލެންޑުން އިތުރު ހަމަލާތަކެއް ދީފި ކަމަށް ކެމްބޯޑިއާއިން ބުނެފިއެވެ.
ތައިލެންޑްގެ އަސްކަރީ ހަނގުރާމަވެރި ޖެޓެއް ބޯޑަރު ސަރަހައްދަށް ތިން ބޮން ވައްޓާލި ކަމަށް ކެމްބޯޑިއާގެ ދިފާއީ ވުޒާރާއިން އިއްޔެ ވަނީ ބުނެފައެވެ. ދިފާއީ ވުޒާރާގެ ތަރުޖަމާނު މާލީ ސޮޗެއާޓާ ތުހުމަތުކުރެއްވި ގޮތުގައި ހުރިހާ ބާވަތެއްގެ ބަރު ހަތިޔާރު ބޭނުންކޮށް، ގިނަ އަދަދެއްގެ ސިފައިން ފޮނުވައިގެން ކެމްބޯޑިއާ ސަރަހައްދަށް އަރައިގަތުމަށް ތައިލެންޑުން މަސައްކަތްކުރަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށެވެ.
ބުދަ ދުވަހުގެ ރޭ ކެމްބޯޑިއާއިން ވެސް ތައިލެންޑުގެ ސަރަހައްދުތަކަށް އާޓިލަރީއާއި މޯޓާސް ބޭނުންކޮށްގެން ހަމަލާ ދީފައި ކަމަށް ތައިލެންޑުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. އެހެންވެ، ކެމްބޯޑިއާގެ ކިބައިން ބަދަލު ހިފާފައިވަނީ ހަމަ އެ ބާވަތުގެ ބަރު ހަތިޔާރު ބޭނުންކޮށްގެން ކަމަށް ތައިލެންޑު އަސްކަރިއްޔާއިން ބުންޏެވެ.

ހަމަލާތަުގެ ސަބަބުން ބޯޑަރު ސަރަހައްދުން ނިކުތް ބަޔަކު ކެމްބޯޑިއާގެ ސިމް ރީޕް ޕްރޮވިންސްގެ ސްރެއި ސްނަމްގައި ހުރި ރެފިއުޖީ ކޭމްޕެއްގައި މަޑުކޮށްގެން. ފޮޓޯ/ރޮއިޓާސް
ނަމަވެސް، ތައިލެންޑްގެ ވައިގެ ސިފައިންގެ ތަރުޖަމާނު އެއާ މާޝަލް ޖެކްކްރިޓް ތަމްމަވިޗައި ވައިގެ ހަމަލާތައް ދިންކަން ކަށަވަރުކޮށްދީފައެއް ވެސް އަދި އެކަން ދޮގުކޮށްފައެއް ވެސް ނުވެއެވެ.
"ތައިލެންޑްގެ އިސްތިގުލާލާއި ސަލާމަތާއި ތައިލެންޑްގެ ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާ ހުރިހާ މަސައްކަތެއް އިދިކޮޅު ފަރާތުން ހުއްޓާލާންދެން ވައިގެ ސިފައިންގެ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ" ޓީވީން ދެއްކި ވާހަކަފުޅެއްގައި އޭނާ ވިދާޅުވިއެވެ.
ހޯމަ ދުވަހުން ފެށިގެން ދިން ހަމަލާތަކުގައި ތައިލެންޑް ސިފައިންގެ ނުވަ މީހަކު މަރުވެފައިވާ ކަމަށް ތައިލެންޑްގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.
ހަމަލާތަކުގެ ސަބަބުން އާންމުންގެ ހަތަރު މީހުން ވެސް މަރުވެފައިވާއިރު، އެ މީހުން މަރުވީ ސީދާ ހަމަލާ އަމާޒުވެގެން ނޫން ކަމަށް އޮފިޝަލުން ހާމަކުރެއެވެ. އެ މީހުންނަކީ ކުރިން ވެސް ސިއްޙީ މައްސަލަތަކެއް ހުރި ބައެއް ކަމަށާއި މަރުވީ ހަމަލާދޭ ސަރަހައްދު ދޫކޮށް ދާން އުޅުނު ވަގުތުގައި ކަމަށް އޮފިޝަލުން ބުނެއެވެ.
އަދި، 120 އަށް ވުރެ ގިނަ ސިފައިން ޒަޚަމުވެފައިވާ ކަމަށް ވެސް ތައިލެންޑުގެ އަސްކަރިއްޔާއިން ބުނެއެވެ. ކެމްބޯޑިއާ އިން 11 އާންމުން މަރުވެފައިވާއިރު، އިތުރު 74 މީހަކު ޒަޚަމުވެފައިވާ ކަމަށް އެ ގައުމުން ވެސް ވަނީ ބުނެފައެވެ.

ތައިލެންޑްގެ ސޫރިން ޕްރޮވިންސްގައި، ޒަހަމްވެފައިވާ ތައިލެންޑް ސިފައިންގެ މީހަކު ހޮސްޕިޓަލަށް ގެންދިއުމަށް ހެލިކޮޕްޓަރަށް އަރުވަނީ. ފޮޓޯ/އޭޕީ
ހަމަލާތައް އިސްވެ ދޭން ފެށި ކަމަށް ދެ ގައުމުން ވެސް ތުހުމަތުކުރާއިރު، ބޯޑަރު ހުރަސްކޮށް ދޭ ވައިގެ ހަމަލާތަކުގެ ސަބަބުން ބައި މިލިއަނަށް ވުރެ ގިނަ އާންމުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމަށް ވެސް ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.
ކެމްބޯޑިއާއި ތައިލެންޑާއި ދެމެދު އެންމެ ފަހުން ހަމަލާތައް ބަދަލުކޮށްފައިވަނީ މިދިޔަ ޖުލައި މަހެވެ. އޭގެ ފަހުން ހަނގުރާމަ މެދުކަނޑާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މެދުވެވެރިވެޑައިގެން ހަނގުރާމައަށް ނިމުމެއް ގެނެސް ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރިއެވެ.
ނަމަވެސް، މިދިޔަ މަހު ލޭންޑްމައިނެއް ގޮވައި ތައިލެންޑުގެ ސިފައިންގެ މީހަކު ޒަޚަމުވުމުން، އެއްބަސްވުން ތަންފީޒު ނުކުރާނެ ކަމަށް ތައިލެންޑުން ވަނީ ބުނެފައެވެ. އޭގެ ފަހުން މިހާރު ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލުމަށް އެދި ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވާނެ ކަމަށް ޓްރަމްޕް އަނެއްކާ ވެސް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، ތައިލެންޑްގެ ޚަރިޖީ ވަޒީރު ސިހާސާކް ފުއަންކެޓްކޭއާ ހަވާލާދީ އަލްޖަޒީރާއިން ބުނީ، ބޯޑަރު ހަމަނުޖެހުމުގައި މަޝްވަރާ ކުރުމުގެ ފުރުސަތު ނެތް ކަމަށާއި ހަމަލާތައް ދޭން ފެށީ ތައިލެންޑުން ނޫން ކަމަށެވެ.
ދެ ގައުމުގެ މެދުގައި މައްސަލަ ބޮޑުވެފައި އޮންނަނީ ލާއޯސްއާ އެކު ބޯޑަރުން ގުޅޭ ހިސާބުގައި އޮންނަ އެމަރަލްޑް ޓްރައިއެންގަލް ނަމަކަށް ކިޔާ ސަރަހައްދަކާ މެދުގައެވެ. އެއީ، ކުރީ ޒަމާނުގެ ފައްޅިތަކާއި އާސާރީ ތަންތަން ގިނަ ހިސާބެކެވެ.