އެއާ އެރޭބިއާއިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް މިއަދު ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ބުނެފިއެވެ.
އެއާ އެރޭބިއާއިން ވީއައިއޭގެ އާ ޓާމިނަލް ބޭނުންކުރަން ފަށަން މިއަދު ވަނީ ރިބަން ކެނޑުމުގެ ހަފުލާއެއް ބާއްވާފައެވެ. ކުރިން މި ޓާމިނަލް ބޭނުންކުރީ ހަމައެކަނި ގައުމީ އެއާލައިން މޯލްޑިވިއަނުންނެވެ.
އެއަށް ފަހު، ދެވަނައަށް އެ ޓާމިނަލް ބޭނުންކުރަން ފަށާފައި މި ވަނީ އެއާ އެރޭބިއާއިންނެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް: އެއާ އެރޭބިއާއިން ވަނީ އާ ޓާމިނަލް ބޭނުންކުރަން ފަށާފައި .-- ފޮޓޯ/ އެމްއޭސީއެލް
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ދަތުރުކުރި ފަސިންޖަރުންނަށް ވަރަށް ފަސޭހަކަމާ އެކު ޗެކް-އިން ވުމުގެ ތަޖުރިބާ ލިބުނު ކަމަށް އެމްއޭސީއެލުން ބުންޏެވެ. އެ ކުންފުނިން ބުނީ، ބައިނަލްއަގުވާމީ އެއާލައިންތަކަށް އެއާޕޯޓުގެ ޚިދުމަތްތައް ފަސޭހަކޮށްދޭން އަބަދު ވެސް މަސައްކަތްކުރާ ކަމަށެވެ.
އެއާ އެރޭބިއާއިން އާ ޓާމިނަލް ބޭނުންކުރަން ފެށުމަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އިތުރު ފަސޭހަތަކެއް ލިބި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބޭނެ ކަމެއް ކަމަށް ވެސް އެމްއެމްއޭސީއެލުން ފާހަގަކޮށްފައިވެއެވެ.
އެމްއޭސީއެލުން ބުނީ، މި އާ ދަތުރަކީ ވީއައިއޭގެ ޚިދުމަތްތައް ތަރައްގީކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިތުރުވި ބޮޅެއް ކަމަށެވެ. އެހެންވެ، އެއާ އެރޭބިއާއިން އާ ޓާމިނަލް ބޭނުންކުރަން ފެށުމުން ކަސްޓަމަރުންނަށް އިތުރު ފުރުސަތުތައް ފަހިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވީއައިއޭ ތަރައްގީކުރަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2016 ވަނަ އަހަރެވެ. އާ ޓާމިނަލް ހުޅުވީ 60ވަނަ މިނިވަން ދުވަހާ ގުޅުވައި މިދިޔަ މަހު 26 ގައެވެ. އާ ޓާމިނަލަކީ 7.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ޓާމިނަލެކެވެ.
އެ މަޝްރޫއަށް ޖުމުލަ ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އާ ޓާމިނަލް ހުޅުވި ނަމަވެސް އެ ޓާމިނަލް މިހާތަނަށް ބޭނުންކުރީ މޯލްޑިވިއަނުން އެކަންޏެވެ. އެމްއޭސީއެލުން ކުރިން ބުނީ، ފަހަރަކު އެއާލައިނެއް އާ ޓާމިނަލަށް ބަދަލުކޮށް، ޚިދުމަތްތައް އާ ޓާމިނަލަށް ބަދަލުކުރާނެ ކަމަށެވެ.