ކޮރަޕްޝަން ހުއްޓުވުމަށް، އޭސީސީ އިން ޗައިނާގެ އެހީ ހޯދަނީ

ކޮރަޕްޝަން ހުއްޓުވުމަށް، އޭސީސީ އިން ޗައިނާގެ އެހީ ހޯދަނީ: ފޮޓޯ/ އޭސީސީ

ރާއްޖޭގައި ހިންގާ ކޮރަޕްޝަންތައް ހުއްޓުވުމަށް އުފައްދާފައި އޮންނަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ކޮރަޕްޝަން ހުއްޓުވުމަށް ޗައިނާ އާއި އެކު މަޝްވަރާކޮށްފިއެވެ.

އޭސީސީއިން އެކްސްގައި ބުނެފައިވަނީ އޭސީސީގެ ވެރިން ޗައިނާގެ ސަފީރު، ކޮންގް ޝިއަންހުއާ އާ ބައްދަލުކޮށް ކޮރޮޕްޝަން ހުއްޓުވުމަށް ޗައިނާއާ ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ޗައިނާގެ ސަފީރު އެކްސްގައި ވިދާޅުވީ، މި ބައްދަލުވުމުގައި އިތުރަށް މަޝްވަރާކުރީ ކޮރަޕްޝަން ހުއްޓުވުމަށް ދެ ޤައުމުގައި ވެސް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން ކަމަށެވެ. އަދި ޗައިނާގައި ކޮރަޕްޝަން ހުއްޓުވުމަށް ގެންގުޅޭ ހަރުދަނާ ނިޒާމުތަކުގެ މައުލޫމާތު ހިއްސާކުރެއްވިކަމަށެވެ.

އެންޓި-ކޮރޮޕްޝަން ކޮމިޝަންގެ މެންބަރުން ޗައިނާގެ ސަފީރާއިއެކު.:ފޮޓޯ/ އޭސީސީ

ކޮރަޕްޝަނަކީ ބައިނަލްއަޤްވާމީ މައްސަލައެއްކަމާއި، މިކަން ހުއްޓުވުމަށް ޤައުމުތަކުގެ މެދުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖެއާއި ޗައިނާ މެދުގައި މި ދާއިރާއިން ތަޖުރިބާ ހިއްސާކުރުމާއި، މީގެ އިތުރުން، ކޮރަޕްޝަން ހުއްޓުވުމަށް ދެ ޤައުމު ގުޅިގެން ވަސީލަތްތައް ހަރުދަނާ ކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ދެ ޤައުމުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ވެސް މި ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ.

އޭސީސީން އަންނަނީ އެކި ގައުމުތަކާއެކު ކޮރަޕްޝަން ހުއްޓުވުމާ ގުޅޭ ގޮތުން އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާ ކުރަމުންނެވެ.

ރާއްޖޭގައި ބޮޑެތި ކޮރަޕްޝަންތައް ހުއްޓުވުމަށް އޭސީސީ ފެއިލްވެފައިވާކަމަށް ބުނެ އާންމު ރައްޔިތުންނާއި ސިޔާސީ އެކި ފިކުރުގެ ބޭފުޅުން އަބަދުވެސް ފާޑުކިޔައެވެ.

comment ކޮމެންޓް