އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވޭތުވެދިޔަ 17 ވަރަކަށް އަހަރު ނިންމި މައްސަލަތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ދޮޅު ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ކަމަށް އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާމިލް ވިދާޅުވީ، 2009 އިން ފެށިގެން މި އަހަރުގެ މިހާތަނަށް އޭސީސީން ނިންމި މައްސަލަތަކުގެ ތެރެއިން އެކި އިދާރާތަކަށް 1.61 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ޖެހޭ ކަމަށް އަންގާފައިވާ ކަމަށެވެ.
އެއީ، އަހަރަކަށް ބަހާލާ ނަމަ ކޮންމެ އަހަރަކު 94.57 މިލިއަން ރުފިޔާ، އަދި މަހަކަށް ބަހާލާ ނަމަ 7.88 މިލިއަން ރުފިޔާ ކަމަށް ޝާމިލް ވިދާޅުވިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން --- ސަން ފޮޓޯ/ އަފުވާން ސޮލާހު
އެހެންކަމުން ދައުލަތަށް ގެއްލިފައިވާ ކޮންމެ ރުފިޔާއަކަށް މަދުވެގެން 2.85 ރުފިޔާ އަނބުރާ ހޯދުމަށް ކަމާގުޅޭ މުއައްސަސާތަކަށް އޭސީސީން އަންގާފައިވާކަން ތަފާސްހިސާބުތަކުން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް, ދައުލަތަށް ހޯދަން އެދުނު ފައިސާގެ ތެރެއިން މިހާތަނަށް ލިބުނީ ކިހާ އަދަދެއްކަން ޝާމިލް ހާމައެއް ނުކުރައްވައެވެ. އަދި، މިހާތަނަށް ދައުލަތަށް ލިބުނު ފައިސާގެ އަދަދު ވެސް ޔަގީނެއް ނޫނެވެ. އޭސީސީގައި އެ ސުވާލުކުރުމުން ވެސް މިހާތަނަށް ޖަވާބެއް ދީފައެއް ނުވެއެވެ.
އަންނަ އަހަރު ސަރުކާރުން އޭސީސީއަށް ދީފައިވަނީ 47 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ، މި އަހަރު އެ ކޮމިޝަނަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ފަސް މިލިއަން ރުފިޔާ މަދު އަދަދެކެވެ.
އަންނަ އަހަރު އޭސީސީއަށް އެންމެ ގިނަ ފައިސާ ކަނޑައަޅައިފައިވަނީ މައްސަލަ ތަހުގީގު ކުރުމަށެވެ. އެއީ، 21 މިލިއަން ރުފިޔާއެވެ. އޭގެ އިތުރުން ކޯޕަރޭޓު ޚިދުމަތްތަކަށް 20 މިލިއަން ރުފިޔާ، އަދި ކޮރަޕްޝަން ހުއްޓުވުމަށް ހަތަރު މިލިއަން ރުފިޔާ ވެސް ކަނޑައަޅާފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި އޭސީސީގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި، އެއްވެސް ފިޔަވަޅެއް ނޭޅި، ކަންތައްތައް ދޫވެގެން ދާތީ އަބަދު ވެސް އެ ވާހަކަ ދެކެވެއެވެ.
ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމުގެ ކުރިން ދައްކާ އެއް ވާހަކައަކީ އޭސީސީ މިނިވަންކަމާއެކު ހިންގާނެ ވާހަކައާއި ގައުމުގައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބަލާނެ ވާހަކައެވެ. ނަމަވެސް، މިހާތަނަށް އެކަން އޭގެ އެންމެ އެދެވޭ ގޮތަށް ހިނގާފައެއް ނުވެއެވެ.
މިހާރު ވެސް އޭސީސީއަށް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ހުށަހަޅާފައި، ނުބެލި އެބަހުއްޓެވެ.