މި ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ކައިރީގައި ދިވެހި ރުކުގެ ބަދަލުގައި ކަދުރު ރުއް އިންދުމާ ގުޅޭ ގޮތުން ޚިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް، ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ރުއް އިންދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ގޮވައިލައްވައިފިއެވެ.
ވީއައިއޭއިން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ އައު ޓާމިނަލް ކައިރީގައި އިންދާފައިވާ ގަހުގެ ތެރޭގައި ގިނަ އަދަދެއްގެ ކަދުރު ރުއް ހިމެނެއެވެ.
ދިވެހި ރުކުގެ ބަދަލުގައި ކަދުރު ރުއް އިންދި ސަބަބަކީ ކޮބައިތޯ ސުވާލު އުފައްދައި، ބޭރު ރުއް އިންދުމުން ދިވެހިވަންތަކަން ގެއްލޭ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރިއެވެ.

އައު ޓާމިނަލް ކައިރީ ގަސް އިންދުން: ޓާމިނަލް ކައިރީގައި ގިނަ އަދަދެއްގެ ކަދުރު ރުއް އިންދައިފައިވޭ -- ފޮޓޯ/ އެމްއޭސީއެލް
ކަން އެހެން އޮއްވައި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅުވައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 60 ރުއް އިންދުމަށް އެޗްޑީސީއާއި އެގްރިކަލްޗާ މިނިސްޓްރީ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ ރުކަކީ ހަމައެކަނި ގަހެއް ނޫންކަމަށާއި، ރުކުގެ ކޮންމެ ބަޔަކީވެސް ވަކި ޚާއްސަ ބޭނުންތަކަކަށް ބޭނުންކުރެވޭ ބައިތަކެއް އެކުލެވޭ، ދިވެހީންގެ ދިރިއުޅުމުގެ މައިބަދަ ފަދަ އެއްޗެއް ކަމަށެވެ.
މާރިޔާ ވިދާޅުވީ ރުކަކީ ކުޑައިރުއްސުރެ ދިވެހީންގެ ކެއިންބުއިމާއި، ގެދޮރާއި، އުޅުމާ ގުޅިފައިވާ އެއްޗެއްކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގެ ސަގާފަތާއި އިގުތިސާދީ ނިޒާމުގެ އަސާސީ ބިންގަލެއްގެ ގޮތުގައި "މާދަރީ ރުއް" އަގު ނުކުރެވޭހާ މުހިންމު ދައުރެއް އަދާކުރާކަމަށެވެ.
މިއަދުވެސް ރުކަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައިވެސް އަސާސީ ދައުރެއް އަދާކުރާ ގަހެއް. ކާބޯތަކެތީގެ ނަޒަރުން ބެލިޔަސް، އިގްތިސޯދީ ނަޒަރަކުން އަދި އަޅުގަނޑުމެންގެ ތިމާވެށީގެ ދާއިރާއިން ބަލާއިރުވެސް ރުކުގެ ދައުރު ނުހަނު ބޮޑުވެފައި ހައްސާސްކަން ބޮޑު، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
މާރިޔާ ވިދާޅުވީ ރުކުގެ މޭވާއިން ކާނާއާއި ބުއިން ލިބޭއިރު، އޭގެ ފަނަކީ ބޯހިޔާވަހިކަމަށާއި، ހިފާގެންގުޅޭ ސާމާނު ތައްޔާރުކުރުމަށް ބޭނުންކުރެވޭ އަގުހުރި ގުދުރަތީ މަސްދަރުކަމަށެވެ. އަދި ރުކުގެ ލަކުޑި ގެދޮރު އިމާރާތްކުރުމަށާއި ދޯނިފަހަރު ބަނުމަށް ބޭނުން ކުރެވޭކަމަށާއި، އެއީ މާޒީއާއި ދިވެހިންގެ އާދަކާދައާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ބައެއްކަމަށް މާރިޔާ ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގުގައި ކަދުރު ރުއް އިންދާފައި -- ސަން ފޮޓޯ/ އަހުމަދު އިނާހު
އެހެންކަމުން ރުއް އިންދުންފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ، ރުއް އިންދުމުގެ މުހިންމުކަން ދެނެގަނެ، އެ މަސައްކަތުގައި އެންމެން ގުޅިގެން ބައިވެރިވުމަށް މާރިޔާ ގޮވައިލެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ރުއް އިންދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރެއްވިއެވެ.
އެކަމަކީ ގައުމީ ވަންތަކަމާއި، ތިމާވެށީގެ ދެމެހެއްޓެނިވި ތަރައްގީއަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން އެންމެން ގުޅިގެން މި މުހިންމު މަސައްކަތުގައި ބައިވެރިވެ، ދިވެހިރާއްޖޭގެ މުސްތަގުބަލު އާރާސްތުކުރުމަށް މަސައްކަތް ކުރުމަށް މާރިޔާ ގޮވައިލެއްވިއެވެ.
ވީއައިއޭ އައު ޓާމިނަލުގައި ކަދުރު ރުއް އިންދުމާ ގުޅޭގޮތުން ޝަކުވާ ބޮޑުވެފައި ވަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވީ، ހަގީގީ މައްސަލަ ގުޅިފައިވަނީ ކަދުރު ރުއް ނުވަތަ ދިވެހި ރުކަކާ ނޫން ކަމަށާއި އަސްލު މައްސަލައަކީ ރޭވުންތެރި ކަމެއް ނެތުން ކަމަށެވެ. އެގޮތުން، ސަރުކާރުން ކުރާ ކަމަކާ އެކަމަކުން ހާސިލުކުރަން ބޭނުންވާ ނަތީޖާއާ މެދު ވިސްނަން ވެސް ބޭނުންނުވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ހަމައެއާއެކު ކަދުރު ރުއް އިންދުމުގެ ބަދަލުގައި ދިވެހި ރުއް އިންދުމަށް, އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވެސް ވަނީ ލަފާދީފައެވެ.
މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި އެންމެ ފުޅާ ދާއިރާއެއްގައި ކަދުރު ރުއް އިންދައިފައިވަނީ ޞާލިޙްގެ ވެރިކަމުގައި، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގެ ދަށުން 2022 ވަނަ އަހަރެވެ. އެ ހަރަކާތުގެ ދަށުން 200 ގަސް އިންދާނެ ކަމަށް އެއިރު ކައުންސިލުން ބުނެފައިވެއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގުގައި އެ ގަސްތައް އިންދާފައިވާއިރު، އެއީ ރާއްޖޭގެ މާހައުލާ އެކަށީގެންނުވާ ރުއްތަކެއް ކަމަށް އެއިރު، ކަމާ ގުޅުން ހުރި ބައެއް މީހުން ބުނެފައިވެއެވެ.