މުސާރަ ކުޑަވެގެން ޕީއެންސީ ބައެއް މެންބަރުންގެ ނުރުހުން: މަސް ނިމޭއިރު ތިބެނީ ނުތަނަވަސްކަމުގައި

20 ވަނަ މަޖިލީހުގެ މެންބަރުން: މެންބަރުންގެ މުސާރަ ބޮޑު ކަމަށް އާންމުން ދެކުނަސް އެއީ ހަގީގަތެއް ނޫން ކަމަށް، ބައެއް މެންބަރުން ބުނެފި -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ހަގީގަތުގައި ވެސް ކުޑަ ކަމަށާއި މެންބަރުންގެ މުސާރަ ބޮޑު ކަމަށް އާންމުން ދެކުނަސް އެއީ ހަގީގަތެއް ނޫން ކަމަށް ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގައި ވާހަކަދައްކަވަމުން އަލިފުށި ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާން ވިދާޅުވީ، އާންމުން ދެކެނީ މަޖިލީހުގެ މެންބަރަކަށް މުސާރައިގެ ގޮތުގައި ލިބެނީ 85،000 ރުފިޔާ ނުވަތަ އެއްލައްކަ ރުފިޔާ ކަމަށް ކަމަށާއި، އެކަމަކު އެއީ ހަގީގަތެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގެ މެންބަރެއްގެ އަސާސީ މުސާރައަކީ 42،500 ރުފިޔާ ކަމަށާއި ސަލާމުގައި ހުންނަ ދުވަސް ދުވަހު ކޮމިޓީ އެލަވަންސް ކަމަށްވާ 20،000 ރުފިޔާ މެންބަރުންނަށް ނުލިބޭ ކަމަށެވެ.

އެ ވާހަކައަށް ތާއީދުކުރައްވާ ތިމަރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ރިޔާޒު ވިދާޅުވީ، ރައްޔިތުން ގަބޫލުކުރަނީ މެންބަރުން މަޖިލީހުގައި ތިބެނީ ބޮޑު މުސާރައެއް ނަގައިގެން ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެން ކޮންމެ އިއްޒަތްތެރި މެންބަރަކު ވެސް މަސް ނިމިގެންދާއިރުގައި މި ތިބެނީ އެކި ގޮތްގޮތަށް ޚަރަދުކޮށް ވަރަށް ނުތަނަވަސް ހިސާބެއްގައި އެއީ ހަގީގަތަކީ،" އޭނާ ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި ގިނަ މެންބަރުން މާލޭގައި ދިރިއުޅުއްވާއިރު، މެންބަރަކަށްވުމުގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް ދިރިއުޅުއްވަން ޖެހެނީ މަހަކު ކުލީގެ ގޮތުގައި 24،000 ރުފިޔާ ދައްކަން ޖެހޭ، ތިން ކޮޓަރީގެ އެޕާޓްމަންޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި މެންބަރުން ހާޒިރުވެވަޑައިނުގެންފި ނަމަ މެންބަރުންގެ މުސާރަ ނުކެނޑޭ ކަމަށް އާންމުން ގަބޫލުކުރާ ކުރުމަކީ ބޮޑު އޮޅުމެކެވެ.

އެހެންކަމުން، މެންބަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސް މެންބަރުންގެ ހާލަތު ރަނގަޅުކުރުމަކީ މެންބަރުންގެ ޒިންމާއެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ތަފާތު އެކި ފަހަރު މަތިން މެންބަރުންގެ މުސާރަ ކުޑަކުރަން ތަޅުމުގައި ބަހުސް ވެސް ކުރިއެވެ. އެކަމަކު، އެ ކަމަށް މެންބަރުންގެ ފަރާތުން ތާއީދެއް ނުލިބުނެވެ.

މާލީ ދަތިތަކުގެ ސަބަބުން މެންބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ގޮތަށް އެ ކަންތައް ވެސް ކުރެވެން ނެތް ކަމަށް މި ހިނގާ 20 ވަނަ މަޖިލީހުން ވެސް ވަނީ ނިންމާފައެވެ. މާލިއްޔަތު ކޮމިޓީން އެ ގޮތަށް ނިންމީ ގާނޫނު މިހާރު އޮތް ގޮތުން އެކަން ކުރެވެން ނެތް ކަމަށް ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މުސާރައާ އެލަވަންސްގެ ގޮތުގައި މަހަކަށް 82،500 ރުފިޔާ ލިބެއެވެ. އެއީ، މެންބަރުން އަމިއްލައަށް ގާނޫނެއްގެ ޒަރިއްޔާއިން ކަނޑައަޅާ މުސާރައެކެވެ.

ފާހަގަކުރެވޭ ގޮތުގައި މެންބަރުންނަށް ދޭ މުސާރަ ކުޑަކޮށް، އެ މެންބަރުންނާއި އާއިލާތަކަށް ދޭ ހެލްތު އިންޝުއަރެންސް ކަނޑާލުމަށާއި ކުރީގެ މެންބަރުންނަށް ދޭ އެލަވަންސްތައް ކަނޑާލުމަށް ގޮވާލައި ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެއެވެ.

މިދިޔަ 19 ވަނަ މަޖިލީހުގައި މެންބަރުންނާއި ދައުލަތުގެ ވެރިންގެ މުސާރަ ބޮޑުކުރަން ވެސް މަޝްވަރާކުރިއެވެ. އެކަމަކު، ފާޑުކިޔުން ބޮޑުވުމުން އެ މަސައްކަތް ހުއްޓާލީއެވެ.

އޭގެ އިތުރުން ވެސް މެންބަރުންނާއި މެންބަރުންގެ އާއިލާތަކަށް އާސިއާންގެ ގައުމުތަކުން ހިލޭ ބޭސް ކުރެވެއެވެ.

comment ކޮމެންޓް