ހަތަރުވަނަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ ބޯއިސް ކުއާޓާ ފައިނަލާއި ހިސާބުން މުބާރާތް ނިންމާލަން ޖެހުނު ނަމަވެސް ރާއްޖޭގެ ޒުވާން ދެ ރާޅާއެޅުންތެރިން ކަމަށްވާ ޔަސީން އަޙްމަދު ނާޝިދާއި ޔޫސުފް ކަޔާން ޙަމްދާން ޒަކީ އޭޝިއާ ބައްރުގެ ޖޫނިއާ ރާޅާއެޅުންތެރިންގެ ގަދަ އަށެއްގެ ތެރޭގައި ހިމެނިއްޖެއެވެ.
މިއީ އޭޝިއާގެ 33 އެއްހާ ރާޅާއެޅުންތެރިންނާ ވާދަކޮށް ރާއްޖެއިން ހޯދި ބޮޑު ކާމިިޔާބީއެކެވެ. އަދި، ރާއްޖޭގެ ރާޅާއެޅުންތެރިންގެ ކުރިމަގެއް އޮތްކަން ހާމަވާ ކަމެކެވެ.
އެއާއެކު ޔަސީނާއި ކަޔާން ވެފައިވަނީ އޭޝިއާ ބައްރުގެ އެންމެ ވަރުގަދަ އަށް ރާޅާއެޅުންތެރިންގެ ތެރޭގައެވެ. އަދި، މުޅި ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ދެ ރާޅާއެޅުންތެރިންގެ ތެރޭގައެވެ.

ރާއްޖޭގެ ރާޅާއެޅުންތެރިޔާ ކަޔާން ހަމްދާން ޒަކީ-- ފޮޓޯ: ސިޑިބަރި
ކުއާޓާ ފައިނަލުގެ ހީޓު އެކެއްގައި ވާދަކޮށް، ޔޫސުފް ކަޔާނަށް ލިބުނީ ހަތަރުވަނައެެވެ. އޭނާގެ ސްކޯއަކީ 8.23 ޕޮއިންޓެވެ. މި ހީޓުގެ އެއްވަނަ ހޯދާފައިވަނީ ޗައިނީސް ޓައިޕޭގެ ޝިއާ ޝީ ޔޫއެވެ. އޭނާ 13.40 ޕޮއިންޓް ހޯދިއިރު، ދެވަނަ ހޯދި ޗައިނާގެ ޝިޑޮން ވޫ ވަނީ 13.27 ޕޮއިންޓް އެއްކޮށްފައެވެ. އަދި، ތިންވަނަ ހޯދި ޗައިނީސް ޓައިޕޭގެ މިން ޖެން ލިއޫ ވަނީ 8.90 ޕޮއިންޓް ހޯދާފައެވެ.
ތިންވަނަ ބުރުގެ ހީޓުގެ އެއްވަނަ ހޯދައި، ކުއާޓާއަށް ދަތުރުކުރި ޔަސީން، ކުއާޓާގެ ހީޓު ތިނެއްގައި ވާދަކޮށްގެން ލިބުނީ ތިންވަނައެވެ. މި ހީޓުގެ އެއްވަނަ ހޯދި ކަނޯއާ ހީޖާއޭއަށް 14.33 ޕޮއިންޓް ލިބުނުއިރު، ދެވަނަ ހޯދި ޗައިނާގެ ލައިހާއޯ ޒޭން އަށް 10.07 ޕޮއިންޓް ލިބުނެވެ.
ޔަސީން ތިންވަނަ ހޯދީ 7.43 ޕޮއިންޓާ އެކުއެވެ. ހަތަރެއްގައި ނިންމި އިންޑިއާގެ ހަރިޝް ޕީއަށް 6.80 ޕޮއިންޓު ލިބުނެވެ.