ދުނިޔޭގެ ރާޅާއެޅުމުގެ ޗެމްޕިއަނުންނާ އެކު ކޮންމެ އަހަރަކު ރާއްޖޭގެ ފޯ ސީޒަންސް ރިސޯޓުގައި ބާއްވާ ސާފިން ޗެމްޕިއަންސް ޓްރޮފީގައި މި އަހަރު ރާއްޖެ ތަމުސީލުކުރާ އެތުލީޓަކަށް ގައުމީ ޓީމުގެ ކުޅަދާނަ ރާޅާއެޅުންތެރިޔާ އިސްމާޢީލް ރަޝީދު (ސްމައިލީ) ވެއްޖެއެވެ.
ފޯ ސީޒަންސްއިން އަންނަނީ ކޮންމެ އަހަރަކު ބާއްވާ މުބާރާތުގައި ކޮންމެ ފަހަރަކު ވެސް ދިވެހި ރާޅާއެޅުންތެރިއަކަށް ފުރުސަތު ދެމުންނެވެ. މި ފުރުސަތު މިދިޔަ އަހަރު ލިބުނީ ގައުމީ ޓީމުގެ ކެޕްޓަން އަޙްމަދު އާގިލް (އަންމަޑޭ) އަށެވެ.
މިއީ ފޯ ސީޒަންސްއިން މި މުބާރާތް ބާއްވާ 13 ވަނަ ފަހަރެވެ. މުބާރާތް ރަސްމީކޮށް ފެށުމުގެ ގޮތުން ފޯ ސީޒަންސް ރިސޯޓް ކުޑަ ހުރާގައި ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނިޔާޒެވެ.
ސްމައިލީގެ އިތުރުން ދެން މި މުބާރާތުގައި މި އަހަރު ވާދަކުރާނީ ފްރާންސްގެ މިޝެލް ބައުރޭޒާއި، ބްރެޒިލްގެ ޖެސީ މެންޑޭޒާއި، އޮލިމްޕިކް ގޭމްސްއިން ލޯ މެޑެލް ހޯދާފައިވާ އޮސްޓްރޭލިއާގެ އޮވެން ރައިޓްއާއި، ކްރޭގް އެންޑަސަންގެ އިތުރުން ޒުވާން ތަރި ސިއެރާ ކެރްއެވެ.
މި މުބާރާތުގެ ޗެމްޕިއަނަށް 25،000 ޑޮލަރުގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ތިން ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 11 ދުވަހުގެ ނިޔަލަށް ފޯ ސީޒަންސް މޯލްޑިވްސް ކުޑަ ހުރާ ރިސޯޓް ކައިރީ އޮންނަ ރާޅާއަޅާ ސަރަހައްދުގައެވެ.
މުބާރާތް ކުރިއަށްގެންދާ ކެޓަގަރީތަކަކީ ސިންގަލް ފިން، ޑަބަލް ފިން އަދި ތުރަސްޓާއެވެ.