ދުނިޔޭގެ އަންހެން ފުޓުބޯޅަ ރޭންކިންގައި ރާއްޖެ ފަހަތަށް، ސަރަހައްދުގެ ފުލަށް

ގައުމީ އަންހެން ފުޓުބޯޅަ ޓީމު ކުޅުނު ބައިނަލްއަޤްވާމީ މެޗެއްގެ ތެރެއިން--

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ކޮންމެ މަހަކު އެއްފަހަރު އިއުލާނުކުރާ ވޯލްޑް ރޭންކިންގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ދެ ދަރަޖަ ފަހަތަށް ސޮއްސާލައިފިއެވެ.

މީގެކުރިން ރާއްޖެ އޮތީ ރޭންކިންގެ 163 ވަނައިގައެވެ. އެންމެ ފަހުން ނެރުނު ރޭންކިންގައި ރާއްޖެ އޮތީ 165 ވަނައިގައެވެ.

މިމަހު ނެރުނު ރޭންކިންގައިވާ ގޮތުން ބޫޓާން މިހާރު ވަނީ އަށް ދަރަޖައިގެ ކުރިއެރުމަކާއެކު ރާއްޖެއަށްވުރެ މައްޗަށް ޖެހިލާފައެވެ. އެއާއެކު ރާއްޖެ ކުރިން އޮތް މަގާމު ކަމަށްވާ 163 ވަނައިގައި މިހާރު އޮތީ ބޫޓާނެވެ.

ފީފާ ރޭންކިންގައި މި ފަހަރު ސާކް ގައުމުތަކުގެ ތެރެއިން ކުރިއެރުން ނުލިބުނީ ހަމައެކަނި ރާއްޖެ އާއި ލަންކާ އަށެވެ. މި ދެ ގައުމަށް ވެސް ދެ ދަރަޖަ ފަހަތަށް ދިޔައިރު، ސަރަހައްދުގެ އަންހެން ފުޓުބޯޅައިގައި ރާއްޖެ އޮތީ ފުލުގައެވެ.

ސާކް ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދީ އިންޑިއާއެވެ. އެ ގައުމުން ވަނީ ހަތް ދަރަޖަހައިގެ ކުރިއެރުމަކާއެކު ދުނިޔޭގެ 63 ވަނައަށް ޖެހިލާފައެވެ. މިއީ އެ ގައުމުގެ ތާރީހުގައި ވެސް އެންމެ ކުރިއެރުން ހޯދި ފަހަރެވެ. މި ސަރަހައްދުން ދެވަނަ ނޭޕާލަށް ލިބުނީ 13 ދަރަޖައިގެ ކުރިއެރުމަކާއެކުއެވެ. އެއާއެކު ނޭޕާލް އޮތީ ދުނިޔޭގެ 87 ވަނައިގައެވެ.

ބަންގްލަދޭޝަށް 24 ދަރަޖައިގެ ކުރިއެރުމެއް ލިބިފައިވާއިރު، އެ ގައުމު އޮތީ ދުނިޔޭގެ 104 ވަނައިގައެވެ. ޕާކިސްތާން އޮތީ ތިން ދަރަޖައިގެ ކުރިއެރުމަކާއެކު ދުނިޔޭގެ ރޭންކިންގެ 154 ވަނައިގައެވެ.

comment ކޮމެންޓް