ގައުމީ ފުޓްސަލް ޓީމާއި 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗަކު ހޯދުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިއުލާނުކޮށްފިއެވެ.
އެފްއޭއެމުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ގައުމީ ފުޓްސަލް ޓީމުގެ ކޯޗުކަމަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު، އެ މަގާމަށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ ޝަރުތުތަކެއް ހިމަނާފައެވެ.
އެގޮތުން، މަދުވެގެން އޭއެފްސީ ފުޓްސަލް ލެވަލް ދޭއްގެ ކޯޗިން ސެޓްފިކެޓެއް ހާސިލުކޮށްފައިވުމާއި ތަޖުރިބާގެ އަލީގައި ރާއްޖޭގެ ކްލަބް ލެވަލާއި ގައުމީ ލެވަލްގައި އެންމެ މަތީ ފަންތީގައި މަސައްކަތްކުރުން ހިމެނެއެވެ.
ޝައުގުވެރިވާ ފަރާތްތަކުން، މި މަހު 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެޕްލިކޭޝަން ހުށަހެޅުމަށް، [email protected] މެއިލް ކުރަން އެފްއޭއެމުން އެެދިފައިވެއެވެ.
މިދިޔަ އަހަރުތަކުގައި ގައުމީ ފުޓްސަލް ޓީމުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުޅެފައިވަނީ، ކޯޗު އަބްދުﷲ ނަސީރު (އަބޯ)ގެ އިރުޝާދުގެ ދަށުންނެވެ. އެފްއޭއެމްއިން ފުޓްސަލް ކޯޗަކު ހޯދަން ކުރި އިއުލާނުގައި، ކޯޗަށް ދޭނެ ކޮންޓްރެކްޓްގެ މުއްދަތު ހިމަނައިފައިނުވެއެވެ.
މި ފަހަރު ގައުމީ ފުޓްސަލް ޓީމު ކޯޗަކު ނެގުމަށް އިއުލާނުކޮށްފައި މި ވަނީ އަންނަ މަހު، އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިން އޮތުމުންނެވެ. މިޔަންމާގައި ކުޅޭ ކޮލިފައިންގައި، ރާއްޖެ ހިމެނެނީ، މިޔަންމާ އާއި އަފްގާނިސްތާނާ އެއް ގްރޫޕެއްގައެވެ.
ސަތާރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ކުރިމަތިލުމުގެ ކޮލިފިކޭޝަނުގެ ޝަރުތުތަކަށް ބަލާއިރު، އޭއެފްސީ އޭ ކޯޗިން ސެޓްފިކެޓް ހާސިލްކޮށްފައިވުމާއި، 5-10 އަހަރުގެ ކޯޗިން ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. އަދި، ކޯޗިން ތަޖުރިބާ ތެރޭގައި، ޔޫތު ލެވެލްއާއި ކްލަބް ލެވެލް ކޯޗިން ވެސް ހިމެނޭއިރު، 17 އަހަރުން ދަށުގެ ކުޅުންތެރިންގެ ހުނަރު ދެނެގަތުމަށް، ސްކައުޓިންގެ ކަންކަމަށް އަހުލުވެރި ކޯޗަކަށްވާން ޖެހެއެވެ.
ޝައުގުވެރިވާ ފަރާތްތަކުން، މި މަހު 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެޕްލިކޭޝަން ހުށަހެޅުމަށް، [email protected] މެއިލް ކުރަން އެފްއޭއެމުން ވަނީ އެދިފައެވެ.