މިދިޔަ މަހު އެންމެ އަގު ބޮޑުވީ ކޮފީއާއި މޭވާ

ބަޔަކު ކޮފީ ޝޮޕެއްގެ ތެރޭގައި-- ސަން ފޮޓޯ: މުހައްމަދު މުޒައްޔިން

މިދިޔަ މަހު އަސާސީ ތަކެތީގެ ތެރެއިން އެންމެ ބޮޑަށް އަގު ބޮޑުވީ ކޮފީއާއި މޭވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އިއްޔެ އާންމުކުރި ހިސާބުތަކުން ދައްކައިފިއެވެ.

ދިވެހި ރުފިޔާގެ އަގު ވަރަށް ބޮޑަށް ދަށްވެ، ތަކެތީގެ އަގު ބޮޑުވާކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އިއްޔެ އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖުލައި މަހު އަސާސީ ތަކެތީގެ އަގުތައް ވަނީ އޭގެ ކުރީ ޖޫން މަހާ ބަލާއިރު 2.7 އިންސައްތަ ބޮޑުވެފައެވެ. އަހަރުން އަހަރަށް ބަލާއިރު މިދިޔަ މަހު އެންމެ ބޮޑަށް އަގު ބޮޑުވީ ކޮފީގެއެވެ. އެ ގޮތުން، މިދިޔަ މަހު ކޮފީގެ އަގު ވަނީ 13.5 އިންސައްތަ އުފުލިފައެވެ. އަދި، މޭވާގެ އަގު ވެސް 9.8 އިންސައްތަ އުފުލިފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.

ހިސާބުތަކުގައިވާގޮތުން މަހުން މަހަށް ބަލާއިރު:

  • ހަނޑުލާއި ފުށާއި ސީރިއަލްގެ އަގު 0.1 އިންސައްތަ އުފުލުނު
  • މަހުގެ އަގު 0.9 އިންސައްތަ ދަށަށް ދިޔަ
  • ކަނޑު މަހުގެ އަގު 0.4 އިންސައްތަ ދަށަށް ދިޔަ
  • ގޭހުގެ އަގު ހުރީ ހިފެހެއްޓިފައި
  • ބިހުގެ އަގު 0.8 އިންސައްތަ އުފުލުނު
  • ތަރުކާރީގެ އަގު 4.3 އިންސައްތަ އުފުލުނު
  • މޭވާގެ އަގު 0.8 އިންސައްތަ އުފުލުނު
  • ކައްކާ ތެލުގެ އަގު 0.9 އިންސައްތަ ދަށަށް ދިޔަ
  • ރީތިވާ ސާމާނުގެ އަގު 1.6 އިންސައްތަ އުފުލުނު
  • ބަންދުކުރި ކާނާގެ ބާވަތްތަކުގެ އަގު 1.1 އިންސައްތަ ދަށަށްދިޔަ
  • ޖޭމާއި ޗޮކްލެޓު ފަދަ ތަކެތީގެ އަގު 0.6 އިންސައްތަ އުފުލުނު
  • ބަންދުކުރި ބުއިންތަކުގެ އަގު 0.3 އިންސައްތަ އުފުލުނު

ސްޓެޓިސްޓިކްސް ބިއުރޯގެ ހިސާބުތަކުން ދައްކާ ގޮތުގައި މޭވާއާއި ކޮފީގެ އަގު ވަރަށް ބޮޑަށް އުފުލުނު ނަމަވެސް އަހަރުން އަހަރަށް ބަލާއިރު ތަރުކާރީގެ އަގު ވަނީ 3.7 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި، ގޭހުގެ އަގު ވަނީ 1.5 އިންސައްތަ ދަށަށް ގޮސްފައެވެ.

https://sun.mv/209416

ފާހަގަކޮށްލެވޭ ގޮތުގައި ކެފޭއާއި ރެސްޓޯރެންޓްތަކުން ވިއްކާ ކާބޯތަކެތީގެ އަގުތައް ވެސް މި އަހަރު 29 އިންސައްތަ އުފުލިފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ވަނީ ދައްކާފައެވެ. އަދި، ކުލި ވެސް ބޮޑުވެފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.

ބާޒާރުގައި ބައެއް ތަކެތީގެ އަގު ބޮޑުވެ، އާފަލެއްގެ އަގު ވެސް މި ފަހުން 10 ރުފިޔާއަށް ވަނީ އަރައިފައެވެ. އެއީ، ގާތްގަނޑަކަށް ދެބައިކުޅައެއްބައަށް ވުރެ ބޮޑު އިތުރުވުމެކެވެ.

ރަސްމީ ރޭޓުގައި ޑޮލަރު ލިބުން ދަތިވެ، ދިވެހި ރުފިޔާގެ އަގު ވަނީ މި ފަހުގެ ތާރީޚެއްގައި ނުވެއްޓޭ ވަރަށް ވެއްޓިފައެވެ. މިހާރު ކަޅުބާޒާރުގައި ޑޮލަރެއް ވިއްކަނީ 20 ރުފިޔާއިން މަތީގައެވެ.

ރާއްޖޭގެ ބޭރުގެ ދަރަނި ބޮޑުވެ، ބޭރުގެ މާލީ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ އެތައް ދުވަހެއްވެއްޖެއެވެ. އެގޮތުން، މި އަހަރު ބޭރުގެ ދަރަންޏަށް 500 މިލިއަނެއްހާ ޑޮލަރު ދައްކަންޖެހޭއިރު އަންނަ އަހަރު އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެއެވެ.

comment ކޮމެންޓް