ރުފިޔާގެ އަގު ވެއްޓުން ހުއްޓުވުމަށް ފެށި އޮޕަރޭޝަނުން 2.1 ބިލިއަން ރުފިޔާ ދައުރުވުން ހުއްޓުވައިފި

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު: ރުފިޔާގެ އަގު ވެއްޓުން ހުއްޓުވުމަށް ފެށި އޮޕަރޭޝަނުން 2.1 ބިލިއަން ރުފިޔާ ދައުރުވުން ހުއްޓުވައިފައިވާ ކަމަށް އެމްއެމްއޭއިން ބުނޭ -- ފޮޓޯ/ އެމްއެމްއޭ

ދިވެހި ރުފިޔާގެ އަގު ވެއްޓެމުން އަންނައިރު، އެކްސްޗޭންޖް ރޭޓް މައްޗަށް ދިޔުން ހުއްޓުވުމަށް ޓަކައި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ޚާއްސަ ފިޔަވަޅުތަކެއް އަޅައި، ބޭންކިން ނިޒާމުގައި ދައުރުވާ އިތުރު ފައިސާގެ ތެރެއިން 2.1 ބިލިއަން ރުފިޔާ މަދުކޮށްފިއެވެ.

މަރުކަޒީ ބޭންކުން މިއަދު ވަނީ ރާއްޖޭގެ ދެމެހެއްޓެނިވި އިގުތިސާދީ ކުރިއެރުމަށް މަގުފައިވާ ގޮތެއްގެ މަތީން ރާއްޖޭގެ ބާޒާރުގައި އަގުތައް އުފުލޭ މިންވަރު ނުވަތަ އިންފްލޭޝަން, އެކަށީގެންވާ މިންވަރެއްގައި ދެމެހެއްޓުމަށް ޓަކައި އެކުލަވައިލައިފައިވާ މަނިޓަރީ ސިޔާސަތުގެ ދަށުން އަޅައިފައިވާ ފިޔަވަޅުތައް މިއަދު ހާމަކޮށްފައެވެ.

އެމްއެމްއޭއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ކޮވިޑް-19ގެ ބަލިމަޑުކަމުގައި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ފައިސާ އިތުރަށް ޗާޕުކުރުމުން ބޭންކިން ނިޒާމުގައި ދައުރުވާ ފައިސާ ވަރަށް ބޮޑަށް އިތުރުވިއެވެ. އެގޮތުން އިގުތިސާދުގައި ދައުރުވާ ރުފިޔާގެ ލިކުއިޑިޓީ ވަނީ 2020 ވަނަ އަހަރާ އަޅާބަލާއިރު 178 ޕަސެންޓް އިތުރުވެފައި ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ފައިސާ ޗާޕު ކުރަން ފެށުމުން ބޭންކުގައި ދިވެހި ރުފިޔާގެ ޑިޕޮސިޓްސް ވަރަށް ބޮޑަށް އިތުރުވެ، މިހާރު ވެސް އިތުރުވަމުން އަންނައިރު، މިދިޔަ ޖޫން މަހުގެ ނިޔަލަށް އެފަދަ ޑިޕޮސިޓްސް ވަނީ އަހަރުން އަހަރަށް ބަލާއިރު 18 ޕަސެންޓުން އިތުރުވެފައި ކަމަށް އެމްއެމްއޭއިން ބުންޏެވެ.

"އެހެންނަމަވެސް، 2022 ވަނަ އަހަރުން ފެށިގެން ބޭރު ފައިސާގެ ޑިޕޮސިޓްސް އިތުރުވާ މިންވަރު ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައި،" އެ އޮތޯރިޓީން ފާހަގަކުރިއެވެ.

"އަދި ހަމައެހެންމެ، ބޭންކުތަކުން ދޫކުރާ ލޯނުގެ ތެރެއިން ދިވެހި ރުފިޔާގެ ލޯނު ވަރަށް ބޮޑުތަނުން އިތުރުވެފައި ވީނަމަވެސް، ބޭރު ފައިސާއިން ލޯނު ދޫކުރާ މިންވަރު ވަނީ މަޑުޖެހިފައި. އެހެންކަމުން، ދިވެހި ރުފިޔާގެ ޑިޕޮސިޓްސް އާއި ލޯނު އަދި އެކްސެސް ލިކުއިޑިޓީ އިތުރުވުމާއި، އަދި ބޭރު ފައިސާގެ ޑިޕޮސިޓްސް އަދި ލޯނު ދޫކުރާ މިންވަރަށް މަޑުޖެހުމުގެ ސަބަބުން، މީގެ ނޭދެވޭ އަސަރު ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ދަނީ ކުރަމުން."

ފައިސާ ބަދަލުކުރާ ވިޔަފާރިއެއް: ރާއްޖޭގައި ޑޮލަރުގެ އަގު އުފުލި، 20 ރުފިޔާއަށް ވަނީ އަރައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭރު ފައިސާގެ ރިޒާވް ދަށްވުމާ ގުޅޭ ގޮތުން އެމްއެމްއޭއިން ބުނީ، ކޮވިޑް ތެރޭ ފަތުރުވެރިކަން ދަށްވެ ޑޮލަރު ނުލިބުނު ނަމަވެސް، މިހާރު އެ ސިނާއަތް ކުރިއަރައި ބޭރު ފައިސާގެ އާމްދަނީ އަހަރުން އަހަރަށް އިތުރުވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ރިޒާވަށް އޭގެ އެންމެ އެދެވޭ ބަދަލު ނުފެންނަ ކަމަށާއި އޭގެ ސަބަބުތަކަކީ:

  • ރާއްޖެއަށް ތެޔޮ އިމްޕޯޓް ކުރުމަށް ކުރަންޖެހޭ ހޭދަ 2022 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑަށް އިތުރުވުން. އެގޮތުން، 2017 ވަނަ އަހަރުން 2021 ވަނަ އަހަރަށް ކޮންމެ އަހަރަކު ތެލަށްކުރާ ޚަރަދު އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ވިއްކާ ޖުމްލަ ބޭރު ފައިސާގެ ނިސްބަތުން އެވްރެޖްކޮށް 33 ޕަސެންޓުގައި ހުރިއިރު، 2022 ވަނަ އަހަރުން 2024 ވަނަ އަހަރަށް އެވްރެޖްކޮށް މި އަދަދު ވަނީ 49 ޕަސެންޓަށް އިތުރުވެފައި.
  • ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭރުގެ ދަރަނި އަދާކުރުމަށް، އަދި އަމިއްލަ ވިޔަފާރިތަކާއި އާންމުންގެ އެކި ބޭނުންތަކަށް ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއިން ވިއްކާ ޑޮލަރު ވަރަށް ބޮޑަށް އިތުރުވުން.
  • ފާއިތުވި އަހަރުތަކުގެ ތެރޭގައި ޖީޑީޕީގެ ނިސްބަތުން ބޭރުގެ ދަރަނި ވަރަށް ބޮޑަށް އިތުރުވުމުގެ ސަބަބުން ފާއިތުވި ދެތިން އަހަރު ތެރޭގައި ސަރުކާރަށް ބޭރުގެ ފައިނޭންސިން ހޯދުމަށް ދަތިވުން.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގު ހުރީ 15.42 ރުފިޔާގައި ހިފަހައްޓައިފައި ނަމަވެސް، ވިޔަފާރިއާއި ބޭސް ފަރުވާއަށް ބޭރަށް ދިޔުން ފަދަ ކަންކަމަށް ދިވެހީންނަށް ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހެއެވެ. ޑޮލަރުގެ އަގު އުފުލެމުން ގޮސް، މިހާރު ވަނީ 20 ރުފިޔާއިން މައްޗަށް އަރައިފައެވެ.

https://sun.mv/208752

އެމްއެމްއޭއިން ބުނީ ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކޮށް، ބޭންކިން ނިޒާމުގައި ދައުރުވާ ދިވެހި ރުފިޔާގެ ލިކުއިޑިޓީ މަދު ކުރުމަށް، އޯޕަން މާކެޓް އޮޕަރޭޝަންސްގެ ދަށުން ރިވާސް ރީޕާޗޭސް އޮޕަރޭޝަންސް މިދިޔަ މަހުގެ 23ގައި ފަށައިފައިވާ ކަމަށެވެ.

"މިގޮތުން ރިވާސް ރީޕާޗޭސްގެ ފުރަތަމަ އޮޕަރޭޝަންއިން ވަނީ ބޭންކިން ނިޒާމުގެ އެކްސެސް ލިކުއިޑިޓީގެ ތެރެއިން 2.1 ބިލިއަން ރުފިޔާ މަދުކުރެވިފަ،" އެމްއެމްއޭއިން ބުންޏެވެ.

ރިވާސް ރީޕާޗޭސް އޮޕަރޭޝަންސްއަކީ ކޮބާ؟

ރިވާސް ރިޕާޗޭސް އޮޕަރޭޝަންސްއަކީ ބޭންކިން ސިސްޓަމްތަކުގައި އިތުރުވާ ފައިސާ މަދު ކުރުމަށް މަރުކަޒީ ބޭންކުތަކުން ކުރާ މުއާމަލާތެކެވެ.

އެ މުއާމަލާތުގައި މަރުކަޒީ ބޭންކުން ސަރުކާރު ބޮންޑްތައް ފަދަ ސެކިއުރިޓީތައް ބޭންކުތަކާއި މާލީ މުއައްސަސާތަކަށް ވިއްކައެވެ. އެ އެސެޓްތައް ވިއްކަނީ، ވިއްކި އަދަދަށް ވުރެ އަގު ބޮޑުކޮށް ވަކި މުއްދަތެއްގެ ތެރޭގައި ގަންނަ ގޮތަށެވެ. އޭގެ ސަބަބުން ބޭންކިން ނިޒާމުގައި ދައުރުވާ އިތުރު ފައިސާ މަދުވާން މަގުފަހިވެއެވެ.

މި ސަރުކާރު އައިފަހުން ޑޮލަރުގެ އަގު އެންމެ ރަނގަޅަށް ހުރީ މިދިޔަ އަހަރުގެ ފެބްރުއަރީ ހިސާބުގައެވެ. ސަރުކާރުން ވަނީ ޑޮލަރުގެ އަގު މަތި ނުވާނެ ކަމަށާއި ދެން ދާނީ ތިރިއަށް ކަމަށް ވިދާޅުވެފައެވެ. މިދިޔަ އޭޕްރީލް މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރެވި، ޑޮލަރެއްގެ އަގު ބޭންކް ރޭޓަށް 2027 ނިމުމުގެ ކުރިން ދަށްކުރެވޭނެ ކަމަށެވެ. އޭގެ ކުރިން ރައީސް ވަނީ ޑޮލަރުގެ ރޭޓު ދެން ވާނީ ދަށްކަމަށާއި އިތުރަށް މަތިނުވާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް