ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭ އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތީ، މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރެއެވެ.
އެ ދަތުރުފުޅުގެ އިތުރު ތަފުސީލެއް ރައީސް އޮފީހުގެ ފަރާތުން ނުދެއެވެ.
މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ މަނިކުފާނު ސިންގަޕޫރަށް ކުރެއްވި ހަތަރުވަނަ ދަތުރުފުޅެވެ. އަދި، ތިންވަނަ ނުރަސްމީ ދަތުރުފުޅު ވެސް މެއެވެ.
އެންމެ ފަހުން ރައީސް ސިންގަޕޫރަށް ކުރެއްވީ ރަސްމީ ދަތުރުފުޅެކެވެ. މިދިޔަ ޖޫން މަހުގެ 30އިން މިދިޔަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އެ މަނިކުފާނު ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގްއާއި އެ ގައުމުގެ ވަޒީރުންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރައްވާފައިވެއެވެ.
އެ މަނިކުފާނު އެންމެ ފަހުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅުގައެވެ. އެ ފަހަރު އެ މަނިކުފާނު ވަޑައިގަތީ ހެލްތު ޗެކަޕެއް ހެއްދެވުމަށެވެ.