މަސައްކަތް ކުރާ ގައިދީންގެ އެލަވަންސް 25 އަހަރު ފަހުން ބޮޑުކޮށްފި؛ 30ރުފިޔާއިން 50އަށް

ގައިދީން ތަކެއް ދަނޑު ހެއްދުމުގެ މަސައްކަތުގައި: މަސައްކަތްކުރާ ގައިދީންގެ އެލަވަންސް 50ރ. އަށް ބޮޑުކޮށްފި --- ސަން ފައިލް ފޮޓޯ/ އަހުމަދު ޝަރުވާން

މަސައްކަތްކުރާ ގައިދީންނަށް އެލަވަންސްގެ ގޮތުގައި ލިބޭ 30 ރުފިޔާ، 50 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

ގައިދީން މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 30 ރުފިޔާ ދޭ ގޮތަށް އެންމެ ފުރަތަމަ ހަމަޖެއްސީ 2،000 ވަނަ އަހަރެވެ.

އޭގެ ފަހުން 25 އަހަރު ފާއިތުވެދިޔައިރު އެ އެލަވަންސް ދެމުން ދިޔައީ ހަމަ އެ ރޭޓުގައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ މީޑިއާ އޮފިޝަލް، އައިމިނަތު ޔުސްރީން 'ސަން' އަށް ވިދާޅުވީ މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެ އެލަވަންސް ބޮޑުކޮށްފައިވާ ކަމަށެވެ.

އެގޮތުން މިހާރު ގައިދީން މަސައްކަތްކުރާނަމަ މަސައްކަތްކުރާ ދުވަހަކަށް 50 ރުފިޔާ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔުސްރީން ވިދާޅުވި ގޮތުގައި މަސައްކަތުގެ އެކި ގްރޭޑުތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މަސައްކަތުގެ އެންމެ ދަށް މިންގަނޑު ކަމަށްވާ ގްރޭޑް އެކަކަށް ލިބޭނީ 50 ރުފިޔާއެވެ. ކޮންމެ ގްރޭޑަކަށް ދެން ބޮޑުވާނީ 10 ރުފިޔާކަމަށާއި، އެގޮތަށް ގޮސް މަސައްކަތުގެ އެންމެ މަތީ ގްރޭޑަށް ލިބޭނީ ދުވާލަކަށް 120 ރުފިޔާކަމަށް އޭނާ ވިދާޅުވިއެވެ.

ޔުސްރީން ވިދާޅުވީ، ގައިދީންގެ ތެރޭގައި ވެސް އެކި ލެވަލަށް މަސައްކަތްކުރާ ގައިދީން ތިބޭނެ ކަމަށެވެ. އެހެންކަމުން އެ ގައިދީއަކު ކުރާ މަސައްކަތަށް ބެލުމަށްފަހު، 50 ރުފިޔާއާއި 120 ރުފިޔާއާ ދެމެދުން އެލަވަންސް ދޭނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް