ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތަކާ އެކު ސަރުކާރުގެ ވިސްނުމަކީ ކައުންސިލްތަކުގެ ބާރު ހަނިކޮށް، ވަޒީފާ ބަހައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓު ހޯދުން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.
ކައުންސިލްތަކުގެ ދައުރު ހަމަވާން ގާތްވުމުން، ކައުންސިލް އިދާރާއަށް މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިހުތިސާސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުން ވެސް ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުތަކުގެ ދަށުން ނޫނީ ނުކުރެވޭ ގޮތަށް މިދިޔަ އާދިއްތަ ދުވަހު ލާމަރުކަޒީ ގާނޫނަށް ވަނީ އިސްލާހެއް ހުށަހަޅައިފައެވެ. މި އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ބާރު ގެއްލޭ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެ ޕާޓީން ވަނީ އިސްލާހާ މެދު ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ/ އެމްޑީޕީ
މި މައްސަލައިގައި އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް ވިދާޅުވީ، މިއީ ދިރާސާކުރުމެއް ނެތި ކައުންސިލްތައް މާލީގޮތުން ބަލިކަށި ކުރުމަށްޓަކައި ހުށަހެޅި އިސްލާހެއް ކަމަށެވެ.
އިންތިޚާބަށް އެއް އަހަރަށް ވުމުން ތަރައްގީގެ މަޝްރޫއުތައް މި އިސްލާހުގެ ދަށުން މަޑުޖައްސަން ޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ގާނޫނުގެ އެހެން މާއްދާތަކާ ވެސް މި އިސްލާހު ފުށޫއަރާ ކަމަށެވެ.
ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވައިލަނީ ފަސް އަހަރު ދުވަހަށް. ހަތަރު އަހަރު ދުވަހަކަށް ނޫން. އެހެންކަމަށް ވާނަމަ މި އިސްލާހު އެ ބޭފުޅުން ގެންނަން ބޭނުންވާނަމަ، އަޅުގަނޑު އެދެން މިބުނާ މާއްދާއަށް ވެސް އިސްލާހު ގެންނަން. ތަރައްގީގެ ޕްލޭން އެކުލަވައިލަން ވާނީ ހަތަރު އަހަރަށް ކަމަށް، އަލީ ނިޔާޒް
ނިޔާޒް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން، ވަޒީރުން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރަނީ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ނުހިގުން ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ މިހާރުގެ ވެސް ވިސްނުމަކަށް މި އޮތީ ކައުންސިލްތައް ހުއްޓުވާފައި ކައުންސިލްތަކުން ތަރައްގީގެ އެއްވެސް މަސައްކަތެއް ނުކުރާގޮތަށް ދެ އަތާއި ދެފައި ބަނދެފައި ސަރުކާރުން ރަށްރަށަށް އަރައި ވަޒީފާ ބަހައިގެން އިންތިޚާބު ކާމިޔާބުކުރުން، އަލީ ނިޔާޒް
އޭނާ ވިދާޅުވީ، މިއީ ހުރިހާ އިންތިޚާބަކަށް ވެސް ހިނގާނެ އުސޫލެއް ނަމަ މި އިސްލާހު ގަބޫލުކުރަން ފަސޭހަވީސް ކަމަށެވެ.
މި އިސްލާހާ ދެކޮޅަށް މަސައްކަތްތަކެއް ކުރުމަށް އެމްޑީޕީން ވަނީ ނިންމައިފައެވެ. އެގޮތުން ނިންމަފައިވަނީ:
- ކަންބޮޑުވުން ނޫސްބަޔާނެއްގެ ސިފައިގައި ނެރުން
- ކައުންސިލްތައް އެކުވެގެން އައިސް މިކަމާ އިހުތިޖާޖުކުރުމަށް މަޖިލީހުގެ މެންބަރުންނާ އެކު ނުވަތަ ދައުލަތުގެ ވެރިންނާ އެކު މަޝްވަރާކުރުން
- އެވަރުން ހައްލެއް ނުލިބިއްޖެނަމަ، ސުލްހަވެރިކަމާ އެކު އިހުތިޖާޖުކުރުން
- ރައްޔިތުންނާ ބައްދަލުކޮށް މި އިސްލާހުގެ މައުލޫމާތު ދިނުން
ލާމަރުކަޒީ ގާނޫނަށް މިފަދަ އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން މި ހުށަހެޅީ، އެފަދަ ވާހަކަތަކެއް މީގެ ކުރިން ވެސް ދެކެވިފައިވަނިކޮށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން މި ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް 20ވަނަ މަޖިލީހުން ވަނީ ލާމަރުކަޒީ ގާނޫނަށް ދެތިން ފަހަރު އިސްލާހު ވެސް ގެނެސްފައެވެ.
މި އިސްލާހާ ދެކޮޅަށް ގަމާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ފަދަ ބޮޑެތި ކައުންސިލްތަކުން ވަނީ ތެދުވެފައެވެ.