ރިޕޯޓު ލީކުވުން: މުގައްރިރުކަން ކުރާ އެސްއޯއީ ކޮމިޓީން ވެސް ޝުޖާ ވަކިކޮށްފި

ބާރަށު ދާއިރާގެ މެންބަރު ޝުޖާ: އޭނާ ވަނީ އެސްއޯއީ ކޮމިޓީން ވެސް ވަކިކޮށްފައި --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު (ޝުޖާ) މުގައްރިރުކަން ކުރައްވާ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން މިއަދު ވަކިކޮށްފިއެވެ.

އެކަން އިއުލާނުކުރައްވައި މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، ޝުޖާއުގެ ބަދަލުގައި އެ ކޮމިޓީއަށް އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު ހަމަޖައްސާފައިވާ ކަމަށެވެ. ދެން ކޮމިޓީތަކަށް ގެނައި ބަދަލަކީ ޖުޑީޝަރީ ކޮމިޓީގެ ނައިބު މުގައްރިރު އަދި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމްގެ ބަދަލުގައި އެ ކޮމިޓީއަށް ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު ހަމަޖެއްސުމެވެ.

ފާހަގަކުރެވޭ ގޮތުގައި އިއްޔެ ޝުޖާއު މާލިއްޔަތު ކޮމިޓީން ވަކިކޮށް، އޭނާ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ވަނީ އިއްޔެ ހަމަޖައްސައިފައެވެ. އެ ބަދަލު ގެނެސްފައި މި ވަނީ ޝުޖާއު އާ ގުޅޭގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން އެކުލަވައިލި ރިޕޯޓެއް ލީކުވެ، ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވަނިކޮށެވެ.

ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) މެދުވެރިކޮށް ޝުޖާއަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި ގޮތުގެ ތަފުސީލުތައް ހިމެނޭ އެފްއައިޔޫގެ ރިޕޯޓު މި ފަހުން ވަނީ މީސްމީޑިއާގައި ލީކުކޮށްލައިފައެވެ. އެ ރިޕޯޓު ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކްސް އެކައުންޓް 'ހަސަން ކުރުސީ'އެވެ. އެ ރިޕޯޓާ ގުޅިގެން ޝުޖާއަށް ވަނީ ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައެވެ.

މި ބަދަލު ގެނައި ސަބަބެއް ޕީއެންސީން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު، މި ބަދަލު ގެނައީ އެފްއައިޔޫގެ ރިޕޯޓާ ގުޅިގެން ޝުޖާއަށް ގިނަ ތުހުމަތުތަކެއް އަމާޒުވެފައި އޮއްވައެވެ.

ފާހަގަކުރެވޭ ގޮތުގައި މި މައްސަލަ ފެންމަތިވެފައި އޮއްވައި އެފްއައިޔޫގެ ވެރިޔަކަށް ހުންނެވި އަބްދުﷲ އަޝްރަފް ވަނީ މަގާމުން ދުރުކޮށް، އެ މަގާމަށް އިސްމާއިލް ސާޖިދު ވަނީ އައްޔަންކޮށްފައެވެ. މިދިޔަ މަހުގެ 14 ވަނަ ދުވަހާ ޖެހެންދެން އޭނާ ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގައެވެ.

ލީކުވެފައިވާ ރިޕޯޓުގައިވަނީ ނޮވެންބަރު އެކެއް، 2023 އިން ފެށިގެން ޖަނަވަރީ 10، 2024ގެ ނިޔަލަށް ހިނގާފައިވާ މުއާމަލާތްތަކެކެވެ. އެ މުއްދަތުގެ ތެރޭގައި 42 މިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ރިޕޯޓްގައިވެއެވެ.

ނޮވެންބަރު 17، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވަން ބޭއްވި ރަސްމިއްޔާތާ ބެހޭ މުއާމަލާތް ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެ ރަސްމިއްޔާތުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ މަޖިލީހުގެ އިދާރާއިންނެވެ. ލީކުވެފައިވާ ރިޕޯޓުގައި ވާގޮތުން މަޖިލީހުން ސިވެކްއާ އެ މަސައްކަތް ހަވާލުކުރީ 23 މިލިއަން ރުފިޔާއަށެވެ. އޭގެ ތެރެއިން 19 މިލިއަން ރުފިޔާ ވަނީ ޝުޖާއާ ގުޅުން އޮތް ތިން ކުންފުންޏަކަށް ޖަމާކޮށްފައެވެ.

މި ތުހުމަތުތަކަށް ޝުޖާއު އިންކާރުކުރެއެވެ. އެކަމަކު، ފުލުހުން ވެސް ވަނީ ރިޕޯޓާ ގުޅިގެން ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފައެވެ.

comment ކޮމެންޓް