ކަސްރަތު ކުރުމަކީ އެކަމުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް ސިއްހަތަށް ފައިދާކުރުވަނިވި ކަމަކަށްވީ ނަމަވެސް އެކަމުގައި ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ ދައްކަން ބޭނުންވާ މީހުން ވަރަށް މަދު ކަމަށް އިންޑިއާގެ ބަތަލާ ބޫމީ ޕެޑްނެކާރު ބުނެފިއެވެ.
ދާދިފަހުން ބޫމީ ބައިވެރިވި ޓޯކް ޝޯއެއްގައި ވާހަކަ ދައްކަމުން ބަތަލާ ބުނީ، ހަށިގަނޑަށް ކަސްރަތު ބޭނުންވާ މިންވަރަށް ވުރެ މާބޮޑަށް ކަސްރަތު ކުރުމުން އޭގެ ނޭދެވޭ އަސަރު ހީވެސް ނުކުރާފަދަ ގޮތަކަށް ހަށިގަނޑަށް ކުރި ކަމަށެވެ.
ފިލްމު "ދަމް ލަގާ ކޭ ހައިޝާ"އިން 2015ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް ބަތަލާ ވަނީ އެ ފިލްމަށްފަހު ހަށިގަނޑުގެ ބަރުދަން ލުއިކުރަން ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. ފިލްމު "ދަމް ލަގާ ކޭ ހައިޝާ" ކުޅުނުއިރު ބޫމީގެ ހަށިގަނޑުގެ ބަރުދަނުގައި 90 ކިލޯ ހުއްޓެވެ.

ބޫމީ ފިލްމު "ދަމް ލަގާ ކޭ ހައިޝާ"ގެ މަންޒަރެއްގައި. މި ފިލްމު ކުޅުނުއިރު ބަތަލާގެ ބަރުދަން 90 ކިލޯއަށް އަރާ--ފޮޓޯ/ފިލްމުފެއަ
އެހެންކަމުން ލޫޅާފަތި ހަށިގަނޑެއްގެ ވެރިއަކަށް ވުމަށް ކުރަމުންދިޔަ މަސައްކަތުގައި ބޫމީގެ އެންމެ ބޮޑު އަމާޒަކަށްވީ ވީހާވެސް ގިނަ ކެލޮރީސް ހަށިގަނޑުން ވިރުވާލުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
އޭރު ބޫމީއަށް ގަބޫލުކުރެވުނު ގޮތުގައި ވީހާވެސް ގިނަ ކެލޮރީސް އަންދާލެވުމަކީ އެއީ ފިޓުކޮށް ހުރުމަށް ވަރަށް މުހިއްމު ކަމެކެވެ. އެހެންކަމުން އެންމެ ގިނައިން ކެލޮރީސް އަންދާލެވޭ ދުވަސްތަކަކީ އަމިއްލަ ނަފުސާމެދު ފަޚުރުވެރިވެވޭ ދުވަސްތަކެއް ކަމަށް ބޫމީ ވަނީ ބުނެފައެވެ.
ހެލްތުޝޮޓްއަށް ދިން އިންޓަވިއުގައި ބޫމީ ބުނެފައި ވަނީ މާ ގަދައަށް ކަސްރަތު ކުރެވުމުން އަމިއްލަ ނަފުސާމެދު އޭރު ފަޚުރުވެރިވެވުނު ނަމަވެސް ހަގީގަތުގައި އެކަމުގެ ސަބަބުން އަމިއްލަ ނަފުސަށް ގެއްލުންތަކެއް ލިބެމުން ދިޔަ ކަމަށެވެ.
އެކަން އޭރު ނޭނގޭ ކަމަށާއި ކަސްރަތު ކުރުމާ ގުޅޭ މައުލޫމާތުތައް ލިބެން ފެށި އެކަމަށް އަހުލުވެރިވާން ފެށުމުން ކަސްރަތު ކުރުމުގެ އާދައަށް ބަދަލުތަކެއް ގެނައި ކަމަށް ބޫމީ ވަނީ ބުނެފައެވެ. އެހެންވެ އޭގެ އަހަރުތަކެއް ފަހުން ބޫމީގެ ކަސްރަތު ކުރުމުގެ އާދައަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ކާމިޔާބު ބަތަލާ ވަނީ ބުނެފައެވެ.
މާގިނައިން ކަސްރަތުކުރުމަކީ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ގެއްލުންވަ ކަމެއް ކަމަށް ބައެއް ދިރާސާތަކުން ވެސް ވަނީ ދައްކާފައެވެ.
ބޫމީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ދާދިފަހުން ރިލީޒްކުރި ފިލްމު "މެރޭ ހަޒްބެންޑް ކީ ބިވީ"އިންނެވެ. މީގެއިތުރުން ނެޓްފްލިކްސްގައި ޕްރީމިއާ ކުރި "ދަ ރޯޔަލްސް"ގައި ބޫމީ ކުޅެފައިވާ ރޯލަށް ވެސް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.