އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރު، ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާއަށް ވަދެ މިސްކިތުގެ ހުރުމަތް ކެނޑި މައްސަލަ ރާއްޖެއިން މިރޭ ކުށްވެރުކޮށްފިއެވެ.
އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރު އިތަމާރު ބެންގަވީރު މިއަދު ވަނީ އަގްސާ މިސްކިތުގެ ގޯތިތެރެއަށް އިތުރު ބަޔަކާއެކު، ޔަހޫދީ ދީނުގެ އަޅުކަމެއްގައި އިސްކޮށް ބައިވެރިވެފައެވެ.
އިސްރާއީލުން 1967ގައި އިރުމަތީ ގުދުސް ހިފުމަށްފަހުވަނީ، އެ ސަރަހައްދު ބަލަހައްޓާނީ އުރުދުންއިން ކަމަށްވީ ސަލާމަތީ ކަންތައްތައް ބަލަހައްޓާނީ އިސްރާއީލުން ކަމަށް ނިންމައިފައެވެ. އިސްރާއީލުން ވަނީ މިސްކިތުގެ ގޯތި ތެރެއަށް ޔަހޫދީންނަށް ވަދެވޭނެ ކަމަށާއި ނަމަވެސް އަޅުކަން ނުކުރެވޭނެ ކަމަށް ނިންމައިފައެވެ.
ބެންގަވީރު އިއްޔެ އަގްސާ މިސްކިތަށް އެތައް ސަތޭކަ ބަޔަކާ އެކު ވަދެ، އިސްރާއީލުގެ ނިންމުމާ ޚިލާފުވެފައިވަނީ ގިނަ އަދަދެއްގެ ފުލުހުންނާ ވެސް އެކުގައެވެ.
އެ މައްސަލައިގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާ ކަމަށްވާ މަސްޖިދުލް އަގްސާގެ އިމުގެ ތެރެއަށް ބެންގަވީރު ވަދެ، ހުރުމަތް ކަނޑާލި ކަނޑާލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
"މި އަމަލަކީ ބައިނަލްއަގްވާމީ ގާނޫނާއި، އިސްލާމީ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުންގެންދާ ނޭދެވޭ އަމަލެއް،" ބަޔާނުގައިވެއެވެ.
ފޮރިން މިނިސްޓްރީން ވަނީ، އިސްރާއީލުން ކުރަމުންދާ ޣައިރު ގާނޫނީ އަމަލުތަކާއި، އިސްލާމީ މުގައްދަސު ތަންތަނުގެ ހުރުމަތް ކަނޑާލުމަށް ހިންގާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައިފައެވެ.
ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް ތާއީދު ކުރާނެކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އިސްރާއީލުގެ ވެރިންނާއި ސިފައިންނާއި ފުލުހުން މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އަގްސާ މިސްކިތަށް ވަދެ، މުސްލިމުންނަށް ހުރަސް އަޅައި، އަނިޔާކޮށްފައިވެއެވެ. ރޯދަމަހާއި ހުކުރު ދުވަސްތައް ފަދަ، ގިނަ އަދަދެއްގެ މުސްލިމުން މިސްކިތަށް އެއްވާ ދުވަސްތަކުގައި އިސްރާއީލުން މުސްލިމުންނަށް ހުރަސް އަޅާ މައްސަލަ ވަރަށް ގިނައިން ފެންމަތިވެއެވެ.