އާ ޓާމިނަލް ހުޅުވި ރޭ ޑްރޯންތަކެއް ވެއްޓުނު މައްސަލަ ތަހުގީގުކޮށްދޭން ފުލުހަށް ހުށަހަޅައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭނަޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު އިންޓަނޭޝަނަލް ޓާމިނަލް ހުޅުވި ރަސްމިއްޔާތުގެ ޑްރޯން ޝޯއަށް ބޭނުންކުރި ބައެއް ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގުކޮށްދޭން އެދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފުލުހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ފުލުހަށް ހުށަހެޅުއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން 'ސަން' އަށް ކަށަވަރުކޮށްދެއްވައިފައެވެ. އިތުރު އެއްވެސް މައުލޫމާތެއް ނުދެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ޑްރީން ޝޯ: އާ ޓާމިނަލް ހުޅުވި ރޭ ޑްރޯންތަކެއް ވެއްޓުނު މައްސަލަ ތަހުގީގުކޮށްދޭން ފުލުހަށް ހުށަހަޅައިފި -- ފޮޓޯ/ ރައީސް އޮފީސް

އިތުބާރު ހުރި މަސްދަރަކުން 'ސަން' އަށް އެނގުނު ގޮތުގައި ޑްރޯންތަކެއް ވެއްޓުނު މައްސަލަ ބަލަން ފުލުހަށް ހުށަހެޅީ، ޑްރޯން ޝޯ ކުރިއަށް ދިޔަ ވަގުތު އެ ޑްރޯންތައް ވެއްޓުމުގެ ފަހަތުގައި އެހެން ބައެއްގެ އަމަލެއް ވޭތޯ ބެލުމަށެވެ.

އެކަމުގެ ސަބަބުން އެމްއޭސީއެލްއަށާއި، ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތަށް ބޮޑު ގެއްލުމެއް ވަނީ ވެފައެވެ. ގިނަ އަދަދެއްގެ ޑްރޯންތަކެއް ވެއްޓުމުގެ ސަބަބުން ރަންވޭ ހުޅުވާނުލެވި, ގިނަ އަދަދެއްގެ ފްލައިޓްތަކެއް ޑިލޭ ވެސް ވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ވީއައިއޭގެ އައު ޓާމިނަލް ހުޅުވި ރަސްމިއްޔާތުގައި ޑްރޯން ޝޯގެ އިތުރުން މާލޭގެ 19 ސަރަހައްދެއްގައި ހަ މިނެޓަށް ހަވާ ވެސް އެރުވިއެވެ. އެއީ މާލެ ވަށައިގެން ކަނޑުގެ 16 ސަރަހައްދަކާއި އެއާޕޯޓު ސަރަހައްދުގައި ތިން ތަނެއްގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޓާމިނަލް ހުޅުވުމަށް އެ ރޭ ބޭއްވި ރަސްމިއްޔާތުގައި އެރުވި ތާރީޚީ ހަވާ ދުނިޔޭގެ ގިނިސް ވޯލްޑް ރެކޯޑު ފޮތުން ވެސް ޖާގަ ހޯދިއެވެ.

comment ކޮމެންޓް