ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުގެ އަށްވަނަ ޓަވަރުން މީހަކު ވެއްޓިއްޖެއެވެ.
މި ހާދިސާ ހިނގުމާއެކު ފުލުހުންވަނީ އެ ސަރަހައްދަށް ގޮސް، ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާއަށް މިހާރު ވަނީ ފަރުވާދޭން ފަށައިފައެވެ.
ފުލުހުން ބުނީ މިއީ 18 އަހަރުގެ ފިރިހެނެއްކަމަށެވެ.

ވިނަރެސް ފްލެޓުން ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދަނީ --- ސަން ފޮޓޯ
މި ހާދިސާގެ ފޮޓޯއާއި ވީޑިއޯ ސޯޝަލްމީޑިއާގައި ވަނީ ދައުރުވެފައެވެ. މި ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެއެވެ. އަދި އާންމުން ވެސް އެ ސަރަހައްދަށް ވަނީ އެއްވެފައެވެ.
ވެއްޓުނު މީހާއަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަން، އަދި ވެއްޓުނީ ކިތައްވަނަ ފަންގިފިލާއިން ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، އިތުރު މައުލޫމާތު ލިބުނުހާ އަވަހަކަށް އެ މައުލޫމާތު ހިއްސާކުރާނެކަމަށެވެ.
އުސް އިމާރާތްތަކުން މީހުން ވެއްޓުމުގެ މައްސަލަތައް މަދުމަދުން ހިނގައެވެ.
މި ފަހުން އެންމެންގެ ސަމާލުކަމަށް އައި އެ ފަދަ މައްސަލައަކީ 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އުސް އިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓުނު މައްސަލައެވެ.