އާ ޓާމިނަލް އެޅުމުގެ ސަބަބުން 60 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިއްޖެ: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް: ޓާމިނަލް އަޅަން ބޮޑު ދަރަނި ނުނެގިނަމަ ފަތުރުވެރިންގެ އަދަދު މިއަދު ހުންނާނީ 4 މިލިއަނުން މަތީގައި ކަމަށް ވިދާޅުވި ---- ސަން ފޮޓޯ/ މޫސާ ނަދީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީކޮށް، އާ އިންޓަނޭޝަނަލް ޓާމިނަލެއް އެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ނިންމި ނިންމުމުގެ ސަބަބުން 60 ބިލިއަން ޑޮލަރުގެ ގެއްލުން ރާއްޖެއަށް ލިބިއްޖެކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ފާޑުވިދާޅުވެއްޖެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާ ޓާމިނަލްގެ މަސައްކަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 10 ޕަސެންޓު ހިއްސާ ވެސް ނެތް ކަމަށާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ޓާމިނަލަށް ބަދަލު ގެނައުމުގެ ނަމުގައި 300 މިލިއަން ޑޮލަރު އިތުރުކުރީ ކޮރަޕްޝަން ހިންގަން ކަމަށް ވިދާޅުވެ ޔާމީން ވަނީ މިފަހުން ފާޑުވިދާޅުވެފައެވެ.

އެ އިތުރުކުރި 300 މިލިއަން ޑޮލަރު ބޭނުންކުރީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރަން ކަމަށް ވެސް އެމަނިކުފާނު ވަނީ ތުހުމަތުކުރައްވާފައެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ވީއައިއޭ ތަރައްގީކުރުމަށާއި، ހިންގުމަށް ދައުލަތުން ޚަރަދެއް ކުރަންނުޖެހޭ ގޮތަށް ބަޔަކާ ހަވާލުކޮށްފައި އޮއްވައި، ދައުލަތަށް ގެއްލުންވާ ގޮތަށް އެ އެއްބަސްވުން ބާތިލުކުރުމަށްފަހު ދަރަނި މައްޗަށް ދަރަނި ނަގައިގެން އެއާޕޯޓު ހެދުމަށް ނިންމި ނިންމުމަކީ ސިޔާސީ ބޭނުމެއްގައި ކުރި ދެކޮޅުނުޖެހޭ ކަމެއް ކަމަށެވެ.

ފައްޔާޒު އިޝާރާތްކުރެއްވީ، މިހާރުގެ ވީއައިއޭ ނުވަތަ އޭރު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ޖީއެމްއާރު ކުންފުންޏަށް ދީފައި އޮތް އޮތުމެވެ.

މީގެ އިތުުރުން މިއަދު ރާއްޖެ މިދެކޭ ދަރަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އެއާޕޯޓުގެ ނަމުގައި ނެގި ދަރަނިންކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ އެއީ މިހާތަނަށް ދިވެހިރާއްޖޭގެ ވެރިޔަކު ނިންމި އެންމެ 'ދޯހަޅި' ނިންމުން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެހެން ޒަރޫރީ ކަންތައްތައް ފުއްދުމަށް ފައިސާ ހޯދުމަށް އޮތް ފުރުސަތު ވެސް ބަންދުވެއްޖެ ކަމަށެވެ.

އެފަދައިން ވިދާޅުވެ އޭނާ ވަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން 2014 ވަނަ އަހަރު ޔާމީންގެ ސަރުކާރުގައި ދަރަނި ނަގައިގެން އެގޮތަށް އަމަލު ނުކުރިނަމަ، މިއަދު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ހުންނާނީ ހަތަރު މިލިއަނުން މަތީގައި ކަމަށާއި ރާއްޖޭގެ ޖީޑީޕީ ހުންނާނީ ދެގުނަ މަތީގައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/ މޫސާ ނަދީމް

އޭނާ ވިދާޅުވި ގޮތުގައި ވެރިޔަކު ސިޔާސީ ބޭނުމެއްގައި ނިންމި އެ ނިންމުމުގެ ސަބަބުން އިގްތިސާދަށް 60 ބިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެއެވެ. އަދި އެ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ 'ތިމަން މަނިކުފާނަކީ މާމޮޅު އިކޮނޮމިސްޓެއް ކަމަށް ދައްކައިގެން ރާއްޖެއަށް އެ ގެއްލުން ދެއްވި ބޭފުޅާ' ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. އަދި އެއީ 'ފްރަންޓޮނޮމިކްސް' ގެ އިގްތިސާދީ ވިސްނުން ކަމަށް ވިދާޅުވެ ފައްޔާޒު ވަނީ ޔާމީނުގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓާ ގުޅުވައި، ފާޑުވިދާޅުވެފައެވެ.

އިގްތިސާދަށާއި މުޅި ދައުލަތަށް މި ލިބުނު އެތައް ސަތޭކަ ބިލިއަން ޑޮލަރުގެ މި ބޮޑު ގެއްލުމަކީ ކާމިޔާބީއެއްގެ ގޮތުގައި ހަމަ ފާހަގަކުރަންވީތޯއެވެ؟ އަދި މިއަދު އެއާޕޯޓު އެކުގައި ނުނިންމައި އެ އެއާޕޯޓު ހުޅުވުމުގެ ނަމުގައި އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްލާއިރު އެ ބޭކާރު ޚަރަދަށްވުރެ އެ އެއާޕޯޓު ހަގީގަތުގައިވެސް އެކުގައި ނިންމުން މާ މުހިއްމު ނޫންބާވައެވެ؟ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް

ފައްޔާޒު އެފަދައިން ވިދާޅުވީ އާ ޓާމިނަލްގެ މަސައްކަތް ނިންމުމުގައި މި ސަރުކާރުގެ ދައުރާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފާޑުކިޔައި، ޓާމިނަލް ނިންމުމުގެ ކްރެޑިޓާ ބެހޭގޮތުން ބަހުސެއް އުފެދިފައިވާ ދަނޑިވަޅެއްގައި ވެސްމެއެވެ.

ފައްޔާޒުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ވަނީ އާ ޓާމިނަލާއެކު، އެއާޕޯޓު 'ވަރަށް ރީތި' ވާނީ ގައުމު މިހާރު އޮތް 'ދަރަނީގެ ދަންތުރައިން' ސަލާމަތްކުރެވޭނެނަމަ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/208667

އާ ޓާމިނަލްގެ ކްރެޑިޓް މި ސަރުކާރުން ނަގަނީ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ އާ ޓާމިނަލްގެ މަސައްކަތް ކުރެއްވި ކުރީގެ ހުރިހާ ވެރިންނަށް ޓާމިނަލްގެ ކްރެޑިޓް ލިބޭނެކަމަށެވެ. އަދި އާ ޓާމިނަލް މަސައްކަތުގެ ކްރެޑިޓް ނަންގަވަން އުޅުއްވުމަކީ "ކުޑަކުދިން އުޅޭ ގޮތެއް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެފަހުން އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް، ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު އެރުވުމުގެ މަސައްކަތް ކުރާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިއްޔެ ބުންޏެވެ.

ކުލަގަދަ ރަސްމިއްޔާތަކާ އެކު، އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ނިންމާފައި ވަނީ މިނިވަން ދުވަހާ ގުޅުވައި މި މަހުގެ 26ވަނަ ދުވަހެވެ. ވީއައިއޭގެ އާ ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ.

comment ކޮމެންޓް