ގާތްގަނޑަކަށް 18 އަހަރު ވަންދެއް ދަރިއަކު ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ދެމަފިރިންނަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ފުރަތަމަ ފަހަރަށް ދަރިއަކު ލިބިއްޖެއެވެ.
ނަން ހާމަކުރުމަށް ބޭނުން ނުވާ އެމެރިކާގެ މި ދެމަފިރިން ވަނީ ދަރިއަކު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި އިން ވިޓްރީ ފާޓިލައިޒޭޝަން (އައިވީއެފް) ވެސް ތަޖުރިބާ ކޮށްފައި ވެއެވެ. ނަމަވެސް އެ މަސައްކަތްތައް ކާމިޔާބުވާގޮތެއް ނުވެއެވެ.
ގޮތް ހުސްވެ، އިތުރު ގޮތެއް ފެންނާނެ ކަމުގެ އުއްމީދުގައި ތިބި ދެމަފިރިންނަށް ލިބުނީ އައު ޓެސްޓެއްގެ މައުލޫމާތެވެ. މި ޓެސްޓަށް ދެމަފިރިން ދިޔައީ ނިއު ޔޯކުގައި ހުންނަ ކޮލަމްބިއާ ޔުނިވާސިޓީގެ ފާޓިލިޓީ ސެންޓަރަށެވެ.
މި ސެންޓަރުން ދާދިފަހުން ވަނީ "ސްޓާ" ކިޔާ ޚާއްސަ އުކުޅެއް ތައާރަފު ކޮށްފަކެވެ. މިއީ އޭއައި ބޭނުންކޮށްގެން ފިރިހެން މީހާގެ ދަރިފަނި ޑިޓެކްޓުކޮށް އެ ދެނެގަންނަ އުކުޅެކެވެ.
ދެމަފިރިންނަށް ދަރިން ނުލިބުމަށް މެދުވެރިވެފައި ވަނީ ފިރިހެންމީހާގެ އެޒޫސްޕާމިއާގެ ސަބަބުންނެވެ. އެޒޫސްޕާމިއާ އަކީ ދަރިފަނި އަދި ސްޕާމް ސެލް މަދުވެ ނުވަތަ ނުފެނުމަށް މެދުވެރިވާ ބައްޔެކެވެ. މި ދެމަފިރިންނަށް އައިވީއެފް ވެސް ނުހެދުނީ މައިކްރޮސްކޯޕަކުން ހޯދައި ބެލުމުން ވެސް މި ސެލްތައް ނުފެނުމުންނެވެ.
ސްޓާ ޓެކްނީކު ބޭނުންކޮށްގެން މަސައްކަތް ކުރަނީ މަދު ސެލްތަކުން ނަމަވެސް ދިރުންހުރި ދަރިފަނިތައް ހޯދާށެވެ. މައިކްރޮސްކޯޕް އެކަނި ބޭނުންކޮށްގެން ނުލިބުނު ނަތީޖާ އޭއައިގެ ސްޓާ ޓެކްނިކުގެ އެހީގައި ލިބުނެވެ. އެ ސެލްތައް ބިހާއެކު ފާޓިލައިޒްކުރީ އައިވީއެފް މެދުވެރިކޮށެވެ.
އެއާއެކު ފުރަތަމަ ފަހަރަށް މިވަނީ ސްޓާ ޓެކްނީކު ބޭނުންކޮށްގެން އަންހެނަކު މާބަނޑުވެފައެވެ. ޑޮކްޓަރުން ބުނާގޮތުގައި އަންހެން މީހާގެ ބަނޑުގައި ދަރިފުޅު ހެދިބޮޑުވަނީ ވަނީ ދުޅަހެޔޮކޮށެވެ. އަދި މިއީ މިފަދަ ފުރަތަމަ ކާމިޔާބު ކޭހަށް ވުމުން ރަނގަޅަށް މޮނިޓާ ކުރަމުން ގެންދާ ކަމަށް ޑޮކްޓަރުން ބުނެއެވެ.
މި ކުއްޖާ ވިހެއުމަށް ދީފައި ވަނީ މިއަހަރުގެ ޑިސެމްބަރު މަހެވެ.