ފިލްމު 'ތަޝަން'އަށް ކަރީނާ ބަރުދަން ލުއިކުރީ ވަކި ޚާއްސަ ޑައެޓަކާ ނުލާ

ބޮލީވުޑްގެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރު އަދި ވިކީ ކޯޝަލް--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ބަތަލާ ކަރީނާ ކަޕޫރު މުހިންމު ރޯލެއް ކުޅުނު 2008 ވަނަ އަހަރުގެ ފިލްމު "ތަޝަން"އަށް ބަރުދަން ލުއިކުރީ އެކަމަށް ވަކި ޚާއްސަ ޑައެޓް ޕްލޭނަކާ ނުލައި ކަމަށް ބަތަލާ ބުނެފިއެވެ.

ފިލްމު އިންޑަސްޓްރީއަށް ކަރީނާ ތައާރަފުވި ދުވަސްވަރު ބަތަލާގެ ބަރުދަން އިތުރުވެ ފަލަކަމަށް ދައްކާތީ އާއްމުންގެ ފާޑުކިޔުންތައް ކަރީނާއަށް ވަރަށް ބޮޑަށް އަމާޒުވިއެވެ.

ނަމަވެސް އެކަން ބަދަލުކޮށް އޭގެ އަށް އަހަރު ފަހުން ކަރީނާ ފެނުނީ ވަރަށް އަވަހަށް ބަރުދަން ލުއިކޮށް ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފައި ވަނިކޮށެވެ.

ބަތަލާ ކަރީނާ ކަޕޫރު ޚާން އަދި ކަރީނާ ފިލްމު "ތަޝަން"ގެ މަންޒަރެއްގައި--ފޮޓޯ/އެމްއެސްއެން

އަކްޝޭ ކުމާރާއި ސައިފް އަލީ ޚާން މުހިއްމު ރޯލްތަކުން ފެނުނު ފިލްމު "ތަޝަން"ގައި ކަރީނާ ކުޅުނު ރޯލަށް ބަތަލާ 20 ކިލޯ ދުއްވާލި ކަމަށް ދަ ހޮލީވުޑް ރިޕޯޓާއަށް ދިން އިންޓަވިއުއެއްގައި ކަރީނާ ވަނީ ބުނެފައެވެ.

އެކްޓަރު ވިކީ ކޯޝަލްއާ އެކު ކުރިއަށްދިޔަ ބަހުސެއްގައި ކަރީނާ ބުނެފައި ވަނީ އޭނާ އަކީ އިންޑިއާގެ ޕަންޖާބު އާއިލާއަކަށް ނިސްބަތްވާ ބަތަލާއެއް ކަމުން ފިލްމު "ތަޝަން"އަށް ބަރުދަން ލުއިކުރިއިރުވެސް ބަތަލާގެ ނާސްތާގާއި ފަރާޓާ އާއި ގިތެޔޮ ހިމަނާ ކަމަށެވެ.

އެހެންކަމުން ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސް ބަރުދަން ލުއިކޮށްލުމަށް ކެއުމާ ދުރުގައި ހުރުމަކީ ކަރީނާ ގަބޫލުކުރާ ތިއަރީއެއް ނޫން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ދުވަހުގެ ކެއުމަށް ބަދަލުތަކެއް ގެނައި ނަމަވެސް ހެނދުނު ހެނދުނާ ނަގާ ނާސްތާއަކީ ހަށިގަނޑަށް އެއިން ހަކަތަ ލިބިދޭ ވަރަށް ރަނގަޅު ކެއުމަކަށްވާންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ފިލްމު "ތަޝަން"ގައި ކަރީނާ ކުޅުނު ރޯލަށް ބަރުދަން ލުއިކުރުމަށް ބަތަލާ ނުކައި، ކެއުމާ ދުރުވެހުރި ކަމުގެ ވާހަކަތައް މީޑިއާތަކުގައި އޭރު ދެކެވުނު ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އެކްޓަރު ސައިފްއާ ކައިވެނި ކުރުމަށްފަހު މިހާރު ދެ ކުދިން ލިބިފައިވާ ބަތަލާގެ ހަށިގަނޑަށް ވިހެއުމާ ގުޅިގެން ބޮޑު ބަދަލެއް އައި ނަމަވެސް ކަރީނާ މިހާރުވެސް ޖިމްގައި ހޭދަކުރަނީ 55 މިނެޓު ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އަދި ވަކިން ޚާއްސަ ޑައިޓް ޕްލޭނެއް މިހާރުވެސް ނުގެންގުޅޭ ކަމަށާއި އެންމެ ކާހިތްވާ އިންޑިއާގެ ކެއުމާ ނުލާ ނޫޅެވޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

comment ކޮމެންޓް