ސާޅިސް ހާހެއްހައި ދިވެހިން އެތައް މިލިއަނަކުން އިންވެސްޓް ކުރި ޖެމްކިޔު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ)ން ފައިސާ ނެގޭނެ ގޮތެއް ނެތިފައި ވަނިކޮށް އެ ސްކީމް ހުއްޓައިލައިފިއެވެ.
މި ސްކީމް ހިންގުމަށް ބޭނުންކުރާ ރަސްމީ ޓެލެގްރާމް އެކައުންޓުގައި މިކަން ވަނީ ހާމަކޮށްފައެވެ. މި އެކައުންޓުގައި އެޑްމިން އެއް ކޮށްފައިވާ މެސެޖެއްގައި ވަނީ، ޖީއެމްސީއީގެ މާކެޓިން ޑިޕާޓްމަންޓުގެ ފަރާތުން ޖަވާބެއް ނުލިބޭތީ މި ސްކީމާ މެދު އުންމީދު ގެއްލިފައި ވާކަމަށެވެ.
މި އެޑްމިން އާއި އޭނާގެ ޓީމް ލީޑަރުން އެހެން ޕްރޮޖެކްޓެއްގައި ބައިވެރިވެފައި ވާކަމަށް މި މެސެޖުގައި ވެއެވެ. އަދި މިއީ ރައްކާތެރި ޕްރޮޖެކްޓެއްކަމަށް ބުނެ މި ޕްރޮޖެކްޓްގައި ބައިވެރި ވުމަށް މި މެސެޖުގައި ވަނީ ދައުވަތު ދީފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސްކީމަށް އިންވެސްޓް ކުރި ފައިސާ ދެން ނުނެގޭނެއެވެ.
ޕިރަމިޑް ސްކީމެއް ކަމަށް ފުލުހުން ބުނެފައިވާ ޖެމްކިއުއަށް ފައިސާ އަޅައިގެން ތިބި ގިނަ އަދަދެއްގެ މީހުން ވަނީ އެ ސްކީމުން ފައިސާ ނުނެގޭ މައްސަލައިގައި ވޭތުވެ ދިޔަ ދެތިން ދުވަހު ކަންބޮޑުވުން ފާޅުކޮށްފައެވެ. މިދިޔަ އަންގާރަ ދުވަހުގެ ރެއިން ފެށިގެން އެ ސްކީމުން ފައިސާ ނުނެގޭ ގޮތް ވަނީ ހަދައިފައެވެ.
މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތި ދެއްވަމުން މީގެ ކުރިން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، ޖެމްކިއުއަށް ދިވެހީން މިލިއަނުން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށާއި އެ ފައިސާ އަނބުރާ ހޯދައިދެވޭނެކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ. ސަބަބަކީ މިއީ ބޭންކިން ނިޒާމުގެ ބޭރުން ކްރިޕްޓޯ ކަރަންސީ މެދުވެރިކޮށް ހިންގާ ސްކީމަކަށް ވުމުންނެވެ.
"އަޅުގަނޑުމެންނަށް އައިޑެންޓިފައިކުރެވުނު ވޮލެޓެއްގައެއް ނެތް ހިފަހައްޓާފައި ބޭނުންކުރިޔަނުދޭ ވަރުގެ ފައިސާއެއް. އަޅުގަނޑުމެންނަކަށް މީހުންގެ ހޯދި ބޮޑެތި މީހުން އަތުން އެ ފައިސާ ހޯދަން މަސައްކަތްކުރާނަން. މިހާރު ވެސް އިންޓަޕޯލްއާ އެކު ކެނޑިނޭޅި އެބަ މަސައްކަތްކުރަން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި، ރާއްޖޭގައި މި ސްކީމް ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރާ ހަތް މީހަކު މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމަކު، ފުލުހުން ނެރުނު ބަޔާން ފިޔަވާ އެ ސްކީމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަދި މިހާތަނަށް އަޅާފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަވީދު ވިދާޅުވީ، ތަހުގީގަށް މިހާތަނަށް ހޯދި ހޯދުންތަކުން ބެލެވެނީ މިއީ ރާއްޖޭގައި އެކަނި ހިންގާ ސްކީމެއް ކަމުގައި ކަމަށެވެ.
މި ސްކީމްގައި ބައިވެރިވާ ބައެއް މީހުންނަށް ބޭރުގެ އެކިއެކި ގައުމުތަކުގެ ފޮޓޯޓަކާއި ގްރޫޕުތައް ދައްކަނީ ވެސް އޮޅުވާލައިގެން މީހުންގެ އިތުބާރު ހޯދަން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ދައްކަނީ ވެސް 'ފޭކް' ފޮޓޯތަކެކެވެ. ނަވީދު ވިދާޅުވި ގޮތުގައި މި ސްކީމް އިތުރު ގައުމެއްގައި ނުހިންގި ނަމަވެސް ބޭރުގެ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވެއެވެ.
"އަޅުގަނޑުމެން ބެލި އެއްވެސް ދިމާލަކުން އަޅުގަނޑުމެންނަކަށް ނެތޭ މިއީ ބޭރުގެ އެއްވެސް އެހެން ތަނެއްގައި ހިނގާ ސްކީމެއްކަމެއް،" އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ވެސް މި ގޮތަށް އެތައް ސްކީމެއް ރާއްޖޭގައި ހިންގައިފައި އެބަހުއްޓެވެ. އެފަދަ ސްކީމުތަކަށް އިންވެސްޓް ކޮށްގެން, ފުރަތަމަކޮޅު ފައިސާ ލިބުނު ނަމަވެސް ފަހުން ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ.
ރާއްޖޭގެ ގާނޫނުގައި މި މައްސަލައަށް ސީދާ ގާނޫނެއް ނެތަސް، "ޕިރަމިޑް ސޭލްސް" ސްކީމްތައް މާނަ ކޮށްދީފައިވާ މާއްދާއެއް ގާނޫނުލް އުގޫބަތުގައި އެބައޮތެވެ. ނަމަވެސް، މިއީ ތަހުޒީބު ގައުމުތަކުގައި މި ގާނޫނު އޮންނަ ގޮތާ އަޅާބަލާއިރު ވަރަށް އާދައިގެ މާއްދާއެކެވެ.
ޕިރަމިޑް ސްކީމްތައް ހިންގޭނީ، އެ ސްކީމަކަށް އާ މެންބަރުން ވެއްދޭ މިންވަރަކުންނެވެ. އެ ގޮތުން، ޕިރަމިޑް ސްކީމުން ފައިސާ ލިބޭނީ ވަކި އެއްޗެއް ނުވަތަ ޚިދުމަތެއް ވިއްކުމުގެ ބަދަލުގައި، އައު މެންބަރުން ސްކީމަށް ވައްދައިގެން ހޯދާ ފީއަކުންނެވެ.