މަސްތުވާތަކެތި އެތެރެކޮށް ވިއްކުމުގެ ތުހުމަތުގައި ދެ ޒުވާނަކު ބަންދުކޮށްފި

މީގެ ކުރިން ފުލުހުން އަތުލައިގެންފައިވާ މަސްތުލައިގެން މަސްތުވާތަކެތި --- ފޮޓޯ/ ފުލުހުން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކުމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުން އިއްޔެ ދެ ޒުވާނުން ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ބަންދުކޮށްފައި ވަނީ އުމުރުން އުމުރުން 29 އަހަރުގެ ހުސައިން އައްބާސް ފަރުހާން، މާލެ. ހ. ފަތިހުގެ އަލި އަދި އުމުރުން 27 އަހަރުގެ މޫސާ ނާސިހު، މާލެ، މއ. ސީރިއަޒުގެއެވެ.

ފަރްހާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ހަޖާފައި ވާއިރު، ނާސިހުގެ ބަންދަށް ޖަހާފައި ވަނީ، ފަސް ދުވަހެވެ.

މި ދެމީހުންގެ މައްޗަށް ވެސް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރިކަމުގެ ތުހުމަތެވެ.

ކޯޓު އަމުރުގައި ވާގޮތުން، މަސްތުވަތަކެއްޗާ ހަވާލުވުމަށް ޑީއެޗްއެލްއަށް ގޮސްފައި ވަނީ މި ދެމީހުންނެވެ. އެހެންކަމުން މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށް ބެލުމަށްފަހު މި ދެމީހުން ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކުރީއެވެ.

މި މައްސަލައިގައި ޝާމިލުވާ މަސްތުވާތަކެއްޗާ ބެހޭ މައުލޫމާތު ކޯޓު އަމުރުގައި ހިއްސާކޮށްފައެއް ނެތެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައި ވާއިރު، މި މަހުގެ 10ވަނަ ދުވަހުގެރޭ ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނެއްގައި، އަތުލައިގަތް 18 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެެ.

މިތަކެތި ވެސް އަތުލައިގެންފައި ވަނީ ރާއްޖެ އެތެރެކުރުމުގެ ތެރޭގައެވެ.

އެ ތަކެތީގެ އަގު 26 މިލިއަން ރުފިޔާއަށް އަރާ ކަމަށް ހޯލްމޭންޑު މިނިސްޓަރު އަލީ އިހުސާން އެރޭ ކުރެއްި ޕޯސްޓުގައި ވިދާޅުވިއެވެ.

https://sun.mv/207576

މި މައްސަލައިގައި އެ ޕެކޭޖު ބަލައިދިޔަ 35 އަހަރުގެ ބަންގްލަދޭޝް މީހަކު ފުލުހުން ހައްޔަރުކުރިއެވެ. އޭނާ ހައްޔަރު ކުރީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

ފުލުހުން ވަނީ އެ ބިދޭސީ މީހާއަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މީހުންނާ އެއްވެސް ގުޅުމެއް ނެތް މީހެއްކަން ޔަގީންވުމުން، މިމަހުގެ 12ވަނަ ދުވަހު އޭނާ ދޫކޮށްލައިފައެވެ.

އޭގެ ފަހުން މި މައްސަލައިގައި މީހަކު ހައްޔަރުކުރިތޯ "ސަން"އިން ސުވާލު ކުރުމުން ފުލުހުން ބުނީ، އަދި މި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައި ވާއިރު، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް