ގިނަ ދިވެހީންނަށް ކިޑްނީ ބަލި ޖެހެނީ ހަކުރުބަލީގެ ސަބަބުން

ގިނަ ދިވެހީންނަށް ކިޑްނީ ބަލި ޖެހެނީ ހަކުރުބަލީގެ ސަބަބުން --

ގިނަ ދިވެހީންނަށް ކިޑްނީ ބަލި ޖެހެނީ ހަކުރުބަލީގެ ސަބަބުން ކަމަށް ސީނިއާ ކޮންސަލްޓަންޓްއިން ނެފްރޮލޮޖީ ޑރ. އިބްރާހީމް ޝިހާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކިޑްނީ ބަލީގެ ފަރުވާ ފެށިތާ މި އަހަރުގެ ޖޫންއަށް 24 އަހަރު ފުރޭނެއެވެ. މި އަހަރަކީ ރާއްޖޭގައި މި ފަރުވާ ފެށިތާ ވަކި މުއްދަތެއް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

މި ކަމާ ގުޅޭ ގޮތުން ދައުލަތުގެ މީޑީއާގައި ވާހަކަދައްކަވަމުން ޝިހާމް ވިދާޅުވީ، ރާއްޖޭގައި ގިނައިން ކިޑްނީ ބައްޔަށް މަގުފަހިވަނީ ހަކުރު ބަލީގެ ސަބަބުން ކަމަށެވެ.

"ރާއްޖޭގައި އަޅުގަނޑުމެންނަށް މި ފެންނަނީ ހަމަ ގިނައިން ޑައިލިސިސް ސެންޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެސް، ގިނަ މީހުންނަކީ ހަކުރުބަލީގެ ސަބަބުން ކިޑްނީ މައްސަލަ ޖެހިގެން ކިޑްނީ ފެެއިލްވެފައިވާ މީހުން. އަދި އޭގެ އިތުރުން ކިޑްނީއަށް އަމިއްލަ ދިފާއީ ނިޒާމުން ކޮންމެ ވެސް ވަރެއްގެ ހަމަލައެއް ދީގެން ކިޑްނީއަށް އަސަރުކޮށްގެން ޕްރޮޓީން ލީކުވާން ފަށައި، ކުޑަކަމުދާ ތަކެތިން ލޭ ފެންނަން ފަށައި... މި ދެ ބައްޔަކީ ވެސް ހަމަ ކޮމަންކޮށް ރާއްޖޭގައި ފެންނަ ބަލިތައް،" ޑރ. ޝިހާމް ވިދާޅުވިއެވެ.

ހަކުރު ބައްޔާއި ލޭގެ ޕްރެޝަރު މަތިވުމަކީ ކިޑްނީގެ މައްސަލަތަކަށް ވެސް މަގުފަހިކުރުވާ ކަންކަމެވެ.

ކިޑްނީއަށް ޖެހޭ ބަލިތަކަކީ ގިނަ ފަހަރާ އޭގައި އަލާމާތްތަކެއް ފެންނަ ބަލިތަކެއް ނޫނެވެ. އެހެންނަމަވެސް، އެ ބައްޔަކީ ޓެސްޓު ހަދައިގެން ވަރަށް ފަސޭހައިން ދެނެގަނެވޭ ބައްޔެއް ކަމަށް ޝިހާމް ވިދާޅުވިއެވެ. ކުރީކޮޅު މި ބަލި ދެނެގަނެވުނަސް، ހަށިގަނޑަށް އުނދަގޫވެ، ބަލީގެ އަލާމާތެއް ނެތުމަކީ އާންމުކޮށް މީހުން މި ބައްޔާ މެދު ފަރުވާކުޑަކުރާ ސަބަބެވެ.

ޝިހާމް ވިދާޅުވި ގޮތުގައި އުމުރުން 30 އަހަރަށް ފަހު، ތަބީއީ ގޮތުން ކޮންމެ މީހެއްގެ ވެސް ހުރިހާ ގުނަވަނެއްގެ ފަންކްޝަން އަހަރަކު އެއް ޕަސެންޓުން ދަށްވާނެ ކަމަށް ބެލެވެއެވެ.

ލޭގެ ޕްރެޝަރު މަތިވެ، ހަކުރު ބަލި ހުންނަ މީހެއްގެ ކިޑްނީ ފަންކްޝަން އަހަރަކު 10 ޕަސެންޓުން ދަށްވުމުގެ ފުރުސަތު ވެސް އޮވެއެވެ. ކިޑްނީ ބައްޔަށް މަގުފަހިވާ ކަންކަން ހައްލު ނުކުރެވޭނަމަ، ދުވަސްކޮޅެއްގެ ތެރޭގައި ކިޑްނީ ބަދަލުކުރަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިހާމް ވިދާޅުވާ ގޮތުގައި މި ބަލި ހުރިކަން ކަށަވަރުވެއްޖެނަމަ މަސައްކަތްކުރަންޖެހޭނީ ބަލި ޖެހެން މެދުވެރިވި ސަބަބު ތަކުރާރުވިޔަ ނުދިނުމަށެވެ.

ކިޑްނީ ބަލީގައި ފެނިދާނެ ބައެއް އަލާމާތްތައް

  • މާ އަވަހަށް ވަރުބަލިވުން
  • ގިނައިން ހޮޑުލެވުން
  • ފައިތިލަ ދުޅަވުން

ކިޑްނީ ބަލި ޖެހެން އެކި މީހުންނަށް މެދުވެރިވަނީ އެކި ސަބަބުތަކާހުރެއެވެ. އެހެންކަމުން މީހެއް ކުރެން އަހާލައިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވުރެ އެކަށީގެންވާ ސިއްހީ ލަފާ ހޯދުމަށް ޑޮކްޓަރު އެދިވަޑައިގަތެވެ.

ކިޑްނީ ބަލީގައި ބޮޑުވަރުވެފައި ހުރިނަމަ އެންމެ އެކަށީގެންވާ ފަރުވާއަކީ ޓްރާންޕްލާންޓު ހެދުމެވެ. ޑޮކްޓަރު ވިދާޅުވާ ގޮތުގައި އެންމެ ރަނގަޅީ ކިޑްނީ ބަލި ހުންނަ މީހާގެ އާއިލީ މީހަކު ކިޑްނީ ހަދިޔާކުރުމެވެ. ކިޑްނީ ދިނުމުގައި އެއްވެސް ސިއްހީ ނުރައްކަލެއް ނެތް ކަމަށާއި ސިއްހީ ގޮތުން ނުރައްކާވާނީ ވަރަށް މަދު މީހަކަށް ކަމަށް ޑޮކްޓަރު ކިޔައިދެއްވިއެވެ.

އެއީ، ކިޑްނީގެ ބަލި ހުންނަ މީހުންނާއި ކެންސަރު ނުވަތަ ހަކުރު ބަލި ހުންނަ ނުވަތަ ދިފާއީ ނިޒާމު ވަރަށް ބަލި މީހުންނެވެ.

އޭނާ ވިދާޅުވީ، ކިޑްނީ ބައްޔާއި އެހެނިހެން ބޮޑެތި ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އޭގެ ތެރޭގައި ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމާއި، ގަވާއިދުން ކަސްރަތުކުރުން ހިމެނެއެވެ.

ރާއްޖޭގައި ޑައިލިސިސްގެ ޚިދުމަތް ފަށާފައިވަނީ 2001ވަނަ އަހަރެވެ. ކިޑްނީގެ ޚާއްސަ ޑޮކްޓަރެއް ނެތި 11 އަހަރުވުމަށް ފަހު 2014ވަނަ އަހަރު ދިވެހި ޑޮކްޓަރަކުވަނީ ކިޑްނީގެ ބައްޔަށް ސްޕެޝަލައިޒްވެގެން ރާއްޖެ އައިސް ޚިދުމަތްކުރަން ފަށައިފައެވެ.

މިހާރު ރާއްޖޭގައި ކިޑްނީއާ ގުޅޭ ވަރަށް ގިނަ ފަރުވާތަކެއް ލިބެން ހުރެއެވެ. މި ވަގުތު ރާއްޖޭގައި ދެވެން ނެތް ކިޑްނީގެ ހަމަ އެކަނި ފަރުވާއަކީ ކިޑްނީ ބަދަލުކުރުމެވެ.

comment ކޮމެންޓް