ޗުއްޓީ ނުދެނީސް ކުއްލިއަކަށް ޑޮކްޓަރު ފުރުމުން އިހަވަންދޫ ޑަޔަލިސިސް ސެންޓަރުގެ ޚިދުމަތް މެދުކެނޑިއްޖެ

އިހަވަންދޫގައި ހުންނަ އާމިނާ ދިޔޯ ހެލްތު ސެންޓަރު: އެތަނުގައި ހުންނަ ޑަޔަލިސިސް ސެންޓަރުގެ ޚިދުމަތް ވަނީ މެދުކެނޑީފައި ---- ފޮޓޯ/ޕީއެސްއެމް

ހއ. އިހަވަންދޫ ޑަޔަލިސިސް ސެންޓަރުގައި ހުރި ޑޮކްޓަރުގެ ޗުއްޓީ ހަމަނުޖެހެނީސް، އޭނާ ކުއްލިއަކަށް ފުރުމުން އިއްޔެ އެ ސެންޓަރުގައި ޑަޔަލިސިސްގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

މިދިޔަ ފެބްރުއަރީ 27ގައި އިހަވަންދޫގައި ހުންނަ 'އާމިނާ ދިޔޯ' ސިއްޙީ މަރުކަޒުގައި ޑަޔަލިސިސްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

އޭގެފަހުން، މިއަދު ބައެއް މީހުން ސޯޝަލް މީޑިއާގައި ވަނީ އެ ސެންޓަރުގެ ޑަޔަލިސިސް ޚިދުމަތް މެދުކެނޑިފައިވާ ކަމުގެ ޝަކުވާކޮށްފައެވެ.

އެކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން އިހަވަންދޫ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، އެ ޚިދުމަތް ދިނުމަށް ހުރި ޑޮކްޓަރަށް ޗުއްޓީ ހަމަޖައްސައި ނުދެނީސް އޭނާ ފުރާފައިވާ ކަމަށެވެ.

އިހަވަންދޫގައި ޑަޔަލިސިސް ސެންޓަރުގެ ޚިދުމަތް މެޑަމް ސާޖިދާ ފައްޓަވައިދެއްވުން: އެ ސެންޓަރުގެ ޚިދުމަތް ވަނީ މެދުކެނޑިފައިި ---- ފޮޓޯ/ ރައީސް އޮފީސް

އޮފިޝަލް ވިދާޅުވީ، ކިޑްނީ ރަނގަޅަށް މަސައްކަތް ނުކުރާ ހާލަތްތަކުގެ ލޭ ސާފުކުރުމަށް ދޭ ފަރުވާއެއް ކަމަށްވާ ޑަޔަލިސިސްގެ ޚިދުމަތް ދެވެނީ ޑޮކްޓަރެއް ހުރެގެން ކަމަށެވެ. އެހެންވެ، އެ ފަރުވާއަށް މާދަމާ އިތުރު ޑޮކްޓަރެއް އިހަވަންދޫއަށް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފިޒިޝަންއެއް ހުރެގެން އަސްލު [ޑަޔަލިސިސްގެ ޚިދުމަތް] ކުރިއަށް ދަނީ. ވީގޮތަކީ ފިޒިޝަން ލީވް އެޕްރޫވަލް ނުލިބެނީސް ދިޔައީ. ފިޒިޝަނެއް ނެތިއްޔާ ކުރިއަކަށް ނުގެންދެވޭނެތާ. މިހާރު މާދަމާ އިރާދަކުރެއްވިއްޔާ ފިޒިޝަން މިކޮޅަށް އައިސްގެން ކުރިއަށް ގެންދާނީ،" އެ އޮފިޝަލް ވިދާޅުވިއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ޞަބާޙު ވިދާޅުވީ، ޑޮކްޓަރު ފުރީ ކުއްލި ކަމެއް ދިމާވެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންވެ، ޑަޔަލިސިސްގެ ޚިދުމަތް މެދުކެނޑިފައިވާކަން އޭނާ ވެސް ފާހަގަކުރެއްވިއެވެ.

އިތުރު ޑޮކްޓަރެއް ގެނައުމަށް އެ މަރުކަޒުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި ޞަބާހު ވިދާޅުވީ، އިހަވަންދޫ ސެންޓަރުން ޑަޔަލިސިސްގެ ޚިދުމަތް ހޯދަނީ ހަތް މީހުން ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ އޮފިޝަލަކާ 'ސަން'އިން ސުވާލުކުރި ނަމަވެސް މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.

އިހަވަންދޫގެ އާބާދީއަކީ 3،767 ކަމަށްވާއިރު، އެއީ ހއ. އަތޮޅުން ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ. އެއީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށްތަކުގެ ތެރެއިން ރަށެއް ކަމަށްވާއިރު، އެ ސަރަހައްދުން ޑަޔަލިސިސްގެ ޚިދުމަތް ލިބެނީ އިހަވަންދޫން އެކަންޏެވެ.

އިހަވަންދޫން އެ ޚިދުމަތް ނުލިބޭނަމަ، އެންމެ ކައިރިން ވެސް ޑަޔަލިސިސް ހެއްދެން އޮތީ 40 މިނިޓުގެ ލޯންޗު ދަތުރަކުން ދެވޭ ދިއްދުއަށް ގޮސްގެންނެވެ.

comment ކޮމެންޓް