ތޮއްޑޫގައި ބާރަށް ދުއްވި ސައިކަލެއްގައި ދެ އަހަރުގެ ކުއްޖަކު ޖެހި، ފަރުވާއަށް މާލެ ގެނެސްފި

އއ. ތޮއްޑޫގައި ސައިކަލެއް ތުއްތު ކުއްޖަކު ޖެހިގެން ހިނގި އެކްސިޑެންޓު --

އއ. ތޮއްޑޫގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ދެ އަހަރުގެ ތުއްތު ކުއްޖަކު ޖެހި، އަނިޔާތަކެއް ލިބިއްޖެއެވެ.

ރޭ ހިނގި މި ހާދިސާގެ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ތިން އަންހެނަކާ އެކު ހިނގާފައިދިޔަ ތުއްތު ކުއްޖަކު މަގުމަތިން ދުއްވައިގަތްތަނާހެން، ބާރު ސްޕީޑުގައި އެ މަގުން އައި ސައިކަލެއްގައި ޖެހި ވިއްސައިގެންދެއެވެ. އެއާއެކު މަގުގެ އަނެއް ފަރާތުގައި ހުރި ފިރިހެނަކު ވަގުތުން އެ ތުއްތު ކުއްޖާ ނަގައެވެ.

އެއަށްފަހު ފިރިހެން ކުއްޖާ އުރާލައިގެން، އިތުރު ބަޔަކާއެކު ދުވެފައި ދަނީއެވެ.

ކުއްޖާ ގައިގައި ޖެހުނު ސައިކަލު މަތީ ދެ މީހުން ތިބިއިރު، އެ ސައިކަލު މަޑުކުރުމަށް ފަހު ކުއްޖާ ކައިރީ ތިބި މީހުން ކައިރިއަށް ދާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް އާމިނާތު ފަޒްލާ ވިދާޅުވީ މި އެކްސިޑެންޓު ހިނގާ ރޭ ކަމަށެވެ.

އެއާއެކު ފަރުވާ ދިނުމަށް ރޭ އެ ކުއްޖާ މާލެ ގެނެސްފައިވާ ކަމަށާއި، މިހާރު އެ ކުއްޖާގެ ހާލަތު ސްޓޭބަލް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު ފަތިހު ގުޅިން އެ ކުއްޖާގެ ބައްޕައަށް. މާ ބޮޑު އަނިޔާއެއް ނުވާ ކަމަށް، މިހާރު ސްޓޭބަލް ކަމަށް ބުނީ،" ފަޒްލާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މި ހާދިސާ ހިނގީ ރޭ 19:30ގައި ކަމަށެވެ. އަނިޔާވި ތުއްތު ކުއްޖާއަށް މާލެ ގެނެސް ފަރުވާދެމުންދާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ފުލުހުން ބުނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

މީގެ ކުރިން ވެސް ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތަކުގައި ކުޑަކުދިން ޖެހި އަނިޔާތައް ލިބިފައި އެބަހުއްޓެވެ. އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި، ކުޑަކުއްޖަކު އުރައިގެން ނިރޮޅުމަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް މިދިޔަ މަހު ހިނގައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރު މަގުމަތީގެ 2،885 އެކްސިޑެންޓް ރިޕޯޓުކޮށްފައިވާއިރު މި އަހަރުގެ މިހާތަނަށް 1،388 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް