މާފިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސް، އެ ލޯންޗުގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާތިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުމާ ގުޅިގެން، މެރިން ޕޮލިސް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އަދި މީހުން ސަލާމަތްކުރުމަށް މެރިން ޕޮލިސްގެ ދެ ލޯންޗެއް އެ ސަރަހައްދުގަައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދުގެ އިރުއޮއްސި 18:04 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ ކައިރިން ހިނގި މި ހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން ބައެއް މީހުން، ފުލުހުންގެ އެހީތެރިކަމާއެކު މިހާރު ވަނީ މާލެ ގެނެސްފައި ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ އަޑިއަށް ދިޔައީ ނޭޝަނަލް ސާވިސް އިނީޝަލް ޓްރެއިނިން ކޯސް-2 ގެ ދަރިވަރުން ގޮވައިގެން މާފިލާފުށިން މާލެއަށް ދަތުރުކުރި އެއް ލޯންޗު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލެއާ ހިސާބުން ފަޅައިގެން ގޮސް ދިޔަވެ އަޑިއަށް ދާތީ، އެ ލޯންޗުގައި ތިބި ކުދިން ވަނީ ކަނޑަށް ބާލާފައި ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ލޯންޗުން ދަތުރުކުރި ގިނަ އަދަދެއްގެ މީހުން ވަނީ ކަނޑުވެފައެވެ. އަދި ލޯންޗު އޮތީ އެއްބައި އަޑިއަށް ވެސް ގޮސްފައެވެ.
އަދި ކަނޑުވެފައިވާ މީހުން ލައިފް ޖެކެޓުގެ އެހީގައި ފެންމަތީގައި އޮތް މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.