ގައުމީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި 'މަގޭ ސާފުރާއްޖެ ގައުމީ މަހާސިންތާ 2025' އަންނަ މަހުގެ 20ގައި ބާއްވަން ނިންމައިފިއެވެ.
އެ މަހާސިންތާއަށް ޚާއްސަކޮށް މިއަދު ބޭއްްވި ރަސްމިއްޔާތެއްގައި ތިމާވެއްޓާބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވަނީ މަހާސިންތާގެ ރަސްމީ ބްރޭންޑިންއާއި ވެބްސައިޓާއި ސޯޝަލްމީޑިއާ ހޭންޑްލްތައް އިފުތިތާހު ކޮށްދެއްވައިފައެވެ. އަދި މަހާސިންތާ ރާވާ އިންތިޒާމު ކުރުމުގެ މަސައްކަތް "އިވެންޓް މޯލްޑިވްސް"އާ ޙަވާލުކުރުމުގެ ކޮންޓްރެކްޓް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
އެ ޕްރޮގްރާމްގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މަހާސިންތާގެ ރަސްމީ ބްރޭންޑިން ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މާނިއު މުޙައްމަދު
އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ 'މަގޭ ސާފުރާއްޖެ ގައުމީ މަހާސިންތާ 2025'ގެ ދަށުން ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖުކުރާނެގޮތުގެ މައުލޫމާތު އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ހުރި ގޮންޖެހުންތަކާއި ދަތިތަކާމެދު ގައުމީ ފެންވަރުގައި މަޝްވަރާކުރާނެއެވެ.
މި މަހާސިންތާއަކީ ރާއްޖޭގެ ހުރިހާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތަކުގެ އިތުރުން ކުނިމެނޭޖްކުރުމާ ގުޅުންހުރި ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތައް އަދި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ބޭފުޅުންނާއި ތަޖުރިބާކާރުން ހިމެނޭހެން 500 އެއްހާ ބޭފުޅުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މަހާސިންތާއެކެވެ.
އެ މަހާސިންތާ ކުރިއަށްގެންދާނޯ ވޯލްޑް ބޭންކުގެ ހިލޭއެހީގެ ދަށުންނެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވަނީ، ކުނި މެނޭޖުކުރުމަށް ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި މިވަގުތު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުން ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ބޭނުންވާ ސައްހަ މައުލޫމާތު ކައުންސިލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
ރާއްޖޭގެ ބައެއް ރަށްތަކުގައި ކުނި އިތުރުވެ، ރައްކާތެރިކަމާއެކު ނައްތާލެވޭނެ ގޮތްތައް ނެތުމަކީ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި އެ މައްސަލައަށް ދާއިމީ ހައްލުތައް ހޯދަން ޖެހޭ ކަމަށް މީގެ ކުރިން ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފައިވެއެވެ.