އިންޖިނިއަރިން ކިޔަވާ ދަރިވަރުން މަދުވުމުން ކަންބޮޑުވޭ، ސްކޮލާޝިޕް ބޭނުންވޭ: މުއްތަލިބް

މިނިސްޓަރު މުއްތަލިބް: އިންޖިނިއަރިން ދާއިރާއިން ކިޔަވާ ދަރިވަރުންގެ އަދަދު މަދުވުމުން ކަންބޮޑުވާކަމަށާއި ސްކޮލާޝިޕް ބޭނުންވާކަމަށް ވިދާޅުވި -- ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ

ރައްޖޭގައި އިންޖިނިއަރިން ދާއިރާއިން ކިޔަވާ ދަރިވަރުންގެ އަދަދު މަދުވުމުން ކަންބޮޑުވާ ކަމަށާއި، އެ ދާއިރާއިން އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސްކޮލާޝިޕް ބޭނުންވާ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ކަލާފާނު ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި މުއްތަލިބް ވަނީ ރާއްޖެއާއި ރާއްޖޭން ބޭރުން ވެސް އިންޖިނިއަރިން ދާއިރާއިން ތައުލީމު ހާސިލްކުރާ ދިވެހި ދަރިވަރުންގެ އަދަދު މަދުވުމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ތަރައްގީވަމުން އަންނަ ގައުމަކަށް އިންޖިއަރުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، މިހާރު ކިޔަވާ ނިންމައި ކުދިން އެ ދާއިރާތަކުން ނުކިޔަވާތީ އެއީ އަޅުގަނޑު ވަރަށް ކަންބޮޑުވާކަމެއް، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

މި ކަންބޮޑުވުން ކެބިނެޓުގައި ވެސް އެތައް ފަހަރަކު ފާޅުކުރެއްވިކަމަށް މުއްތަލިބް ވިދާޅުވިއެވެ. އަދި އިންޖިނިއަރިން ދާއިރާއިން ކިޔެވުމަށް ސްކޮލާޝިޕް ނުދޭތީ ހިތްހަމަނުޖެހުން ފާޅުކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓަރާ ވެސް ވާހަކަ ދެއްކެވި ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯޝަލް ސައިންސް ސަބްޖެކްޓްތަކަކީ މުހިންމު އެއްޗެއް. އެކަމަކު ގައުމު އާރާސްތުކޮށް ތަރައްގީކުރާއިރު އަޅުގަނޑުމެން އެބަ ބަލަންޖެހޭ ގައުމަށް އެންމެ މުހިންމު ދާއިރާތަކުން ސްކޮލާޝިޕް ދީގެން ކިޔެވުމުގެ ފުރުސަތު ދިނުމަށް، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

ހަމަ މިފަދައިން، ލޯނުގެ ފުރުސަތު ދޭއިރު ވެސް ގައުމަށް އެންމެ މުހިންމު ދާއިރާތަކަށް އިސްކަން ދޭންޖެހޭކަމަށް މުއްތަލިބް ވިދާޅުވިއެވެ.

އެގޮތުން، އަޅުގަނޑު މިއަދު ހަވާލުވެ މިހުރި ދާއިރާއިން ކިޔަވާ ކުދިން މަދުވުމަކީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

މުއްތަލިބް ވިދާޅުވީ، މައިންބަފައިން ގާތު ތިބެގެން ނުވަތަ ވަޒީފާއަށް ދަމުން ކިޔެވުމުގެ ބޭނުމުގައި ބައެއް ޒުވާނުން ރާއްޖެއިން ތައުލީމު ހާސިލްކުރާކަމަށެވެ. މިއީ ރަނގަޅު ކަމެއް ނަމަވެސް، ބޭރުން ކިޔެވުމުގެ ފުރުސަތު ލިބިއްޖެ ނަމަ އެ ފުރުސަތުގެ ބޭނުން ކޮންމެހެން ވެސް ހިފަން އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ސިނަމާލެ ބުރިޖް: ރާއްޖޭގައި ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ސިނަމާލެ ބުރިޖު އިފުތިތާހުކުރި ދުވަހަކީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ވަނީ ކަނޑައަޅައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ، އިމްތިހާނުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ކިޔަވާ ކިޔެވުމަކީ ތައުލީމީ ހަޔާތުގެ އެއްބައި ކަމަށެވެ. ބޭރުގެ ގައުމުތަކުން ލިބޭ "ކެމްޕަސް ލައިފް"އަކީ މުސްތަގުބަލަށް މީހާ ތައްޔާރުވުމަށް ލިބޭ ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

...އެ މާހައުލަށް ހޭނި މުޖުތަމައުތެރޭ ކަންތައްތައް ދަސްވާން ފެށީމާ އަޅުގަނޑަށް އެނގުނީ ހަގީގަތުގައި ޔުނިވާސިޓީން މި ކިޔަވާ ކިޔެވުމަކީ ވަރަށް ކުޑަ އެއްޗެކޭ. މުޖުތަމައުތެރޭން އަޅުގަނޑަށް ދަސްވި ކަންތައްތަކޭ އަޅުގަނޑު މިއަދު މި ހުރި މަގާމަށް ތައްޔާރުކޮށްދިނީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

އިންޖިނިއަރިން ދާއިރާއިން ތައުލީމު އުނގެނުމަށް ސްކޮލާޝިޕް ނުލިބުމުގެ ކަންބޮޑުވުން މުއްތަލިބް ފާޅުކުރައްވާފައި ވާއިރު، ގައުމީ ފެންވަރުގައި އިނޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް މިދިޔަ އާދިއްތަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.

https://sun.mv/207331

ގައުމީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ރައީސް ކަނޑައެޅުއްވީ، ގައުމުގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރި ދުވަސް، އޮގަސްޓް 30ވަނަ ދުވަހެވެ.

ރައީސް އޮފީހުން ވަނީ ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދާނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުން ކަމުގައި ބުނެފައެވެ.

ސިނަމާލެ ބުރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ބިނާކުރި ބުރިޖެކެވެ. ބުރިޖުގެ މަސައްކަތް ނިންމާ، ރަސްމީކޮށް ބުރިޖު ހުޅުވީ 2018ވަނަ އަހަރުގެ އޯގަސްޓް 30 ވަނަ ދުވަހެވެ.

comment ކޮމެންޓް