ކުރިއަށް ހުރި ވަގުތުތަކުގައި އައު އަދި މާ ބޮޑަށް ކުރިއަރާފައިވާ ހަތިޔާރު ބޭނުންކޮށްގެން ހީވެސްނުކުރާހާ ވަރުގަދަ ހަމާލާތަކެއް އިސްރާއީލަށް ދޭނެ ކަމަށް އީރާނުގެ ހަތިޔާރުއެޅި ސިފައިން އިންޒާރު ދީފިއެވެ.
ބްރިގޭޑިއާ ޖެނެރަލް އަދި ސިފައިންގެ ގްރައުންޑް ފޯސަސްގެ ކޮމާންޑަރު ޖެނެރަލް ކިއޯމާސް ހައިދާރީއާ އީރާނުގެ ދައުލަތުގެ ނޫސް އެޖެންސީ އައިއާރްއެންއޭއާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެތައް ސަތޭކަ ދުރު ރާސްތާ ޑްރޯންތަކާއި ތަންތަން އެއްކޮށް ސުންނާފަތިކޮށްލެވޭ ވަރުގެ ބަރު ހަތިޔާރު ބޭނުންކޮށްގެން މިހާރުވެސް އިސްރާއީލުގެ ތެލް އަވީވް އަދި ހައިފާގެ ސިޓީތަކުގެ ސަރަހައްދުތަކަށް ހަމަލާދީފައިވާ ކަމަށެވެ.
"ދުޝްމަނުންނަށް އެނގެން ޖެހޭނެ ހަތިޔާރު އެޅި ސިފައިން، ޚާއްސަކޮށް ސިފައިންގެ ގްރައުންޑް ފޯސްތަކުން އާ އަދި ކުރިއަރާފައިވާ ހަތިޔާރުތަކުން ވަރުގަދަ ހަމަލާތައް ދޭން ފަށާފައިވާކަން، އަދި ކުރިއަށް އޮތް ގަޑިތަކުގައި އިތުރަށް ވަރުގަދަވާނެކަން." ހައިދާރީ އިތުރަށް ވިދާޅުވިއެވެ.
އީރާނުގެ އަސްކަރިއްޔާއިން އިއްޔެ ވަނީ 1،500 ކިލޯމީޓަރު (930 މޭލު) ދުރުމިނަށް ދަތުރުކުރާ ޑްރޯނެއް ކަމަށްވާ ޝާހިދު 107 ދައްކާލާފައެވެ. އެ ޑްރޯން އަދި ހަމަލާތައް ދިނުމުގައި ބޭނުންކޮށްފައިވާ ކަމެއް ސާފެއް ނޫނެވެ.
ހުކުރު ދުވަހު އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އީރާނުންވެސް ހަމަލާތައް ދޭން ފަށާފައިވާއިރު، ދެ ގައުމުގެ މުހިންމު ސިޓީތައް ސުންނާފަތިވެ, އާންމުންގެ އެތައް ބަޔަކު މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ހަމަލާތައް ބަދަލުކުރާތާ، ފަސް ދުވަސްވެފައިވާއިރު އީރާނުން ގާތްގަޑަކަށް 224 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. އިސްރާއީލުން މަރުވެފައި ވަނީ 24 މީހުންނެވެ.