ސަން ސިޔާމް ގުރޫޕުގެ 35 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްދާ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން، ސަންސިޔާމް އިރުވެލީގައި ލޭ ހަދިޔާކުރުމުގެ ހަރަކާތް މިއަދު ބާއްވައިފިއެވެ.
ލޭ ހަދިޔާކުރުމުގެ މި ޚާއްސަ ހަރަކާތަކީ ސަންސިޔާމް ގުރޫޕުގެ އަހަރީ ދުވަހާ ގުޅުވައި، ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ހަރަކާތާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން އިރުވެލީގެ އޮޕަރޭޝަންސް އެގްޒެކްޓިވް އެސިސްޓެންޓު މެނޭޖަރު މުޙައްމަދު ނަޖާހު ވިދާޅުވީ، ލޭ ހަދިޔާކުރުމުގެ މި ޚާއްސަ ހަރަކާތަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރުގެ ލޭހަދިޔާކުރުމުގެ ހަރަކާތަށް ވުރެ، މިއަދުގެ ހަރަކާތް މާ ކުލަގަދަވެފައި ކާމިޔާބުކަމަށް ނަޖާހު ފާހަގަކުރެއްވިއެވެ. އަދި މި ހަރަކާތަށް އެ ރިސޯޓުގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބުނުކަމަށާއި އެ ކަން ބަލައިގަންނަކަމަށް ނަޖާހު ވަނީ ވިދާޅުވެފައެވެ.

އިރުވެލީގައި ބޭއްވި ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން ----- ސަން ފޮޓޯ
ހިއުމަން ރިސޯސަސް މެނޭޖަރު ޝިމްހާދު އަލީ ވިދާޅުވީ، އަމާޒަކީ ކޮންމެ އަހަރަކުވެސް ލޭ ހަދިޔާކުރާ މުވައްޒަފުން އިތުރުވުން ކަމަށެވެ. އަދި، ލޭ ހަދިޔާކުރުމަކީ ތެލަސީމިއާ ކުދިންނަށް އުންމީދު ހޯދައިދޭ ކަމެއް ކަމަށް ޝިމްހާދު ވިދާޅުވިއެވެ.
ރިސޯޓުގެ ޚާއްސަ ސިފަތަކާ ގުޅޭގޮތުން ނަޖާހު ވިދާޅުވީ، އިރުވެއްޔަކީ ސަން ސިޔާމް ކުންފުނީގެ އެހެން ރިސޯޓުތަކާ ވަރަށް ތަފާތު ރިސޯޓެއް ކަމަށެވެ. އެއީ ގުދުރަތީ ރީތިކަމާއި ހަރަކާތްތަކާއި ގެސްޓު ފެސިލިޓީތައް އެކުލަވާލެވިފައިވާ ގޮތުން ކަމަށް ނަޖާހު ވިދާޅުވިއެވެ.
"ޚާއްސަކޮށް މުވައްޒަފުންނަށް ވަކިން ރަށެއް އޮތުން. މިއީ ވަރަށް އުފާވެރި ކަމެއް. ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނާނެ ސިފައެއް މިއީ. އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަން ސްޓާފުންގެ ވެލްބީން ހަރަކާތްތައް،" އޭނާ ވިދާޅުވިއެވެ.

އިރުވެލީގައި ކުރިއަށްގެންދިޔަ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން ---- ސަން ފޮޓޯ
އެ ރިސޯޓުގެ މަގުސަދަކީ ޒިޔާރަތްކުރާ ފަތުރުވެރިންގެ ވާހަކަތައް އަޑުއަހައިގެން އެމީހުންނަށް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އިތުރު ކަމެއްގެ ގޮތުން ނަޖާހު ފާހަގަކުރެއްވީ، އިރުވެލީގެ މުވައްޒަފުންގެ މެދުގައި އޮންނަ ގާތްކަމަކީ ވަރަށް މަދުން ނޫނީ ނުފެންނާނެ މަންޒަރެއް ކަމަށެވެ. އެގޮތުން، މުވައްޒަފުން އުޅެނީ ވަރަށް އުފާވެރި މަސައްކަތުގެ މާހައުލެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އެމްޑީ ވިދާޅުވި ގޮތަށް މި ކުންފުނި އައު ހަރުފަތަކަށް ގެންދަން ބޭނުންވާ ކަންތައްތައް ކުރުމުގެ ގާބިލުކަން ހުރި ޓީމެއް އަޅުގަނޑުމެން އަތުގައި މިހާރު މިއޮތީ. އެހެންވީމައި މިއީ، އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޮޑު ނިއުމަތެއް" ނަޖާހު ވިދާޅުވިއެވެ.
ލޭ ހަދިޔާ ކުރުމުގެ މި ހަރަކާތް ސަންސިޔާމް ކުންފުނީގެ ހުރިހާ ރިސޯޓުތަކެއްގައި ބާއްވާނެއެވެ.