އިމިގްރޭޝަން ކޮރަޕްޝަން: ޝަމްއާން ހިމެނޭހެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވައިފި

ނާޖާއިޒު ފައިދާ ނެގި ކަމަށް ތުހުމަތު ކުރެވޭ މީހުން---

ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކޮށް, ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި, މުހައްމަދު ޝަމްއާން ވަހީދާއި މި މައްސަލައިގައި ތުހުމަތު ކުރެވޭ އަނެއް ހަތަރު މީހުންނަށް ދައުވާ ކުރަން ފުލުހުން, ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ޝަމްއާން ހިމެނޭހެން މި މައްސަލައާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ...

  • މުޙައްމަދު ޝަމްއާން ވަހީދު، 36 އަހަރު، ގ. ލިޓޯނިޔާ
  • މުޙައްމަދު އަލްސަން އިސްމާއިލް، 21 އަހަރު، މޫނިމާގެ، ތ. ބުރުނި
  • އިބްރާހިމް އަޙްމަދު، 37 އަހަރު، ގ. ހެޕީސައިޑް
  • ހަސަން ސަހެޝާން، 47 އަހަރު، ގ. ހެޕީސައިޑް
  • އަހްމަދު ލައްސާނު، 40 އަހަރު، މ. ހަޒާރީވިލާ

https://www.sun.mv/204214

ޕީޖީގެ މީޑިއާ އޮފިޝަލް އަދި ގާނޫނީ ވަކީލް އަޙްމަދު ޝަފީއު މިއަދު "ސަން" އަށް ވިދާޅުވީ އެ ފަސް މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އިއްޔެ, ފުލުހުން, ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މިހާރު އެ މައްސަލަ ބަލައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް 15 ދުވަސް ތެރޭގައި އެ މީހުންގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

މި މައްސަލައިގައި ތުހުމަގު ކުރެވޭ މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައެވެ. އޭގެ ތެރެއިން ޝަމްއާން ޝަރީއަތް ނިމެންދެން ބަންދު ކުރި މައްސަލައިގެ އިސްތިއުނާފު ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފައެވެ.

މައްސަލައިގެ ތަފްސީލު:

މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަންގެ މުވައްޒަފުން މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ އޮޕަރޭޝަން ހިންގާފައިވަނީ ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް އަދި އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ޚިލާފަށްކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ އޮޕަރޭޝަނާ ބެހޭ މައުލޫމާތު ޝައްމާނަށް އެނގިފައި އޮތްކަން ވެސް ތަހުގީގުން ހާމަވި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުން، އެ އޮޕަރޭޝަން ހިންގި ތަނަށް އެންމެ ފުރަތަމަ ދިޔައި އިމިގްރޭޝަންގެ އެފަދަ އޮޕަރޭޝަންތައް ހިންގުމުގެ ވަޒީފާގެ މަސްއޫލިއްޔަތު ނެތް ތިން މުވައްޒަފުންނެވެ. އެ އޮޕަރޭޝަނުގައި ހަތް ބިދޭސީ މަސައްކަތްތެރިން ހުއްޓުވައި، ވަޒީފާގެ އެ މަސްއޫލިއްޔަތު ނެތް އިމިގްރޭޝަންގެ ތިން މުވައްޒަފުން، އެ ގެ ބަލައި ފާސްކުރި ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ފަހުން އެރޭ އެފަދަ އޮޕަރޭޝަންތަކަށް ޚާއްސަކޮށްފައިވާ އިމގްރޭޝަންގެ ޓީމެއް ގެނެސް، އަލުން ސީން ޕްރޮސެސްކޮށް، ހައްޔަރުކުރި ބިދޭސީންގެ ތަކެތި ސީލްކޮށް، އެ މީހުން އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތް ބިދޭސީ މަސައްކަތްތެރިންނަކީ ލިޔެކިޔުންތައް ގަވައިދާ އެއްގޮތަށް ހުރި ބިދޭސީންކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އެ މީހާގެ އަތުން ފެނުނު މީހަކު، މި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު މ. ސްޓާ ކްލައުޑުގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް ގެންދިޔަ ކަމަށެވެ.

"އެ ބިދޭސީ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށުން ދޫކޮށްލީ ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ އިރުޝާދުގެ ދަށުން، އެކަން 'އާޖެންޓް' ކަމެއްގެ ގޮތުގައި އަމަލުކުުރުމަށް އަންގައިގެންކަން ތަހުގީގަށް އެނގިފައިވެއެވެ." ފުލުހުން އޭރު ބުންޏެވެ.

https://www.sun.mv/205734

އޭގެ އިތުރުން، ދޫކޮށްލި ބިދޭސީ މީހާއާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވި މީހަކީ ދިވެއްސެއް ކަމަށާއި އެއީ އެ މައްްސަލައާ ގުޅިގެން ހައްޔަރުކުރި އިމިގްރޭޝަން މުވައްޒަފެއްގެ އާއިލާގެ މެންބަރެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބިދޭސީ މީހާ ހައްޔަރުކުރިއިރު، އޭނާގެ އަތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފައިސާ، އޭނާ ދޫކޮށްލިއިރު ކޮތަޅަކަށް އަޅާފައި އަނބުރާ ހަވާލުކުރިކަން ވެސް ތަހުގީގަށް އެނގުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބިދޭސީ މީހާ ދޫކޮށްލުމުގެ މަސައްކަތްތައް ކުރަމުންދިޔައިރު، ވަޒީފާގެ މަސްއޫލިއްޔަތު ނެތޮ ބަލައި ފާސްކުރުން ކުރިއަށް ގެންދިޔަ އިމިގްރޭޝަން މުވައްޒަފުން މ. ސްޓާ ކްލައުޑް ސަރަހައްދުގައި ތިބި ކަމަށެވެ. އަދި ބިދޭސީ މީހާ ދޫކޮށްލުމަށް އޭނާ ފުރަތަމަ ދިޔައީ އޭނާއާ ސްޕޮންސަރުގެ ގޮތުން ހަވާލުވި މީހާއާއެކު ސައިކަލެއްގައި ކަމަށާއި ނަމަވެސް ޝަހީދު އަލީ ހިނގުމުން، އިމިގްރޭޝަން މުވައްޒަފަކާއެކު އޭނާ އިމިގްރޭޝަންގެ ވެހިކަލަކަށް އެރި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ އިމިގްރޭޝަން މުވައްޒަފަކު މ. ސްޓާ ކްލައުޑް ކައިރިން ކާރުން ފޭބުމަށްފަހު، ފުލުހުން ހައްޔަރުކޮށްފައިވާ އިތުރު އިމިގްރޭޝަން މުވައްޒަފަކު ވެލާނާ ބިލްޑިންގް ކައިރިން ވެހިކަލުން ފައިބައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ކުޑައިރުކޮޅެއްފަހުން މ. ސްޓާ ކްލައުޑް ކައިރިއަށް ފޭބި އިމިގްރޭޝަން މުވައްޒަފު ސައިކަލެއްގައި ވެލާނާ ބިލްޑިންގް ކައިރިއަށް ގޮސް، އިމިގްރޭޝަންގެ ވެހިކަލުން ފައިސާ އެޅި ކޮތަޅު ނަގައި، ޝަމްއާންގެ ގެއަށް ދިޔަ ކަމަށް ފުލުހުން ހާމަކުރިއެވެ.

އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ ސީސީޓީވީ ފުޓެޖު އެއްކޮށް، ގިނަ ބަޔަކާ ސުވާލުކޮށް، މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ބަޔާން ނަގައިފައި ކަމަށް ފުލުހުން ބުންޏެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ޝަމްއާންގެ ގެ ބަލައި ފާސްކުރިއިރު 257،475 ރުފިޔާއާޢި 10،000 ޑޮލަރާއި އެހެނިގެން ބައެއް ގައުމުތަކުގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ހޯދައި، ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

އާއިލާއިން ބުނަނީ ފްރޭމް ކުރީއޭ

ޝަމްއާނުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް، ފުލުުހުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަން ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ޝަމްއާންގެ ގެއިން ބައިމިލިއަނެއްހައި ނަގުދު ފައިސާ ފެނިފައިވާއިރު ފުލުހުން ބުނެފައިވާ ގޮތުގައި، އެ ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާއެވެ. އެ މައްސަލައިގައި އޭނާގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވެއެވެ.

ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ އޭނާގެ މައްޗަށް ފްރޭމްކޮށްފައިވާ މައްސަލައެއްގައި ކަމަށް އޭނާގެ އަނބިމީހާ ހިދުފާ ފާއިޒު ވަނީ ބުނެފައެވެ.

ޝަމްއާނުގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ކަން ހިނގައިދިޔަ ގޮތް ކަމަށް ބުނާ ގޮތުގެ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ.

އޭގައިވާ ގޮތުން، ޝަމްއާން ހައްޔަރުކޮށްފައިވަނީ ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުންނެވެ. އަދި ޝަމްއާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތްކަން އިހުސާނަށް އެނގިލެއްވުމެވެ. އިހުސާނަށް އެނގިލެއްވިކަމަށް އެ ބުނަނީ ކޮން "ވީޑިއޯ"އެއް ކަމެއް އާއިލާގެ ބަޔާނުގައި ނުބުނެއެވެ.

ޝަމްއާނުގެ އާއިލާއިން ތުހުމަތުކުރި ގޮތުގައި، ހޯމްލޭންޑް މިނިސްޓްރީ ހިންގުމާއި އިމިގްރޭޝަން ބެލެހެއްޓުމުގައި އިހުސާން ވަނީ ކޮރަޕްޝަނުގެ އެތައް އަމަލުތަކެއް ހިންގައިފައެވެ. އާއިލާއިން ބުނި ގޮތުގައި ޝަމްއާން ވަނީ އިހުސާނު ހިންގަމުން ދިޔަ ކޮރަޕްޝަނުގެ ކަންތައްތައް މިދިޔަ އަހަރުގެ ޑިސެންބަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލު ކަމަށް ގެންނަވައިފައެވެ.

ނަމަވެސް ރައީސް މުއިއްޒާއި އިހުސާން ވެސް އެ ތުހުމަތުތައް ދޮގު ކުރައްވަވައެވެ.

comment ކޮމެންޓް