އިމިގްރޭޝަން އޮފިސަރުންތަކަކާ ގުޅިގެން ގާނޫނާއި ގަވައިދާ ޚިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށް ކޮށްގެން ފައިސާ ހޯދައި، މަނީ ލޯންޑާކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީއެއްގެ އެކައުންޓުތަކުގައި އަށް މިލިއަން ދިވެހި ރުފިޔާ ދައުރުކޮށްފައިވާ ކަމަށް، ފުލުހުން މިއަދު ބުނެފިއެވެ.
ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކޮށް, ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި, މުހައްމަދު ޝަމްއާން ވަހީދުގެ މައްސަލައިގައި ތުހުމަތުވާ އިމިގްރޭޝަން އޮފިސަރުންނާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އިމިގްރޭޝަން އޮފިސަރުންތަކަކާ ގުޅޭ އިތުރު މައްސަލައެއް ވެސް ހިއްސާކޮށްފައެވެ.
އެގޮތުން އިމިގްރޭޝަން އޮފިސަރުންތަކަކާ ގުޅިގެން ގާނޫނާއި ގަވައިދާ ޚިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށް ކޮށްގެން ފައިސާ ހޯދައި، މަނީ ލޯންޑާކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީއެއްގެ ވަނަވަރު ވަނީ ހާމަކޮށްފައެވެ.
އެއީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަހާދަތު ހުސައިން 34އ އެވެ.
އޭނާ މާލެ އައިސްފައި ވަނީ 2019 ވަނަ އަހަރުއެވެ.
ތަހުގީގަށް ޝަހާދަތުގެ ފަރާތުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި އޭނާގެ ބީއެމްއެލް ރުފިޔާ ތިން އެކައުންޓާއި، ޑޮލަރު ތިން އެކައުންޓު ހުޅުވާފައިވާ ކަމަށް ޗީފް އިންސެޕްޓާ އޮފް ޕޮލިސް އަހުމަދު އަޒްމަތު އަބްދުﷲ މިއަދު ވިދާޅުވިއެވެ. އޭނާގެ ވަޒީފާއަކީ 'އޮފީސް ކްލީނާ' ނުވަތަ އޮފީސް ސާފުކުރާ މީހާ ނަމަވެސް ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އޭނާގެ މުސާރައަކީ 3،000 ޑޮލަރު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ފާއިތުވެދިޔަ ތަނުގައި އޭނާގެ އެކައުންޓުގައި އަށް މިލިއަން ދިވެހި ރުފިޔާ ދައުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
"ޝަހާދަތު ހުސައިންގެ އެކައުންޓުތަކުގެ ފައިނޭންޝަލް އެނަލިސިސްއެއް ހެދިއިރު، 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް މީނާގެ ބޭންކު އެކައުންޓުތަކަށް އަށް މިލިއަން ދިވެހި ރުފިޔާއަށް ވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން އެނގެން އޮވޭ،" އަޒްމަތު ވިދާޅުވިއެވެ.
"ބިދޭސީންގެ ވޯކް ވިސާ ޑިޕޮސިޓް ފައިސާ ދެއްކުމަށް ޝަހާދަތުގެ އަމިއްލަ އެކައުންޓުން އެކްސްޕެޓް ޕޯޓަލްގެ ތެރެއިން އެއް މިލިއަން ފަސްދޮޅަސް ނުވަ ހާސް ޖަމާކޮށްފައިވާކަން އެނގެން އޮވޭ،" އަޒްމަތު ވިދާޅުވިއެވެ
އެކްސްޕެޓް ސިސްޓަމުން ދައްކާ ގޮތުގައި އެމީހާގެ ވޯކް ޕާމިޓް ފީ ނުދައްކާކަމަށް އަޒްމަތު ވިދާޅުވިއެވެ.
ތަހުގީގަށް އެނގިފައިވާ ގޮތުގައި ބިދޭސީ މީހާއަކީ ސައްހަ ނޫން ވޯކް ޕާމިޓް އަމިއްލައަށް ހަދައި ބިދޭސީންނަށް އެ ވިއްކާ މީހެކެވެ. އަދި އެއަށްފަހު ލިބޭ ފައިސާ ބަންގްލަދޭޝްގެ އެކައުންޓަކަށް ފޮނުވާފައިވާ ކަމަށް އަޒްމަތު ވިދާޅުވިއެވެ.
އެ މީހާ އެކަން ކޮށްފައި ވަނީ އިމިގްރޭޝަންގެ ބަޔަކާ ގުޅިގެންކަން އޭނާގެ ޗެޓްލޮގްތަކުން ހާމަވާ ކަމަށާއި، އެކަން އެހެން މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާ ކަމަށް ވެސް އަޒްމަތު ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން އިމިގްރޭޝަން އޮފިސަރުންތަކެއްކަން ހާމައެއްނުކުރެއެވެ.
ޝަހާދަތާ ގުޅިގެން ތަހުގީގަށް ހާމަވެފައިވާ އެހެން ކަންތައްތަކަކީ:
- އޭނާ ދިރިއުޅުނީ 18،000 ރުފިޔާއަށް ދޭ އެޕާޓްމަންޓެއް ކުއްޔަށް ނަގައިގެން
- އޭނާގެ މޮބައިލް ފޯނުގައި އެކި ކުންފުނިތަކުގެ ރަޖިސްޓްރީ، ލޯގޯ، ސްޓޭމްޕް ހުރި
- ވޯކް ޕާމިޓް ނެގުމަށް ބޭނުންވާ ޑޮކިއުމަންޓްތައް އޭނާގެ އަތުގައި ހުރި
- އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ ނަމުގައި 153 އައިޑީ ޕާސްވޯޑާއެކު ހުރި
- ފޮރިން އެކައުންޓުގެ ހަތް އެކައުންޓު އައިޑީ ޕާސްވޯޑާއެކު ހުރި
- ޕްރައިވެޓް ކުންފުނިތަކުގެ ގޮތުގައި 273 އައިޑީ ޕާސްވޯޑާއެކު ހުރި
- އެކިއެކި މީހުންގެ ނަމުގައި 126 އައިޑީ ޕާސްވޯޑާއެކު ހުރި
- އެކިއެކި މީހުންގެ އީފާސް އެކައުންޓުތަކުގެ ލޮގިން ޕާސްވޯޑާއެކު ހުރި
"ޝަހާދަތު ހުސައިންގެ މި މަސައްކަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ބަޔަކާއި، ދިވެހީންގެ އާއްމު އެތައް ބަޔަކާއެކު ކުންފުނިތަކުގެ ކޯޓާ ނަގައި، ބިދޭސީން އެތެރެކޮށް، މާލެ ތެރެއަށް ދޫކޮށްލައި، އޯޕަން ކޯޓާގެ ނަމުގައި މާލީ މަންފާ ހޯދާކަމަށް ބެލެވޭ،" އަޒްމަތު ވިދާޅުވިއެވެ.
އަޒްމަތު ވިދާޅުވީ އެ ހުރިހާ ކަމެއް ޝަހާދަތު ކުރީ އޭނާ އެކަނި ނޫން ކަމަށާއި އެކަމުގައި ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށެވެ.
"މިކަންކަމުން އެނގިގެން ދަނީ ޝަހާދަތަކީ ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ނުގަވައިދުން ރާއްޖެއަށް އެތެރެކުރުމުގެ ކަންކަން ފުޅާ ދާއިރާއެއްގައި ހިންގާފައިވާ އަދި އެކަމުން މާލީ މަންފާ ހޯދާފައިވާ މީހެއްކަން،" އަޒްމަތު ވިދާޅުވިއެވެ.
ފުލުހުން ވަނީ އެ މީހާގެ ތަހުގީގު ނިންމައި، ދައުވާ ކުރުމަށް ޕީޖީ އޮފީހަށް މިހާރު ފޮނުވައިފައެވެ.