މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ޕީއެމްއެސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ބްރޯޑްކޮމްއަށް ދެ މެންބަރަކު އައްޔަނު ކުރުމަށް ޓަކައި ދެ ފަހަރަކު ވަނީ އިއުލާންކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ އިއުލާނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 10 ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ އޭޕްރީލް 23ގައި މަޖިލީހަށް ފޮނުއްވައިފައެވެ.
މިއަދު ރައީސް ފޮނުއްވި ނަން ތަކަކީ ދެވަނަ އިއުލާނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަނިކުފާނު އިސްކަންދޭ ތަރުތީބުން ފޮނުއްވި ހަ ބޭފުޅުންގެ ލިސްޓެވެ. އެއީ އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު ޖޫން 14، 2025ގެ ނިޔަލަށް ހަމަވާތީއެވެ.
މީގެ ތެރެއިން މަޖިލީހުގެ ކޮމިޓީން މިއަދުވަނީ ފުރަތަމަ އިއުލާނާ ގުޅިގެން ރައީސް ފޮނުއްވި ނަންތައް ދިރާސާކޮށްފައެވެ. އެ ހަ ބޭފުޅުންގެ ތެރެއިން 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބިފައިވަނީ ފަސް ބޭފުޅަކަށެވެ. އެއީ:
- ޒީނާ ޒާހިރު - 85 އިންސައްތަ
- އާއިޝަތު ޝިޔާނާ - 83 އިންސައްތަ
- ޝިމްލާ އަހުމަދު - 82 އިންސައްތަ
- މޫސާ ރިލްވާން - 81 އިންސައްތަ
- ޒަމްއަތު އަހުމަދު ވަހީދު - 77 އިންސައްތަ
ފުރަތަމަ އިއުލާނާ ގުޅިގެން ރައީސް އިސްކަން ދެއްވާ ތަރުތީބުން ނަންތައް ފޮނުއްވިއިރު، އެ ލިސްޓުގެ އެއްވަނައިގައި ހިމަނާފައި އޮތީ އައިމިނަތު ޝިޔާނާގެ ނަމެވެ. އެހެން ނަމަވެސް ކޮމިޓީން އެންމެ މަތިން މާކްސް ލިބޭ ފަސް ބޭފުޅެއްގެ ނަން ތަރުތީބުކުރިއިރު، އޭނާގެ ނަން އޮތީ އެ ލިސްޓުގެ ދެވަނައިގައެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމަށް ޒީނާ އައްޔަނު ކުރަން ކޮމިޓީން ފާސްކުރިއިރު، ރައީސް ފޮނުއްވި ލިސްޓުގައި އޭނާގެ ނަން އޮތީ ފަސްވަނައަށެވެ.
ޒީނާވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވެސް ބްރޯޑްކޮމްގެ މެންބަރުކަން ކުރައްވައިފައެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ 2020ވަނަ އަހަރެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު، ޕީއެސްއެމްގެ އެމްޑީއަކަށް ވެސް ފުރަތަމަ އައްޔަނު ކުރެއްވީ ޒީނާއެވެ. އެހެން ނަމަވެސް ޖެހިގެން އައި 2024ވަނަ އަހަރުގެ އޮގަސްޓު 24ގައި އޭނާވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ޒީނާވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ތައުލީމް ހާސިލްކުރައްވައިފައެވެ.
ޒީނާއަކީ 2006ވަނަ އަަހަރު ނޫސްވެރިކަން ފެއްޓެވި ބޭފުޅެކެވެ. މި ދާއިރާގައި 17 އަހަރު ހޭދަކުރައްވައިފައިވާއިރު އެކި މަގާމުތައްވަނީ އަދައިކުރައްވައިފައެވެ. މިހާރު ޒީނާ ގެންދަވަނީ އޭނާގެ އަމިއްލަ މެގަޒިނެއްކަމަށްވާ 'ޒީ ޓައިމްސް' ހިންގަވަމުންނެވެ.