އިތުރު ނަރުހުން އަދިވެސް ބޭނުންވޭ، މި ސަރުކާރުން ނަރުހުންގެ އަޑުއަހައި އިޖާބަ ވެސް ދޭނަން: ރައީސް

އައިޖީއެމްއެޗްގެ ނަރުހުންތަކެއް -- ފޮޓޯ: އައިޖީއެމްއެޗް

ސިއްޚީ ދާއިރާއަށް އަދިވެސް އިތުރު ނަރުހުން ބޭނުންވާ ކަމަށާއި މި ސަރުކާރުން ނަރުހުންގެ އަޑުއަހައި އިޖާބަ ވެސް ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙާއްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވި ޚާއްސަ ޚިތޯބުގައެވެ.

އެ ޚިތޯބުގައި އެމަނިކުފާނު ވަނީ "ނަރުސް" މި ނަމަކީ، އޯގާތެރިކަމާއި އަޅައިލުމުގެ އިތުން ހިތްވަރާއި މުރާލިކަމާއި ހިނިތުންވުން ފަދަ މުހިންމު އަދި ރީތި އެތައް ސިފައެއް އެކުވެފައިވާ ޤަދަރުވެރި ނަމެއްކަމަށް ވިދާޅުވެފައެވެ.

ރައީސް ނަރުހުން ސިފަކުރައްވާފައި ވަނީ ޞިއްޙީ ޚިދުމަތުގެ ހިތާއި ވިންދުގެ އިތުރުން މައިބަދައިގެ ގޮތުގައެވެ. އެމަނިކުފާނު ވަނީ ޙަޤީޤީތުގައި ނަރުހުންނަކީ ބަލިތަކާއި އުނދަގޫތަކާ ކުރިމަތިލާން ރުކުރުވައިލެވިފައިވާ އެންމެ ބިޔަ އިންސާނީ ލަޝްކަރު ކަމަށް ވިދާޅުވެފައެވެ.

އައިޖީއެމްއެޗްގެ ނަރުހުންތަކެއް -- ފޮޓޯ: އައިޖީއެމްއެޗް

"ނަރުހުންނަކީ މުޅި ޞިއްޙީ ނިޒާމުގެ އެއްބައި އަނެއްބަޔާއި ގުޅުވައިދޭ ބާރެވެ. ކާމިޔާބުކަމާއެކު ބޭސްފަރުވާދޭ ތަނެއްގެ ލޮލަކީ ވެސް، ކަންފަތަކީ ވެސް، ދަރުމަވެރި އަތަކީވެސް ނަރުހުންނެވެ. ބުއްދިވެރި ބަހެއްގައި 'އެކެއްގެ ފުރާނަ ސަލާމަތްކޮށްފިނަމަ ތިޔައީ ބަޠަލެއް ކަމުގައި، އަދި ސަތޭކަ މީހުންގެ ފުރާނަ ސަލާމަތްކޮށްފިނަމަ ތިޔައީ ނަރުހެއް ކަމުގައި' ބުނަނީ ނަރުހުންދޭ ވަފާތެރި އަގުހުރި ޚިދުމަތުގެ މަތިވެރިކަމަށް ޓަކައެވެ," ރައީސްގެ ޚިޠާބުގައިވެއެވެ.

ރައީސް ވަނީ ރާއްޖޭގައި ޚިދުމަތްކުރާ ނަރުހުންގެ 92 އިންސައްތައަކީ އަންހެނުން ކަމަށާއި އެކަމުން ދޭހަވަނީ ބުރަ، ޤައުމީ އަދި އިންސާނީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހި އަންހެންދަރީން އަދާކުރާ އަގުހުރި ދައުރު ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ ތަޞައްވުރާ އެއްގޮތަށް ޞިއްޙީ ނިޒާމު ފުޅާކޮށް ޒަމާނީ ކުރުމަށް އަދިވެސް އިތުރު ނަރުހުން ބޭނުންވާ ކަމަށާއި ޤައުމަށް ބޭނުންތެރި ނަރުހުންގެ ޚިދުމަތުގައި ދިވެހީންގެ ނިސްބަތް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އައިޖީއެމްއެޗްގެ ނަރުހުންތަކެއް -- ފޮޓޯ: އައިޖީއެމްއެޗް

ނަރުހުން އަދާކުރަންޖެހޭ ބައެއް ޒިންމާތައް ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ، ވަކި އުމުރެއް ވަކި ގިންތިއެއް ވަކި މިޒާޖެއް ތަފާތުކުރުމެއް ނެތި، ކުލުނާއި، އެހީތެރިކަމާއި، ހިތްތިރިކަމާއެކު ނަރުހަކު ޚިދުމަތް ކުރަނީ، އަމިއްލަ ޢާއިލާއާއި ދިރިއުޅުމުގެ ހުރިހާ ކަމެއް ދޫކޮށްލުމަށްފަހު ޑިއުޓީގެ ވަގުތުގައި ހުރިހާ އިސްކަމަކާއި ސަމާލުކަމެއް ބަލިމީހާއަށް ދީގެންކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން ވަރުބަލިވުމެއް އަދި ފޫހިކަމެއްނެތި ނަރުހުން އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަންނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަންކުރާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި ނަރުހުންގެ އަޑުއަހައި އިޖާބަދޭނެ ކަމަށާއި ނަރުހުންނަށް ފައިދާހުރި އެތައްކަމެއް މި ސަރުކާރުން އިސްކަންދީގެން ފަހިކޮށްދޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ބައްޔަކަށް، އުނދަގުލަކަށް ފަރުވާ ހޯދަމުންދާ މީހެއްގެ ޢާއިލާއަކީ، ދުނިޔެއަކީ، މިތުރުންނަކީ ވެސް ނަރުހުން. ބަލީގެ ޝިފާގެ ދެބައިކުޅަ އެއްބަޔަކީ، އިޙްސާންތެރިކަމާއި ރަޙުމާއެކު ނަރުހުންގެ ފުށުން ލިބޭ ހޭހަންކުރުމެއް. ނަރުހުންގެ ޚިދުމަތަކީ، ދެވޭ މުސާރައަކަށްވުރެ، އެ ޚިދުމަތަށް ލިބޭ ސަވާބާއި ދަރުމަ، އަދި އަނެކުންގެ ފުށުން ލިބޭ ހިތްހެޔޮކަމާއި ހެޔޮދުޢާ، އެތައް ގުނައަކަށް އިތުރު މާތް މަސައްކަތެއް. ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ރައީސް ވަނީ ނަރުހުންގެ އަގުހުރި ޤައުމީ ޚިދުމަތަށް ބަސްތަކަކުން އަދި ލަފުޒުތަކަކުން، ތަޢުބީރުކުރުންތަކަކުން ޝުކުރު އަދާ ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އަދި ވަރުބަލިވުމެއް ނެތި ނަރުހުން ކުއްލި ޙާލަތްތަކާއި ބޮޑެތި ބަލިތަކުގެ އިތުރުން ވަބާތައް ބޯމަތިވެގެން އަންނައިރު ޚިދުމަތުގެ ކުރީ ސަފުގައި ދައްކާ ސާބިތުކަމަކަށް އަގު އަދައެއް ނުކުރެވޭނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް