އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އިތުރު އެއް އަހަރަށް ފަސްކޮށްދޭން އެ ގައުމުން މިއަދު ނިންމައިފިއެވެ.
ޓްރެޝަރީ ބިލު ވިއްކައިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން 50 މިލިއަން ޑޮލަރު ހޯދީ މާރިޗު 17، 2019 ގައި މިދިޔަ ސަރުކާރުގައެވެ. އެ ފައިސާ ދެއްކުން އިންޑިއާ ސަރުކާރުން ވަނީ މީގެ ކުރިން ވެސް އަހަރު ދުވަހަށް ފަސްކޮށްދީފައެވެ.
އޭރު އިތުރުކުރި އެއް އަހަރު ދުވަހުގެ މުއްދަތު ހަމަވަނީ މިއަދަށެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ސަރުކާރުގެ އެދުމަށް ކުއްލި މާލީ އެހީތެރިކަމެއްގެ ގޮތުގައި އެ ފައިސާ ދެއްކުން އިތުރު އެއް އަހަރު ދުވަހަށް ފަސްކޮށްދޭން އެސްބީއައިއިން ނިންމާފައިވާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ އިންޑިއާގެ 'ނެއިބާހުޑް ފަސްޓް' ޕޮލިސީގެ ދަށުން ރާއްޖެއަށް ގިނަ އެހީތައް ވާކަން ފާހަގަކޮށްފައެވެ. އެ ގޮތުން، ޓީ-ބިލްތައް ގަތުމުގެ އިތުރުން އަސާސީ ތަކެތި ރާއްޖެއަށް އެކްސްޕޯޓުކުރާ ކޯޓާ އިތުރުކުރިކަން ވެސް ފާހަގަކޮށްފައިވެއެވެ.
މި ކަމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފައިސާ ދެއްކުން ފަސްކޮށްދިނުމުން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރަށާއި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.
މި އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ގައުމުގެ މެދުގައި އޮތް ގާތްގުޅުންކަމަށް ޚަލީލް ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ވަނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލު އެސްބީއައިއިން ނަގައިފައެވެ. އޭގެ ތެރެއިން އެއް ޓީބިލަށް ވީ ފައިސާ ޖަނަވަރީ 2024ގައި މި ސަރުކާރުން ވަނީ ދައްކައިފައެވެ.
އިންޑިއާއިން މި ފަހުން ވަނީ ރާއްޖެއަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ވެސް ދީފައެވެ.
މި އަހަރަކީ ރާއްޖެއަށް ދަރަންޏަށް ގިނަ އަދަދެއްގެ ފައިސާ ދައްކަންޖެހޭ އަހަރެކެވެ. އެ ގޮތުން، މި އަހަރު އެކަނި 500 މިލިއަނެއްހައި ޑޮލަރު ދަރަންޏަށް ދައްކަންޖެހޭއިރު އަންނަ އަހަރު އެއް ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަންޖެހެއެވެ.
މި ސަރުކާރުގެ ކުރީކޮޅު ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި ތިއްބެވި ބޭފުޅުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރުމުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. އެކަމަކު، އޭގެ ފަހުން އޮކްޓޫބަރު 2024 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވައިފައެވެ.