ޖަރުމަނު ވިލާތުގެ ލީޑަރެއް ކަމަށްވާ އެޑޮލްފް ހިޓްލަރުގެ އަނިޔާ ދިފާއުކޮށް ވަކާލާތުކުރަން އަރިހުގައި ތިބީ ވެސް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކު ފަދަ ވަކީލުންކަން ތާރީޚު ހެކިދޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
ޖަމީލު އެފަދައިން ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި 19ވަނަ ރައްޔިތުންގެ މަޖިލީހުން އުއްތަމަފަނޑިޔާރާ އެކު ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުން ވަކިކުރުން އެ ޕާޓީއަށް މައްސަލައަކަށް ނުވިކަން ފާހަގަކުރައްވައި، އިއްޔެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ހުސްނީ، އެ ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީއަށް ރައްދު ދެއްވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެންމެ އަރިސް އެއް ބޭފުޅާ ކަމަށްވާ ޖަމީލު ވަނީ މީގެ ކުރިން އެމްޑީޕީން ވިޔަސް ސުޕްރީމް ކޯޓުން ރައީސުލްޖުމްހޫރިއްޔާއާއި ގުޅުން ހުރި ދުސްތޫރީ މައްސަލައެއް ބަލަން ފެށުމުން ފަނޑިޔާރުން ވަކިކުރީ ކޮންއިރަކުތޯ ސުވާލު އުފައްދަވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކު -- ފޮޓޯ/ މަޖިލިސް
"އޮޅުވާލަން ނުއުޅުއްވާ. އެހެން ނޫނަސް ވެރިކަން ހޯދީ ޖުޑިޝަރީއަށް ނުފޫޒް ފޯރުވުން ހުއްޓަވަން ނޫންތޯ؟" ޖަމީލު ސުވާލު އުފެއްދެވިއެވެ.
އޭނާ ވިދާޅުވީ، ހިޓްލަރުގެ އަނިޔާ ދިފާއުކޮށް ވަކާލާތުކުރަން އަރިހުގައި ތިބީ ވެސް ހުސްނީ ފަދަ ވަކީލުންކަން ތާރީޚު ހެކިދޭ ކަމަށެވެ. އެ މީހުން ވެސް ގަބޫލުކޮށްގެން ތިބީ ހިޓްލަރުގެ ވެރިކަން ދުވަހަކު ވެސް ނުނިމޭނެ ކަމަށް ކަމަށް ޖަމީލު ވިދާޅުވިއެވެ.
ޚާއްސަކޮށް ގާނޫނުއަސާސީއަށާއި ތިން ބާރު ވަކިވެފައި އޮތް ނިޒާމަށް ކިތަންމެ ބޮޑު ގެއްލުމެއް ދީގެން ވިޔަސް، އަދި ކޮންމެ ގޮތެއް ހަދައިގެން ވެސް ރައީސް ދިފާއުކުރުން އެއީ ދުސްތޫރީ ކޮން އުސޫލެއްގައި އޮތް ވާހަކައެއްތޯ ވިދާޅުވެ ޖަމީލު ވަނީ ސުވާލުއުފައްދަވައިފައެވެ.
ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މި މަހުގެ ފަސްވަނަ ދުވަހެވެ.
ކޮމިޓީގައި ޖަވާބުދާރީވުމަށް ފަނޑިޔާރުންގެ ފަރާތުން އެދުމުން، އެ ފުރުސަތު ނުދޭން ނިންމުމަށް ފަހު، އިއްޔެ ބޭއްވި ކޮމިޓީ ވަނީ ސިއްރުކޮށްފައެވެ. އެ ބައްދަލުވުން ސިއްރުކުރަން ނިންމުމުން ކޮމިޓީގައި ހިމެނޭ އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ކޮމިޓީ ބޮއިކޮޓް ކުރައްވައިފައެވެ.

ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: އޭގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ ރައީސް އޮފީސް
އެއަށް ފަހު ކޮމިޓީން ވަނީ ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމީ ރަނގަޅަށް ކަމަށް ފާސްކޮށް، މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.
މި ކަމާ ގުޅިގެން ސަރުކާރާއި ޕީއެންސީގެ ސުޕަމެޖޯރިޓީ މަޖިލީހަށް އިދިކޮޅުން ދަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންނެވެ.
އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން 2019ގައި ފަނޑިޔާރުކަމުން ވަކިކުރީ ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ކުރީގެ ފަނޑިޔާރުން އާދަމް މުހައްމަދާއި އަބްދުލްޣަނީ މުހައްމަދާއި އަބްދުﷲ ދީދީއެވެ. އޭގެ ތެރެއިން ދީދީ ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހުން ފާސްކުރީ އޮގަސްޓު މަހު ކަމަށްވާއިރު، ނޮވެމްބަރު މަހު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި އާދަމް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރިއެވެ.
އެއަށް ފަހު ޑިސެމްބަރު މަހު އަބްދުލްޣަނީ މަގާމުން ވަކިކުރީއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް: ދެ ސަރުކާރުގައި ވެސް ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު --
އެމްޑީޕީގެ ސަރުކާރުގައި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ދެކޮޅަށް ފާޅުގައި ނުކުމެ، ފަނޑިޔާރުންނަށް ވަރަށް ބޮޑެތި ތުހުމަތުތައްކޮށްފައިވެއެވެ. އަދި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ވެސް ފާސްކުރިއެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓަށް ލިބޭ ބާރުތަކުން ބޭރުވެ ރައްޔިތުންގެ މަޖިލީހަށް އަރައިގަންނަކަމަށް ބުނެ އިންޒާރު ދިނުމަށް ވެސް ހުށަހެޅިއެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު އެމްޑީޕީގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ މުޅި ބެންޗު އެއްކޮށް ބަދަލުކުރިއެވެ.
ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އެންމެ ފުރަތަމަ ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. ނަމަވެސް، 2014 ވަނަ އަހަރު ފަނޑިޔާރުންގެ ބެންޗު ވަނީ ފަހަކަށް ކުޑަކޮށްފައެވެ. އެއާއެކު އޭރުގެ އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި، ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ މަގާމުން ވަކިކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އަނެއްކާ ހަތަކަށް އިތުރުކުރުމަށްޓަކައި ކޯޓުތަކުގެ ގާނޫނު އިސްލާހުކުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައެވެ.