'ފަރުޒީ 2': ޝާހިދަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ޕްރޮޖެކްޓް

ވެބް ސީރީސް "ފަރުޒީ"ގެ މަންޒަރެއްގައި ޝާހިދު ކަޕޫރު--ފޮޓޯ/އެންޑީޓީވީ

ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރުގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީސް "ފަރުޒީ"ގެ ދެވަނަ ބައި ކުޅެން އެކްޓަރު އެއްބަސްވީ ބޮޑު އަގެއްގައި ކަމަށާއި އެއީ މިހާތަނަށް ކެރިއަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ޕްރޮޖެކްޓް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމު ފެއާގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ޝާހިދު "ފަރުޒީ"ގެ ދެވަނަ ސީޒަން ކުޅެން އެއްބަސްވެފައި ވަނީ 45 ކްރޯޑު ރުޕީސް (5.3 މިލިއަން އެމެރިކާ ޑޮލަރު)އަށެވެ.

ކާމިޔާބު ވެބް ސީރީސް އަދި ފިލްމުތައް ޑައިރެކްޓްކޮށްދީފައިވާ ރާޖް އެންޑް ޑީކޭގެ "ފަރުޒީ" ވެފައި ވަނީ ޝާހިދުގެ ފިލްމީ ކެރިއަރުގެ އެންމެ މަގުބޫލު އަދި ބެލުންތެރިންގެ ތަރުހީބު އެންމެ ބޮޑަށް ލިބުނު އެއް ފިލްމީ ޕްރޮޖެކްޓަށެވެ.

ވެބް ސީރީސް "ފަރުޒީ"ގެ ދެވަނަ ބަޔަށް ޝާހިދު ހުށަހެޅި އަގަށް ޑައިރެކްޓަރުން އެއްބަސްވުމާ ގުޅިގެން މިއީ މިހާތަނަށް ޝާހިދުގެ ކެރިއަރުގައި އެންމެ ބޮޑު އަގުގައި މަސައްކަތްކުރާ ޕްރޮޖެކްޓަށް ވަނީ ވެފައެވެ. ޝާހިދު އާއްމުކޮށް ފިލްމު އަދި ވެބް ސީރީސް ކުޅެދޭ އަގު އުޅެނީ 25 އަދި 30 ކްރޯޑު ރުޕީސްއާ ދެމެދުގެ އަގެއްގައެވެ.

ވެބް ސީރީސް "ފަރުޒީ"ގެ ޕޯސްޓަރެއް--ފޮޓޯ/އެންޑީޓީވީ

"ފަރުޒީ 2"އަކަށް ޝާހިދު އެހާ ބޮޑު އަގެއް ހުށަހެޅީ އެއީ ޑިޖިޓަލް ޝޯއަކަށް ވުމުގެ އިތުރުން އޯޓީޓީ އަދި ތިއޭޓަރު ތަކުގައި ރިލީޒްކުރާ އެކްޓަރުގެ ފިލްމުތަކަށް ވަކި އަގުތަކެއް ހަމަޖައްސަން ނިންމުމާ ގުޅިގެންނެވެ.

މި އަހަރުގެ ފަހުކޮޅު މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ "ފަރުޒީ 2"އިން ޝާހިދު ފެންނާނެއިރު މި ވެބް ސީރީސްގެ ކާސްޓުން ކުރީގެ އެހެން ތަރިން ފެންނާނެކަން އަދި ކަށަވަރެއް ނުވެއެވެ.

ޝާހިދުގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ "ކޮކްޓެއިލް 2' އަދި "އަރުޖުން އުސްތާރާ"ގެ ނަމުގައި އުފައްދާ ފިލްމެއް ހިމެނެއެވެ.

comment ކޮމެންޓް