ރާއްޖޭގައި ހުރި ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމު ކަމަށާއި، އެއީ ވަކި ވެރިއެއްގެ މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ އަދި އެކަމަށް ވަރަށް ބޮޑަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ. އެއީ ވަކި ވެރިއެއްގެ މައްސަލައެއް ނޫން ކަމަށް ވެސް ލިޔުއްވިއެވެ.
އެހެންކަމުން ބަރުލަމާނީ ނިޒާމާއި، ޕްރިފަރެންޝަލް ނުވަތަ ގިނަ ވޯޓު ދެވޭ ނިޒާމަކަށް ބަދަލުވެވިއްޖެނަމަ އެތައް ކަމެއް އިސްލާހުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އެމްޑީޕީ ސަރުކާރުގައި އޭރު ސަރުކާރުގެ ސުޕަމްޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވަމުން ވެސް ނަޝީދު ވަނީ ވަރަށް ބޮޑަށް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ވާހަކަފުޅުދައްކަވައިފައެވެ.
އެމްޑީޕީގެ ފަސް އަހަރުގެ ދައުރު ނިމެން އުޅެނިކޮށް އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި ނަޝީދާ ދޭތެރޭ ވެސް އެންމެ ބޮޑަށް އުފެދުނު ޚިޔާލުތަފާތުވުމަކީ އެއީއެވެ. އެއާއެކު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން ވަނީ އެމްޑީޕީން ވަކިވެވަޑައިގެން އައު ޕާޓީއެއް 'ދަ ޑިމޮކްރެޓްސް'ގެ ނަމުގައި އުފައްދަވާފައެވެ.
އެ ސިޔާސީ ކޯޅުން ގަނޑުގައި އެމްޑީޕީ ދެބައިވިއެވެ. ނަތީޖާއަކަށްވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވުމެވެ.
ނަމަވެސް މިހާރު އެމްޑީޕީ އަދި ޑިމޮކްރެޓްސް އޮތީ ސުލްހައިގައެވެ. އެގޮތުން އޭރު އެމްޑީޕީ ދޫކޮށް ދިޔަ ބައެއް ބޭފުޅުން އަލުން ވަނީ ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.