ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް ޕާޓިގައި ތިއްބެވި އެންމެހައި ބޭފުޅުން އެކީ އެނބުރި އެމްޑީޕީއަށް ގުޅިވަޑައިގަންނަވަން ނިންމާފައިވާތީ އެކަމާ ގުޅޭގޮތުން މަޝްވަރާކުރަން އެމްޑީޕީގެ ގައުމީ މަޖިލިސް މިރޭ އެއްވާން ނިންމައިފިއެވެ.
ޑިމޮކްރެޓްސްއިން އިއްޔެ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި, އެ ޕާޓީގެ އެންމެން އެކީ އެނބުރި އެމްޑީޕީއާ ގުޅެން ގަރާރެއް ވަނީ ހުށަހަޅައިފައެވެ. އެ ގަރާރު ފާސްކޮށް، އެ ޕާޓީން ނިންމީ އެންމެން އެކީ އެމްޑީޕީއާ އަލުން ގުޅޭށެވެ.
އެމްޑީޕީން މިއަދު އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ, މިރޭ 20:30ގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ އެމްޑީޕީ އޮފީހުގައެވެ.
އެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ޑިމޮކްރެޓްސް ޕާޓީގެ ހުރިހާ މެންބަރުން އެމްޑީޕީއަށް ވަނުމަށް ނިންމާފައިވާތީ އެކަމާ މަޝްވަރާ ކުރުމަށެވެ.
އަލުން ގުޅެން ނިންމީ ވަރަށް ދުރުވެފައި
އެމްޑީޕީ ބައިބައިވެ، ނަޝީދުގެ ވަފާތެރިން ޑިމޮކްރެޓްސް އުފެއްދީ މިދިޔަ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި އޮއްވައެވެ. އޭރު އެ މަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ވާދަކުރެއްވިއެވެ. ޕާޓީން ވަކިވެވަޑައިގަތީ އެ އިންތިޚާބުން ނާކާމިޔާބުވުމުންނެވެ.
މިދިޔަ އެމްޑީޕީގެ ސަރުކާރު ނިމެންދިޔައިރު އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވިއެވެ. ޚާއްސަކޮށް، ނަޝީދާއި އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ނަޝީދު ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ.
އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ނަޝީދު އަމިއްލަފުޅަށް އެ މަގާމުން އިސްތިއުފާދެއްވީ ނޮވެންބަރު 13، 2023 ގައެވެ.

ދަ ޑިމޮކްރެޓްސްގެ ލީޑާޝިޕްގެ ބޭފުޅުން އެ ޕާޓީ އުފެއްދި ޖަލްސާގައި: ޑިމޮކްރެޓްސް އުފެއްދީ އެމްޑީޕީން ވަކިވެފައި -- ފޮޓޯ/ ޑިމޮކްރެޓްސް
އޭރު އެ މަނިކުފާނަށް ވަފާތެރި މެންބަރުން ވަނީ އެމްޑީޕީ ދޫކުރައްވައި ވަޑައިގެން ޑިމޮކްރެޓްސް އުފައްދަވައިފައެވެ. އެ ޕާޓީގެ ރައީސަކަށް ފުރަތަމަ ހުންނެވީ ހަސަން ލަތީފެވެ. ނައިބު ރައީސަކަށް ހުންނެވީ އެމްޑީޕީގެ ނައިބު ރައީސްކަން ކުރެއްވި މުހައްމަދު ޝިފާޒް (ޝިއްޕެ)އެވެ.
އެމްޑީޕީއަށް ފާޑުކިޔުމަށް ފަހު ޑިމޮކްރެޓްސްއިން ވަނީ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކޮށްފައެވެ. އެކަމަކު، އެ ޕާޓީއަށް ލިބުނީ އެންމެ ހަތް އިންސައްތަ ވޯޓެވެ. ދެވަނަ ބުރަށް ނުދިއުމުން ވެސް އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރަން ޑިމޮކްރެޓްސްއިން ދެކޮޅު ހެދިއެވެ.
އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ނަޝީދު ވަނީ އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރުން ކަމަށް ވިދާޅުވެ އެކި ފަހަރު މަތިން ވާހަކަފުޅުދައްކަވައިފައެވެ. އޭގެ ފަހުން، އެ މަނިކުފާނުގެ އަރިސް ބޭފުޅުންތަކެއް ކަމަށްވާ ހަސަން ލަތީފާއި ޝިފާޒްގެ އިތުރުން ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަކަށް ފުރަތަމަ ހުންނެވި އަލީ އާޒިމް ވަނީ ކުއްލިއަކަށް އެކީ އެމްޑީޕީއަށް ސޮއިކޮށްފައެވެ.
އެ ބޭފުޅުން އެނބުރި އެމްޑީޕީއަށް ވަޑައިގަތީ ނަޝީދު އަންގަވައިގެން ކަމަށް ތުހުމަތުކުރެވިފައި އޮއްވައި އެ ދުވަހު އެ މަނިކުފާނު ވަނީ 'އެމްޑީޕީއަކީ ދަރިއެއް'ފަދަ ޕާޓީއެއް ކަމަށް ވިދާޅުވެ، ދެ ޕާޓީއަށް ވެސް ކާމިޔާބަށް އެދޭ ކަމަށް ވިދާޅުވެފައެވެ.
ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު މާލެ ވަޑައިގެން ހޯމަ ދުވަހު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ބައްދަލުކުރައްވައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ފައްޔާޒާއި ނަޝީދުގެ ޝައުގުވެރިކަން ފާޅުކުރެއްވިއިރު، ފާޅުގައި ވިދާޅުނުވި ނަމަވެސް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް އެ މަސައްކަތް ކުރައްވާކަން ވަނީ އެނގިފައެވެ.