އައިކޮމް އޮފީހުގެ ފާޚާނާ ބޭނުމެއް ނުކުރެވޭ، ފާޚާނާ ކުރަން މުވައްޒަފުން ގެއަށް!

އައިކޮމް އޮފީސް: އައިކޮމް އޮފީހުގެ މުވައްޒަފުންނަށް ފާޚާނާ ވެސް ބޭނުންނުކުރެވޭ ހާލަތުގައި -- ފޮޓޯ/ އައިކޮމްގެ އަހަރީ ރިޕޯޓު

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)ގެ މުއައްޒަފުންނަށް އޮފީހުގެ ފާޚާނާ ވެސް ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައިވާކަމަށް އިންފޮމޭޝަން ކޮމިޝަނާ އަޙްމަދު އާހިދު ރަޝީދު ވިދާޅުވެއްޖެއެވެ.

އައިކޮމް އޮފީސް އިމާރާތަށް ފެން ފައިބައިގެން ފޫ ޖަހާފައިވާތީ، މުވައްޒަފުން މަސައްކަތް ކުރުމަށް ގިނަ ދަތިތަކެއް ދިމާވެފައިވާ މައްސަލަ މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ.

އައިކޮމްގެ އޮފީސް ހުންނަނީ ގ. ބިއްލޫރިޖެހިގޭގައެވެ. އައިކޮމްގެ އިތުރުން މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަންވެސް ހުންނަނީ އެ އިމާރާތުގައެވެ.

އެސްއެސް ޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވިދާޅުވީ، އޮފީސް ހުންނަ އިމާރާތުގެ ހާލަތު ދުވަހަކަށް ވުރެން ދުވަހެއް ދަށް ވަމުން އަންނަ ކަމަށެވެ.

އައިކޮމް އޮފީސް ހުންނަނީ އެ އިމާރާތުގެ އެންމެ ތިރީގައިކަން ފާހަގަކުރައްވައި އާހިދު ވިދާޅުވީ އެ އިމާރާތަށް ބަދަލުވީއްސުރެ ވެސް ފެން ފޭބުމާއި އަދި އެ ނޫންވެސް މައްސަލަތައް ދިމާވާކަމަށެވެ. ވަކިން ޚާއްސަކޮށް މުވައްޒަފުންގެ ފަރާތުން އެ ޝަކުވާތައް ތަކުރާރުކޮށް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިމާރާތުގެ ފެން ލީކުވުމުގެ ކަންތައް ހަމަ ވަރަށް ބޮޑަށް، މި އަހަރަކު މިދިޔަ އަަރަކުއެއް ނޫން އިނގޭތޯ، އެތައް އަހަރެއް ވެއްޖެ މިކަން މިހެން ވާތަން. އެހެން ނަމަވެސް އަޅުގަނޑުމެން ތަންކޮޅެއް ހާސްވާންޖެހޭ މިންވަރަށް މިކަން މިދިޔައީ މިދިޔަ އަހަރުގެ ކުރީ ކޮޅު ނުވަތަ 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން. އިންފިމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދު

އާހިދު ވިދާޅުވީ ފެން ލީކުވުމުގެ މައްސަލަ ހައްލު ކުރުމަށް ކުރެވެންހުރި މަރާމާތުގެ މަސައްކަތްތައް ބަރާބަރަށް ކުރަމުންދާއިރުވެސް މަހެއްހާ ދުވަސް ވާއިރަށް އަނެއްކާވެސް އެ މައްސަލަ ގޯސްވާ ކަމަށެވެ.

އަދި މިހާރު ވެސް އޮފީހުގައި ހުރީ ފޫޖަހާފައި ކަމަށާއި އެކަމުގެ ސަބަބުން އޮފީހުގެ ސައި ކޮޓަރި މިހާރު އެއްގޮތަކަށްވެސް ބޭނުން ނުކުރެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އައިކޮމް އޮފީސް: އައިކޮމް އޮފީހުގެ ފާޚާނާ ވެސް ހުރީ ބޭނުންނުކުރެވޭ ހާލަތުގައި -- ފޮޓޯ/ އައިކޮމްގެ އަހަރީ ރިޕޯޓު

"ފާޚާނާ ކައިރީގައި އެއްކޮށް އޮންނަނީ ފެން ބޮޑުވެފަ. ފާޚާނާއކީ ހަގީގަތުގައި ބޭނުންކުރެވޭ ހާލަތުގައި އޮތް ތަނެއް ނޫން. އެންމެ ފާޚާނާއެއް މި ހުންނަނީ މުޅި އޮފީހުގައިވެސް. ދެން ފެން ބޮޑުވެގެން އޭގެ އަސަރު ބޮޑުވެގެންގޮސް މިހާރު، އަޅުގަނޑުމެންގެ މީޓިން ރޫމަކީ މިހާރު ސިއްހީ ގޮތުން އެތަނުގައި މަސައްކަތްކުރަން އެއްވެސް ގޮތަކަށް ރަނގަޅުތަނެއް ނޫން." އާހިދު ވިދާޅުވިއެވެ.

އޮފީހަށް ގޮސްފައި އޮފީހުގެ ރަސްމީ ގަޑި ނިމެންދެން އެއްވެސް މުއައްޒަފަކަށް ނުހުރެވޭނެ ކަންނޭނގެ ފާޚާނާއަށް ނުގޮސް. އެހެންވީމާ ފާޚާނާއަށް ދާން ޖެހުމުން، ފާޚާނާކުރަން މި ޖެހެނީ އޮފީހުން ނިކުންނަން. އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދު

އާހިދު ވިދާޅުވީ ފޫޖެހުމުގެ ސަބަބުން އޮފީހުގެ މީޓިން ރޫމް ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައި ވާކަމަށެވެ. އައިކޮމްއަށް ހުށަހެޅޭ މައްސަލަތައް ބަލަންޖެހެނީ ހުޅުވާލައިގެން ކަމަށާއި ނަމަވެސް ބައެއް ހާލަތުގައި ސިއްރު ބައްދަލުވުންތައްވެސް ބާއްވަން ޖެހޭކަމަށް އާހިދު ވިދާޅުވިއެވެ.

އަދި ކޮންމެ ދުވަހަކު ފުލުފުލުގައި ބައްދަލުވުންތައް ބާއްވަންޖެހޭއިރު މީޓިންރޫމް ބޭނުންނުކުރެވުމުގެ ސަބަބުން އެކަން މިހާރު ހުއްޓާލަން ޖެހިފައިވާ ކަމަށާއި ގިނަ ބައްދަލުވުންތައް ބާއްވަމުން އަންނަނީ އޮންލައިންކޮށްކަން އޭނާ ވަނީ ފާހަަގަކުރައްވާފައެވެ. އަދި މުވައްޒަފުން މިހާރު އޮފީހުގައި މަސައްކަތްކުރަނީ ދަންފަޅިތަކަށް ބަހާލައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މައްސަލަ ދައުލަތުގެ ކަމާބެހޭ ފަރާތްތަކާވެސް ހިއްސާކޮށްފައި ވާނެ ކަމަށާއި ނަމަވެސް މިކަމަށް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށެވެ. މިދިޔަ އަހަރުގެ މެދެއްހައި ހިސާބުގައި ފިނޭންސް މިނިސްޓްރީއިން އެއްވެސް މަރާމާތެއް ނުކުރުމަށް އައިކޮމްއަށް އަންގާފައިވާކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އަޅުގަނޑުމެން މިތިބީ ހަދާނެ ގޮތް ހުސްވެފަ. މަރާމާތު ކުރެވޭކަށެއް ނެތް. އައު އިމާރާތެއް ލިބޭކަށެއް ނެތް. ނަމަވެސް އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް ކުރަން އެބަޖެހޭ. އިންފިމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދު

https://sun.mv/203565

ފެން ފޭބުމުގެ ސަބަބުން އައިކޮމްގެ އޮފީހުގައި ފޫޖަހައިފައި ހުއްޓާ ނަގާފައިވާ ފޮޓޯތަކެއް މިދިޔަ މާޗު މަހުގައި ވަނީ ސޯޝަލް މީޑިއާގައި އާންމުވެ އެކަމަށް އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

comment ކޮމެންޓް