14 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި, ރައީސް ތާރީޚުގެ ތެރެއަށް

3 މެއި 2025: ރައީސުލްޖުމްހޫރިއްޔާގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރައީސް ޑރ. މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ރައީސަކު މިހާތަނަށް ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން މިއަދު ބާއްވަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިކޯޑެއް ހައްދަވައިފިއެވެ.

މިއަދަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ކަމަށްވާއިރު، ރައީސް މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލު ކުރެއްވީ 500 ދުވަސް ފަހުންނެވެ.

ވާހަކަފުޅު ފަށްޓަވަމުން ވެސް ރައީސްވަނީ، ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށް މިއަދު ޖަވާބު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު 10 ޖަހާކަންހާއިރު ފެށި ނޫސްވެރިންގެ ބައްދަލުވުން ރައީސް ނިންމަވައިލެއްވިއިރު 00:30އަށް ވުރެ ވެސް ބޮޑުވެ، މުޅި ބައްދަލުވުމުގެ ވަގުތު ވަނީ 14 ގަޑިއިރަށްވުރެ އިތުރުވެފައެވެ.

ރައީސް ބައްދަލުވުން މެދުކަނޑާލެއްވީ ނަމާދު ވަގުތުތަކަށް 20-30 މިނެޓަށެވެ.

ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތަފުސީލު ހާމަ ކުރެއްވުމަށް ދެ ގަޑިއިރެއްހާއިރު ހޭދަ ކުރެއްވެވިއެވެ. އެއަށް ފަހު ބާކީ ވަގުތު ހޭދަކުރެއްވީ ނޫސްވެރިންގެ ސުވާލުތައް ހުސް ވަންދެން ޖަވާބު ދެއްވުމަށެވެ.

އެ ބައްދަލުވުމުގައި ގިނަ ނޫސްވެރިން ވަނީ ރައީސް މީޑިއާއާ ބައްދަލުކުރައްވާ މިންވަރު މަދު ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކަންބޮޑުވުންތަކާ ގުޅުވައި އަދި ޕްރެސް ނިންމަވާލައްވަމުން ރައީސް ވަނީ މީޑިއާއާ ބައްދަލުކުރެއްވުން އިތުރު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިން އާއްމުކޮށް ރައީސުން ނޫސްވެރިންގެ ބައްދަލުވުން ބާއްވަވަނީ އެއް ގަޑިއިރު ނުވަތަ ދެ ގަޑިއިރަށެވެ.

އެހާ ދިގުކޮށް ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަކީ ދުނިޔޭގެ އެހެންގައުމުތަކުގައި ވެސް މާ އާއްމު ކަމެއް ނޫނެވެ.

ދުނިޔޭގެ ތާރީޚުގައި ރިކޯޑު ކުރެވިފައިވާ އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުންތައް

  1. 10 އޮކްޓޫބަރު 2019: ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ - 14 ގަޑިއިރު
  2. 3 ފެބްރުއަރީ 2017: އެލެކްޒެންޑާ ލުކަޝެންކޯ - 7 ގަޑިއިރު
  3. 19 ޑިސެންބަރު 2008: ވްލަޑިމިއާ ޕޫޓިން - 4 ގަޑިއިރާ 47 މިނެޓު

އެންމެ ގިނަ ވަގުތަށް ދެމިގެން ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި، ދުނިޔޭގެ ރިކޯޑު ހެއްދެވީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީއެވެ. އެހެން ނަމަވެސް ގިނެސް ވޯލްޑް ރިކޯޑު ފޮތުގައި އެ ރިކޯޑު ހިމަނާފައި ނުވެއެވެ.

comment ކޮމެންޓް